އުއްތަމަ ފަނޑިޔާރަށް ކުރާ ޓެރަރިޒަމް ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަން ނިންމައިފި

މެއި 8، 2018: އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހުކުން ކުރަން ކޯޓަށް ހާޒިރު ކުރުން -- ސަން ފޮޓޯ/ ފަޔާޒު މުސާ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ޓެރަރިޒަމް ދައުވާގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަަމަށް ޝަރީއަތުން ކަނޑައަޅައިފިއެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދައުވާ ކުރާ އެމައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކުރިއަށް ދިޔައީ ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ކަންކަން ހުށަހެޅުމެވެ. އެ ފުރުސަތުގައި ދައުލަތުން ވަނީ ޝަރިއަތުގެ ކުރިން ތިން ކަމެއް ހުށަހަޅައިފައެވެ.

އެއީ ހެކި ސިއްރު ކުރުމަށް ޝަރީއަތުން މީގެ ކުރިން ނެރިފައިވާ ވަގުތީ އަމުރު ދާއިމީ ކޮށް ދިނުމަށާއި ހެކިން ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމަށާއި މައްސަލައިގައި ފަހުން ހެއްކެއް ހުށަހަޅަން ފުރުސަތު ލިބިއްޖެ ނަމަ އެ ހެއްކެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވި ގޮތުން ހެކިން ރައްކާތެރި ކުރުމާއި ހެކި ސިއްރު ކުރުމުގެ އަމުރެއް ނެރުމަށް ދައުލަތުން އެދުނީ މައްސަލާގައި ހެކިބަސްދޭ މީހުންގެ ޒާތީ ދިރިއުޅުމަށް ހެކި ސިއްރު ނުކޮށްފި ނަމަ އަސަރު ކުރާނެ ކަމަަށް ދައުލަތަށް ގަބޫލު ކުރެވޭތީއެވެ. އަދި ގާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތެއްގެ ޒާތީ ދިރިއުޅުން ރައްކާތެރި ކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވާ ބުނުމަށް ދައުލަތުން ވަނީ ހަވާލާ ދެއްވައިފައެވެ.

އޭގެ އިތުރުން ހެކި ސިއްރުކޮށްގެން ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަން 2017 ވަނަ އަހަރު ހައިކޯޓުން ނިންމާފައިވާ ޣަޒިއްޔާއަކުން އެނގެން އޮންނަ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުލަތުން ހަވާލާ ދެއްވި ޣަޒިއްޔާއާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ދައުލަތުން ފާހަގަ ކުރި ހައިކޯޓުގެ ޣަޒިއްޔާއަކީ އިޖުރާއަތު ގާނޫނު އައުމުގެ ކުރިން ހުށަހަލައިގެން ކުރިއަށް ގެންގޮސްފައިވާ ޣަޒިއްޔާއެއް ކަމަށެވެ. އަދި އިޖުރާއަތު ގާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ހެކިން ސިއްރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ނޫރު ވިދާޅުވިއެވެ.

އަދި އެ މާއްދާގެ ސަބަބުން ދައުލަތަށް ދައުވާ ކުރުމުގައި ނުވަތަ ހެކިން ސިއްރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެގެން އުނދަގޫ ވާނަ އެމާއްދާ ބާތިލު ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހަޅާނެ ކަމަށާއި ނަމަވެސް މިހާތަނަށް ހުށަހަޅާފައި ނެތި ދަތިކަމެއް ނެތުމުން ކަމަށް ނޫރު ވިދާޅުވިއެވެ.

ހެކިންގެ ޒާތީ ދިރިއުޅުމަށް އަސަރު ކުރާނެ ކަމަށް ދައުލަތުން ބުނި ވާހަކައަށް ރައްދު ދެއްވައި ނޫރު ވިދާޅުވީ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ބަޔާންތަކަކީ މިހާރު ލީކުވެފައިވާ ބަޔަންތަކެއް ކަމަށާއި ޒާތީ ދިރިއުޅުމަސް އަސަރު ކުރާނެ ނަމަ މިހާރު ހުންނާނީ ކޮށްފައި ކަމަށެވެ. އެހެންވީމަ ހެކި ސިއްރު ކުރުމުގެ މާނައެއް ނެތް ކަމަށް ނޫރު ވިދާޅުވިއެވެ.

ގާޒީ އަހުމަދު ހައިލަމް ވަނީ ދައުލަތުން ހުށަހެޅި ތިން ހުށަހެޅުންވެސް ބަލައިގަނެ ހެކި ސިއްރު ކުރުމަށް ނިންމައިފައެވެ. އަދި މަދަނީ މިންގަނޑުން ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަަމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް