ޕްރިމިއާލީގުގެ ފަހު ދުވަސް، ފާހަގަކޮށްލެވުނު ބައެއް ކަންތައްތައް!

ޕްރިމިއާ ލީގުގެ އެންމެ ފަހު މެޗުތައް ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، ތަރިއަކަށްވީ އަނެއްކާ ވެސް ސަލާހް --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގެ 2017-18 ވަނަ އަހަރުގެ ސީޒަން ރޭ ނިމިފައިވާ އިރު، ލީގު ފަހު ދުވަސް ފެނިގެންދިޔައީ ވަރަށް ފޯރި ގަދަކޮށެވެ. ރަން ބޫޓުގެ ވާދަވެރިކަމުން ގަދަ ހަތަރެއްގެ ފަހު ޖާގައިގެ އިންތިޒާރަށް ނިމުން ގެނުވީވެސް ފަހު މެޗުތަކުންނެވެ.

މިއަހަރު ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއަށް ކުރިން ޔަގީންވެފައި އޮތް ނަމަވެސް، އެޓީމަށް މިރޭ ވަނީ އިތުރު އެތައް އުފާވެރިކަމެއް ލިބިގެން ގޮސްފަ އެވެ. އެތަކެއް ގިނަ ރެކޯޑުތަކާ އެކު ސީޒަން ނިންމާލާ ސިޓީ ވަނީ ވަރުގަދަ މެސެޖެއް ދީފަ އެވެ. މެންޗެސްޓާގެ އަނެއް ޓީމު، މެންޗެސްޓާ ޔުނައިޓެޑަށް ފަހު މެޗު ވެގެން ދިޔައީ ކްލަބު ލެޖެންޑަކާ އަލްވަދާއު ކިޔަން ޖެހުނު މެޗަކަށެވެ. އާސެނަލަށް ވެސް ރޭގެ މެޗު ވަރަށް ހާއްސަވި އެވެ. ޓީމުގެ ކޯޗު އާސެން ވެންގާއަށް ޓަކަ އެވެ.

ސަލާހް - ރަން ބޭޓު ހޯދީ ރެކޯޑަކާއެކު

ސަލާހް ޕްރިމިއާ ލީގުގެ ރަން ބޫޓާއެކު --- ފޮޓޯ/ އޭޕީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅުމަށް ފަހު، އިޓަލީ ލީގުގެ ރޯމާއަށް ސަލާހް ބަދަލުވީ ޗެލްސީގައި އެކަށޭނެ ކުޅުމެއް ނުދެއްކި، ގިނަ ބައެއްގެ ފާޑުކިޔުންތަކަކާއެކުގަ އެވެ. އޭނާ އެނބުރި ޕްރިމިއާ ލީގަށް މި ސީޒަންގައި އައީ ލިވަޕޫލާއެކު ކަންތައްތަކެއް ސާބިތުކޮށްދިނުމަށެވެ. އެކަން އޭނާ ސާބިތުވެސް ކޮށްދީފި އެވެ. ރޭގެ މެޗުން މޮޅުވެ ލިވަޕޫލަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ވެސް ޔަގީންވެފައިވާ އިރު، ޓީމުގެ ތަރިއަކީ ސަލާހެވެ.

މިސްރުގެ ވެސް "ހީރޯ" ސަލާހް ރޭ ލިވަޕޫލުން 4-0ގެ ނަތީޖާއަކުން ބްރައިޓަން ބަލިކުރި މެޗުގައި އޭނާ ލީގުގައި ޖެހި 32 ވަނަ ގޯލް ޖެހި އެވެ. މިހާތަނަށް 38 މެޗުގެ ލީގު ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖަހައިފާ ކުޅުންތެރިންގެ ރެކޯޑު ކުރިން އޮތީ އެލެން ޝިއެރާއާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލުއިޒް ޝުއަރޭޒް އަތުގަ އެވެ. އޭގެން ކޮންމެ ކުޅުންތެރިއަކަށް ވެސް ލީގު ސީޒަނެއްގައި އެންމެ ގިނައިން ޖެހިފައި އޮތީ 31 ގޯލެވެ.

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައިވާ ސަލާހާ އެންމެ ކައިރިން ރަން ބޫޓަށް ވާދަކުރީ ޓޮޓެންހަމްގެ ހެރީ ކޭންއެވެ. ރޭ ޓޮޓެންހަމްއިން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 5-4ގެ ނަތީޖާއަކުން ޓޮޓެންހަމް މޮޅު ވެގެންނެވެ. އެ މެޗުގައި ކޭން ޖެހި ދެ ގޯލާ އެކު އޭނާ ލީގުގައި ޖެހި ގޯލްގެ އަދަދު ވަނީ 30 އަށް އަރައިފަ އެވެ. މި އަހަރުގެ ލީގުގައި އެންމެ ގިނަ އެސިސްޓް ހަދައިދީފައި ވަނީ ސިޓީގެ ކެވިން ޑިބްރޭނާ އެވެ. އޭނާ ވަނީ 16 އެސިސްޓް ލީގުގައި ހަދައިފަ އެވެ.

ސިޓީގެ ރެކޯޑުތަކެއް

ސިޓީން ރޭގެ މެޗުގެ ފަހު ވަގުތުގައި ޖެހި ގޯލާއެކު ގެބްރިއަލް ޖީސަސް އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ސިޓީން ލީގު ތަށި މާ ކުރިން ޔަގީން ކޮށްފައިވާ އިރު، އެޓީމުން ސީޒަން ނިންމާލީ ޕްރިމިއާލީގުގެ ތާރީހީ ރެކޯޑުތަކަކާއެކުގަ އެވެ. އެގޮތުން ރޭގެ މެޗުގެ ފަހު ވަގުތުގައި ގެބްރިއަލް ޖީސަސް ޖެހި ގޯލާ އެކު ސައުތުހެމްޓަން ބަލިކޮށް، ސިޓީން ވަނީ 38 މެޗުން 100 ޕޮއިންޓް ހަމަކޮށްފަ އެވެ. މިދިޔަ ހަފްތާގައި ސިޓީން ޗެލްސީގެ ތިން ރެކޯޑު މުގުރާލި އިރު، އޭގެން އެއް ރެކޯޑަކީ ލީގު ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓާ އެކު ލީގު ކާމިޔާބުކުރި ޓީމުގެ ރެކޯޑެވެ. އެ ރެކޯޑު ކުރިން ޗެލްސީ ހަދައިފައި ވަނީ 2004-05 ވަނަ އަހަރު ސީޒަންގައި 38 މެޗުން 95 ޕޮއިންޓް ހޯދައިގެންނެވެ.

މީގެ އިތުރުން މި ސީޒަންގެ ޕްރިމިއާ ލީގުގައި ސިޓީން ހެދި ރެކޯޑުތައް:

ލީގު ސީޒަނެއްގައި އެންމެ ގިނަ މޮޅާއެކު ސީޒަނެއް ނިއްމާލި ޓީމުގެ ރެކޯޑު - ސިޓީ ވަނީ ސީޒަންގައި 32 މޮޅު ހޯދައިފައި

އަވޭ މެޗުތަކުން އެންމެ ގިނަ މޮޅު ހޯދި ޓީމުގެ ރެކޯޑު - ސިޓީން ވަނީ މި ސީޒަންގައި 16 އަވޭ މެޗުން މޮޅުވެފައި

ޖެހިޖެހިގެން އެންމެ ގިނަ ލީގު މެޗުން މޮޅުވި ޓީމުގެ ރެކޯޑު - ސިޓީ ވަނީ ޖެހިޖެހިގެން 18 މެޗުން މޮޅުވެފައި

ލީގު ސީޒަނެއްގައި އެންމެ ގިނައިން ގޯލް ޖެހި ޓީމުގެ ރެކޯޑު - ސިޓީ ވަނި މި ސީޒަންގެ ލީގުގައި 106 ގޯލް ޖަހައިފައި

އެންމެގިނަ ފައިދާ ގޯލާއެކު ލީގު ނިންމާލި ޓީމުގެ ރެކޯޑު - ސިޓީން ސީޒަން ނިންމާލީ ފައިދާ 79 ގޯލާ އެކު

ތާވަލުގައި އެންމެ ބޮޑު ތަފާތަކާ އެކު ލީގު ނެގި ޓީމުގެ ރެކޯޑު - އެވަނައިގައި ސިޓީން 100 ޕޮއިންޓް ހަމަކޮށްފައިވާ އިރު، އެޓީމުން ލީގު ނިންމާލީ 19 ޕޮއިންޓްގެ ލީޑެއްގައި

ޔުނައިޓެޑުން ކެރިކަށް އަލްވަދާއު ކިޔުން - އާސެން ވެންގާގެ ފަހު މެޗު

ކެރިކްގެ ފަހު މެޗަށްފަހު ސަޕޯޓަރުންނަށް އަލްވަދާއު ކިޔަނީ --- ފޮޓޯ/ އޭޕީ

ޔުނައިޓެޑުން ރޭ ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗު ޔުނައިޓެޑަށް ހާއްސަވީ ކްލަބުގެ ލެޖެންޑް މައިކަލް ކެރިކްގެ ފަހު މެޗުގެ ގޮތުގަ އެވެ. ކެރިކް މި ސީޒަންގައި ގިނަ މެޗުތަކަކުން ފެނިފައިނުވި ނަމަވެސް، ރޭގެ މެޗުގައި ކުޅެން ނުކުމެ އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ކެރިކަށް ޔުނައިޓެޑްގެ ސަޕޯޓަރުންނާއި ކުޅުންތެރިން ހާއްސަ އަލްވަދާއެއް ދީފައިވާ އިރު، ސްޕޯޓަރުންނާ ވާހަކަ ދައްކަމުން އޭނާ ވަނީ ޔުނައިޓެޑްގައި ހޭދަކުރި 12 އަހަރުގެ ކެރިއަރުގެ އުސްއަލިތަކަށް އަލި އަޅުވާލައިފަ އެވެ. ކެރިކް ޔުނައިޓެޑާ ގުޅުނީ 2006 ވަނަ އަހަރުގެ ޓޮޓެންހަމްއިންނެވެ. މިހާރު ޔުނައިޓެޑްގެ ކެޕްޓަން ކަމުގައި ހުރި ކެރިކް ވަނީ އެޓީމަށް 464 މެޗު ކުޅެދީ 11 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ފަސް ލީގު ތަށްޓާއި އެފްއޭ ކަޕެއްގެ އިތުރުން ޗެމްޕިއަންސް ލީގު ތަށްޓެއް ވެސް ހިމެނެ އެވެ.

ރޭ އާސެނަލުން ހަޑަލްސްފީލްޑާ ދެކޮޅަށް ކުޅުނު މެޗުން 1-0ގެ ނަތީޖާއަކުން މޮޅުވެފައިވާ އިރު، އެ މެޗަކީ އެޓީމުގައި 22 އަހަރު ހޭދަކުރުމަށް ފަހު އަލްވަދާއު ކީ އާސެން ވެންގާ ޓީމަށް އިރުޝާދު ދިން ފަހު މެޗެވެ. މިދިޔަ ހަފްތާގައި އާސެނަލުން ހޯމްގައި ވެންގާއަށް ފުރިހަމަ އަލްވަދާއެއް ދީފައިވެ އެވެ.

ގަދަ ހަތަރަކާއި ޔޫރޮޕާ ލީގު ޖާގަތައް - ރެލިގޭޓްވާނެ ޓީމުތައް ޔަގީންވުން

ރޭގެ މެޗުން ބަލިވެ، މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޗެލްސީއަށް ވަނީ ގަދަ ހަތަރެއް ގެއްލިފައި --- ފޮޓޯ/ އޭޕީ

ރޭގެ މެޗަށް ނުކުތް އިރު، ގަދަ ހަތަރެއްގެ ތެރެއިން ޔަގީން ނުވެ އޮތީ އެންމެ ޖާގައެކެވެ. އެ ޖާގަ ލިބުމުގެ ފުރުސަތު ޗެލްސީއަށް އޮތް އިރު، އެޓީމު ރޭ ނިއުކާސަލް އަތް ދަށުވީ 3-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު ވެސް ޗެލްސީއަށް އަމިއްލަ ބާރުގައި ހަތަރު ވަނަ މަގާމު ލިބެން ނެތް އިރު، އެޓީމަށް ގަދަ ހަތަރަކަށް ދެވެން އޮތް ގޮތަކީ ލިވަޕޫލުން ކުޅުނު މެޗުން ބަލިވުމެވެ. އެހެން ނަމަވެސް ލިވަޕޫލް ވަނީ ފަސޭހަކަމާ އެކު ބްރައިޓަން ބަލިކޮށް، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ފުޓުބޯޅަ ޔަގީން ކޮށްފަ އެވެ. ލިވަޕޫލްގެ އިތުރުން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ޔަގީން ކުރީ ޗެމްޕިއަން ސިޓީއާއި ދެވަނައިގައި ސީޒަން ނިންމާލި ޔުނައިޓެޑްގެ އިތުރުން ޓޮޓެންހަމް އެވެ.

ޔޫރޮޕާ ލީގުގެ ޔަގީން ޖާގައެއް ޗެލްސީއާއި އާސެނަލަށް ލިބޭ އިރު، ބާންލީވެސް އަންނަ ސީޒަންގެ ޔޫރޮޕާ ލީގުގެ ކޮލިފިކޭޝަން ކުޅޭނެ އެވެ. މި ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ޓީމުތަކަކީ ސްވަންސީގެ އިތުރުން ސްޓޯކް ސިޓީއާއި ވެސްޓްބްރޮމް އެވެ.

comment ކޮމެންޓް