މަންމަ އަކަށް ވީތީ ފަޚުރުވެރިވަން: ކަރަން

އޭނާ އަކީ ދެދަރިންގެ ބައްޕަގެ އިތުރުން އެ ދެކުދިންގެ މަންމަ ވެސް ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށް ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު، ކަރަން ޖޯހަރު ބުނެފި އެވެ.

ކަރަން މިހެން ބުނެފައި ވަނީ އިއްޔެ ފާހަގަ ކުރި މަންމައިންގެ ދުވަހާ ގުޅުވައިގެން އޭނާ ކުރި ޓުވީޓެއްގަ އެވެ. ކަރަން ކުރި ޓުވީޓުގައި އޭނާ ވަނީ ހުރިހާ މައިން ދެކެ، ޚާއްސަކޮށް އޭނާގެ މަންމަ، ހިރޫ ޖޯހިރު ދެކެ ލޯބިވާ ކަމަށާއި ޚުދު ކަރަން އަކީ ވެސް މަންމައެއް ކަމަށް ބުނެފަ އެވެ.

"މައިން ދެކެ އަހަރެން ލޯބިވޭ. އަހަރެން އަހަރެންގެ މަންމަ ދެކެ ވަރަށް ލޯބިވޭ. މަޔަކަށް ވީތީ އަހަރެން ފަޚުރުވެރިވަން،" ކަރަން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

ކަރަން އަށް މިދިޔަ އަހަރުގެ މާޗު މަހު ވަނީ އެއްމާބަނޑު ދެކުދިން ލިބިފަ އެވެ. ކަރަން ކުދިން ހޯދައިފައި ވަނީ ސަރޮގެސީ މެދުވެރިކޮށެވެ.

ކަރަން އަށް ލިބިފައި ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއީ ރޫހީ އަދި ޔަޝް އެވެ.

ކަރަން ވަނީ ބައްޕައަކަށް ވުމުގެ އުފާ ހާސިލްވުމުން އެކަމާ ވަރަށް ބޮޑަށް އުފާވެފައި ހުރި ކަމަށް ބުނެފަ އެވެ. އަދި މިހާރު އޭނާ އަކީ މުޅިން އެހެން މީހެއް ކަމަށާއި، ދެ ކުދިންނާ އެކު ދިރިއުޅުން އިތުރަށް އުފާވެރިވެއްޖެ ކަމަށް ކަރަން ބުންޏެވެ.

comment ކޮމެންޓް