ޕާކިސްތާނުން ރާއްޖެއަށް ހަދިޔާކުރި ލެޕްޓޮޕްތައް މިއަހަރު އަތޮޅުތެރޭގެ ސްކޫލްތަކަށް

ޕާކިސްތާނުން ހަދިޔާކުރި ލެޕްޓޮޕްތައް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޕީއެސްއެމް

ޕާކިސްތާނުގެ ފުރަތަމަ ގަވަނަރ ޖެނެރަލް މުހައްމަދު އަލީ ޖިނާހްގެ ނަމާ ގުޅުވައިގެން ޕާކިސްތާނުން ރާއްޖެއަށް ދެމުން އަންނަ ލެޕްޓޮޕްތަކުގެ ތެރެއިން މިއަހަރު 30 ލެޕްޓޮޕް ހަދިޔާ ކޮށްފިއެވެ.

"ޖިނާހް ލެޕްޓޮޕް ސްކީމް"ގެ ނަމުގައި ޕާކިސްތާނުން ރާއްޖެއަށް ލެޕްޓޮޕް ދޭން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. އެގޮތުން މިދިޔަ އަހަރު ވަނީ ރާއްޖެއަށް 15 ލެޕްޓޮޕް ހަދިޔާ ކޮށްފައެވެ. އަދި މިއަހަރު ވަނީ އެ އަދަދު ދެ ގުނަ އިތުރު ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ލެޕްޓޮޕްތައް ދިވެހި ސަރުކާރާއި ހަވާލު ކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ވަސީމް އަކްރަމެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ލެޕްޓޮޕްތަކާ ހަވާލުވެވަޑައިގަތީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.

ޑރ. ނަޒީރު ވިދަޅުވީ، މިދިޔަ އަހަރު ލިބުނު ލެޕްޓޮޕްތައް ހަދިޔާ ކޮށްފައިވަނީ ހަމައެކަނި މަލޭގެ ސްކޫލްތަކަށް ނަމަވެސް މިއަހަރުގެ ހުރިހާ ލެޕްޓޮޕެއް ހަދިޔާކުރަން ހަމަޖެހިފައިވަނީ އަތޮޅުތެރޭގެ 30 ސްކޫލަކަށް ކަމަށެވެ. އެ ލެޕްޓޮޕްތައް ހަދިޔާ ކުރާނީ މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ލެޕްޓޮޕްތައް ހަދިޔާކުރާ ސްކޫލްތައް ހޮވާނީ، ތައުލީމީ ގޮތުން އެންމެ ފާހަގަކުރެވޭ ސްކޫލުތައް ބަލައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ރަސްމިއްޔާތުގައި ޕާކިސްތާން ސަފީރު ވަނީ، ދިވެހި ސަރުކާރުން ސްކޫލްތައް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއަށް ޕާކިސްތާނުން ވެދެވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އަންނަ އަހަރު ރާއްޖެއަށް ހަދިޔާކުރާ ލެޕްޓޮޕްގެ އަދަދު 50 އަށް އިތުރު ކުރާނެކަމުގެ ޔަގީންކަން ދެއްވައި ސަފީރު ވިދާޅުވީ، ޕާކިސްތާނުން ރާއްޖެއަށްދޭ ސްކޮލަޝިޕްގެ ފުރުސަތުތަކާއި ދާއިރާތައް ވެސް މިއަހަރު އިތުރުކޮށްދެއްވާނެ ކަމަށެވެ.

comment ކޮމެންޓް