ނުވަ ގައުމެއްގެ ބައިވެރިންނާއެކު ބައިނަލްއަގްވާމީ ޤުރުއާން މުބާރާތް އިފްތިތާހްކޮށް، މާދަމާ ފަށަނީ

"އައްނޫރުލް މުބީން"ގެ އޮފިޝަލުންނާއި، ޖަޖުންނާ އަދި ބައިވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ ހިމެނޭ ގޮތަށް ނުވަ ގައުމެއްގެ ބައިވެރިންނާއެކު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތް އިފްތިތާހްކޮށް، މުބާރާތުގެ ކިޔެވުން މާދަމާ ފަށަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް، "އައްނޫރުލް މުބީން"ގެ ނަމުގައި ބާއްވާ އެ މުބާރާތަކީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު އަދި ޕީއެސްއެމް ގުޅިގެން ބާއްވާ މުބާރާތަކެވެ.

މުބާރާތުގެ ކިޔެވުން އޮންނާނީ ކުރިއަށް އޮތް ދެ ދުވަހު އެވެ.

މުުބާރާތް އިފްތިތާހް ކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މުބާރާތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިތުރުން އެ މުބާރާތުގައި ވާދަ ކުރާނީ ސޫދާން، ތުރުކީ، ސައުދީ އަރަބިއްޔާ، ޕާކިސްތާން، މެލޭޝިޔާ، ކުވެއިތު، މިސްރު އަދި ބަންގުލަދޭޝް ކަމަށެވެ.

ރާއްޖޭގެ ފަރާތުން މުބާރާތުގައި ބައިވެރިވާނީ މ. ވޭވަށް، ފެހިފާރުދާގެ އަޝްރަގް ނާޒިރެވެ. މުބާރާތުގައި ރާއްޖެ ތަމްސީލް ކުރަން އޭނާ ހޮވުނީ، މުބާރާތަށްޓަކައި ބޭއްވި ހާއްސަ އޮޑިޝަންގައި ކިޔަވައިގެން އެންމެ މަތީ މާކްސް ލިބިގެންނެވެ.

މުބާރާތުގެ ޖަޖުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ ފަސް ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސޫދާނާއި، ޕާކިސްތާނާއި، މެލޭޝިޔާއާއި، ޔަމަނާއި ރާއްޖޭގެ ޖަޖުންނެވެ.

ރަސްމިއްޔާތުގައި ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް ވިދާޅުވީ، ޕީއެސްއެމް ޗެނަލުންނާއި އިސްލާމީ ޗެނަލް، މުނާރުން އަދި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް މުބާރާތުގެ ކިޔެވުން ވަގުތުން ގެނެސްދޭނެ ކަމަށެވެ.

އަދި މުބާރާތުގެ ރެކޯޑިން ވީހާވެސް ގިނައިން ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ، ޕީއެސްއެމްގެ އަމާޒަކީ މިއަހަރަށްވުރެ ގިނަ ބައިވެރިން އަންނަ އަހަރުގެ މުބާރާތުގައި ބައިވެރިވެ، އިސްލާމީ ވެރިކަން ހިނގާ ގައުމުތަކުގެ އިތުރުން އިސްލާމީ މުޖުތަމައުތައް އޮންނަ ގައުމުތަކުން ވެސް ރީތިކޮށް ޤުރުއާން ކިޔަވާ ބައިވެރިން މުބާރާތުގައި ވާދަކުރުން ކަމަށެވެ.

އަދި މިއަހަރުގެ މުބާރާތުގައި އަންހެން ބައިވެރިއަކު ނުހިމެނުނު ނަމަވެސް އުއްމީދަކީ އަންނަ އަހަރު އަންހެން ބައިވެރިއަކު މުބާރާތުގައި ވާދަކުރުން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ގަވާއިދުން ފަހިކުރެވެން ހުރި ކަންކަން ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރަން ހަމަޖެހިފައިވަނީ، ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް އަންނަ ބުރާސްފަތި ދުވަހު ބާއްވާ ފުރަތަމަ ޖަލްސާގައެވެ.

އެ ޖަލްސާގައި މުބާރާތުގެ ބައިވެރިންނަށް އިނާމް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.

އެ މުބާރާތުގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ، 30،000 ޑޮލަރެވެ.

އަދި ދެވަނައަށްދާ ބައިވެރިއަކަށް 15،000 ޑޮލަރު ހުށަހަޅާފައިވާއިރު، ތިން ވަނައަށް ދޭން ނިންމާފައި ވަނީ 5000 ޑޮލަރެވެ. ފައިސާގެ އިނާމުގެ އިތުރުން މުބާރާތުގައި ރައީސްގެ ހާއްސަ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް