އުމަރުގެ ވެރިކަމެއްގައި ސިޔާސީ ފަރާތްތަކުން 6:30ގައި އޮފީހަށް ނުކުންނަން ޖެހޭނެ

އުމަރު ނަސީރު: އޭނާގެ ވެރިކަމެއްގައި ސިޔާސީ މާގާމްގައި ތިއްބަވާ ފަރާތްތަކުން 6:30 ގައި އޮފީހަށް ނުކުންނަވަން ޖެހޭނެ -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

މިއަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާނުކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި، ސިޔާސީ މަގާމްތަކުގައި ތިއްބަވާ ފަރާތްތަކުން ހެނދުނު 6:30 އޮފީހަށް ނުކުންނަން ޖެހޭ ގޮތަށް ގަވާއިދު ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު އެހެން ވިދާޅުވެފައިވަނީ އޭނާއަށް ތާއިދުކުރައްވާ ފަރާތްތަކުން ރޭ ބޭއްވި މާހެފުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ، ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށް ނިންމާލާއިރު ހަތް އަހަރުގެ ދުވަހުގެ މަސައްކަތް ކޮށް ނިންމާނެ ކަމަށާއި އެކަން ކުރެވޭނީ މިހާރަށް ވުރެން ގިނަ އިރު އިފެކްޓިވްކޮށް ސްމާޓްކޮށް މަސައްކަތް ކުރާނެތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއް ފެށޭނީ ހެނދުނު 6:30ގައި. 6:30 އިން ފެށިގެން އަޅުގަނޑުގެ ސަރުކާރެއް މަސައްކަތް ކުރާނީ ހަވީރު ހަތަރެއް ޖަހަން ދެން،" ރިޔާސީ އިންތިހާބްގައި ވާދަކުރެއްވުމަށް ދާދި ފަހުން އިދިކޮޅު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ 'އާމިސްރާބަކަށް' އެ ނަމުގައި އޭނާގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވާނީ ކުރިއަށް މިއޮތް ރޯދަ މަސް ނިންމާލުމަށްފަހު ކަމަށާއި އެކަމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާނެ 3000 މީހުން ބޭނުންވާ ކަމަށެވެ. އަދި އެ ތިންހާސް މީހުން ފުލް ޓައިމްކޮށް މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ކޮންމެ މީހަކު ވެސް އެއް ގަޑިއިރު ނުވަތަ ދެ ގަޑިއިރު އަޅުގަނޑާ އެކު އަޅުގަނޑުގެ ކެމްޕެއިންގައި މަސައްކަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މަސައްކަތުގައި ބައިވެރިވެ ވަޑައިގަތުމަށް،" އުމަރު ވިދާޅުވިއެވެ.

comment ކޮމެންޓް