ބަލިނުވެ ބާސާއިން ދަމަހައްޓަމުންދިޔަ ރެކޯޑަށް ނިމުމެއް

ސްޕެނިޝް ލަލީގާގައި ބާސާއާއި ލެވަންޓޭ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ ބަލިވީ 5-4ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން ބަލިނުވެ ދަމަހައްޓަމުންދިޔަ ރެކޯޑަށް ލެވަންޓޭއިން ނިމުމެއް ގެނެސްފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ލެވަންޓޭ އަތުން ބާސާ ބަލިވީ 5-4ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުން ލަލީގާގައި ބާސާ ބަލިވީ މަލާގާއާ ދެކޮޅަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުޅުނު މެޗުގައެވެ. އެއީ މީގެ 400 ދުވަސް ކުރިންނެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި ލެވަންޓޭއަށް އެމަނުއެލް ބޯޓެންގް ލީޑު ހޯދައިދިން އިރު، މެޗުގެ 30 ވަނަ މިނެޓުގައި ބޯޓެންގް ވަނީ ލެވަންޓޭއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެވަންޓޭއިން ދަމަހައްޓަމުންދިޔަ ލީޑު ބާސާއަށް ހަނިކޮށްދިނީ ފިލިޕް ކުޓީނިއޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 38 ވަނަ މިނެޓުގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ލެވަންޓޭ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި ލެވަންޓޭއިން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 46 ވަނަ މިނެޓުގައި ލެވަންޓޭގެ ތިންވަނަ ލަނޑު އެނިސް ބާރްދީ ކާމިޔާބުކޮށްދިން އިރު، މެޗުގެ 49 ވަނަ މިނެޓުގައި ބޯޓެންގް ވަނީ ލެވަންޓޭގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި ލެވަންޓޭ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ ބަލިވީ 5-4ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގައި ބާސާއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ ލެވަންޓޭއިން މެޗުގެ 56 ވަނަ މިނެޓުގައި އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކުރުމުންނެވެ. ރޮޖާ މާޓީ ދިން ބޯޅައަކުން ލެވަންޓޭއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ބާރްދީއެވެ.

ބާސާގެ ފޯވަޑް އިތުރަށް ވަރުގަދަކޮށް، އެޓީމުން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 59 ވަނަ މިނެޓުގައި ބާސާގެ ދެވަނަ ލަނޑު އެޓީމުގެ ފުރަތަމަ ލަނޑު ވެސް ޖެހި ކުޓީނިއޯ ކާމިޔާބުކޮށްދިން އިރު، މެޗުގެ 64 ވަނަ މިނެޓުގައި ކުޓީނިއޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި ބާސާއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒެވެ.

ބާސާގެ ތަރި ލިއޮނެލް މެސީ ނުލައި އެޓީމުން ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ. އޭގެ ތެރޭގައި ސުއަރޭޒްއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މިސީޒަނުގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބާސާ، ތާވަލުގެ އެއްވަނައިގައި އޮތީ 37 މެޗުން 90 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 78 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 75 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ވެލެންސިއާއަށް ލިބިފައިވަނީ 70 ޕޮއިންޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު