ހިމާޔަތެއް ނެތިފައި

01 ސެޕްޓެމްބަރ 2011 އާ ގުޅޭ

"މިއައީ އޭނަ ގޮވައިގެން، އެބަހުރި ބަނބުކެޔޮގަސް ދޮށުގަ" އަޝްހަރު އައިސް އަޒުރާގެ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އެއާއިއެކު އަޒުރާގެ ގާތުގައި އިށީނދެލައިގެން އިން ޝިޔާޒު ތެދުވިއެވެ. އަދި އަޒުރާ ގާތު ރީތިވެލައިގެން ހުރުމަށް ބުންޏެވެ.
ޝިޔާޒު އަޝްހަރު އާއިއެކު ނުކުމެގެން ދިއުމުން އަޒުރާ ތެދުވެގެން ގޮސް ރީތިވާ މޭޒުގެ ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. އަދި އިސްތަށިގަނޑުގައި ހިފާ އެއްފަރާތަކަށް ގެނެއެވެ. ކުރުކޮށް އޮތްބައި ކިރިޔާ ކޮނޑާއި ހަމައަށް އަރަނީއެވެ. ދެބައި ދެވަރަށް އޮތުމަށްވުރެ އެއްވަރުކޮއްލަންވީއޭ އަޒުރާގެ ހިތަށް އެރިއެވެ. ކޮންމެގޮތެއްވިޔަސް އެގޮތަށް ހުރެގެން ބޭރަށް ނުކުންނާކަށް އޭނައަކަށް ނުވެސް ކެރޭނެ ވިއްޔާއެވެ. އަޒުރާ ކޮޓަރިތެރޭގެ އެކިތަންތަން ހާވަމުންގޮސް އަލަމާރީގެ ވަތްގަނޑެއް ހުޅުވާލިވަގުތު އޭނައަށް ކަތުރެއް ފެނުނެވެ. އެއީ އޭނަ މިވަގުތު ހޯދަން ބޭނުންވި އެތިވެސްމެއެވެ.
އަޒުރާ ކަތުރު ހިފައިގެން ރީތިވާ މޭޒުކައިރީ އިށީނދެ އިސްތަށިގަނޑުގައި ފުނާ އަޅާ ރީތިކޮށް އޮމާންކޮއްލިއެވެ. އަދި ކުރުކޮށް އޮތްބަޔާއި އެއްވަރަށް އިސްތަށިގަނޑުގެ ބާކީ އޮތްބައި ބުރިކޮއްލިއެވެ. އެތައްދުވަހެއް ވަންދެން އޭނަ ލޯބިން ގެންގުޅުނު އިސްތަށިގަނޑު ބުރިކޮއްލަން ޖެހުނުއިރު އެދެލޯވަނީ ފެންކަޅިވެފައެވެ. އެހެނީ ހިތާ ނަފްސާ ދެކޮޅަށް ނޫނީ އޭނަގެ އިސްތަށިގަނޑަށް ދުވަހަކުވެސް ބަދަލެއް ނުގެންނާނެތީއެވެ. އަޒުރާ ތަޅުންގަނޑުމައްޗަށް ވެއްޓުނު އޭނަގެ އިސްތަށިތަކަށް ބަލަހައްޓައިގެން އިރުކޮޅަކުއިނެވެ. އަދި އޭނަގެ ސޫރަ ލޯގަނޑުން ބަލާލިއެވެ. ހީވީ މީހާގެ ހަށިގަނޑުން އެއްބައި މަދުވެގެން ދިޔަހެންނެވެ. އަޒުރާ އަނެއްކާވެސް ފުނަލުން އިސްތަށިގަނޑު އޮމާންކޮއްލުމާއިއެކު އޮޅާލާފައި މައްޗަށް ނެގުމަށްފަހު ދައްޗެއް ޖަހާލިއެވެ. އޭނަ ދެން އަވަސްވެގަތީ ތަޅުންގަނޑު މައްޗަށް އެޅިފައިވާ އިސްތަށިތައް ނެގުމަށެވެ. ކިތަންމެ ވަރަކަށް ހިތާމަ ކުރިއަސް އަލުން އިސްތަށިގަނޑު ކުރިން އޮތްވަރަށް ދިގުވުމަށް ވަގުތު ނަގާނެކަން އަޒުރާއަށް އެނގެއެވެ. ކޮޓަރީގެ ޑަސްބިންއަށް އަޒުރާ ހުރިހާ އިސްތަށިތަކެއް ނަގާ އަޅާލުމަށްފަހު ދެން ބެލީ ޝިޔާޒު އެގެނައި މީހަކާއި ބައްދަލު ކުރަން ދިއުމަށެވެ. އޭގެ ކުރިން އަޒުރާ ހެނދުން ބަދަލުކޮއްލީ އޭރު އޭނަ ލައިގެން ހުރީ ގޭގައި ލައިގެން އުޅޭކަހަލަ އާދައިގެ ހެދުމަކަށްވީތީއެވެ.
ތައްޔާރުވެގެން ނުނިކުމެވެނިސް އަޝްހަރު އައިސް އަޒުރާގެ ދޮރުގައި ޓަކިދީފައި ނުކުތުމަށް އެދުނެވެ. އަޒުރާ އަވަސް އަވަހަށް ދޮރުހުޅުވާލާފައި ނުކުތުމުން އަޝްހަރަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އޭރު އޭނައަކަށްވެސް މާ ރަނގަޅަކަށް މިވެގެން އުޅޭގޮތެއް ނޭގުނެވެ.
"އަލިފުތާބެ ބުނީ އަޒުރާ ގެންނާށޭ... އޭ އަޒޫ ކިހިނެތްތައް ވެގެން މިއުޅެނީ، އަހަރެންވެސް މިހުންނަނީ ވަރަށް ކަންބޮޑުވެފަ، އަޒޫގެ އަނގަމަތީގަ ތިހިރަ ނިޝާންތީ ކިހިނެތްވެގެން ހުރި ނިޝާނެއްތަ؟" އަޝްހަރު އާއިއެކު ބޭރަށް ނުކުތުމަށް އަޒުރާ ހިނގައިގަތުމުން އޭނަ ވާހަކަދެއްކިއެވެ.
"މިހާރަކު ނޫން، ކިޔާދޭނަން މިވެގެން އުޅޭ ގޮތެއް، އެހަށް އަލިފުތާބެ ކައިރިއަށް ދާންވީ" އަޒުރާ ބުންޏެވެ.
އަލިފުތާބެ ހުރީ ގޯތިތެރޭ ގޭގެ ފުރާޅާދިމާލަށް ބަލަންށެވެ. އެހެން ހުރުމަށްފަހު އައިސް ބަނބުކެޔޮ ގަހުގައި އެލުވާފައިވާ ޖޯލި އުނދޯލީގައި އިށީނެވެ. އަދި ވަރަށްވެސް ބޮޑު ފިކުރެއްގައި އިންދައި އަޒުރާ ނުކުތުމުން އޭނައަށް ބަލާލިއެވެ. އޭރުވެސް ޝިޔާޒު ހުރީ ދެން ހަދަންވީގޮތެއް ނޭގިފައެވެ. އަލިފުތާބެ އައިފަހުން އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނަ ކުރާހާ ކަމަކީވެސް ގޭގެ އެތަން މިތަނަށް ބެލުމެވެ.
"ފުތާބޭ، މިހިރީ އަޒުރާ..." ޝިޔާޒު އަޒުރާ ނުކުތުމާއިއެކު އަލިފުތާބެއަށް ދައްކާލިއެވެ.
"ކަނބުލޯ...މީ އަދިވެސް އޭރުގަ ހުރި އަސާރީގަސްތަ؟ މިބުނީ ކަނބުލޮ ކާފަ އިންދި ބަނބުކެޔޮ ގަސްހޭ މީ؟" އަލިފުތާ އުނދޯލިން ތެދުވަމުން ސުވާލެއްކުރިއެވެ.
"އާ... އަލިފުތާބެއަށް ކިހިނެތް އެނގުނީ؟" އަޒުރާ ހައިރާން ކަމާއިއެކު އަހާލިއެވެ.
"ކަނބުލޮ ހަނދާން ހުންނާނެ ކަމެއްނޭގެ، އަލިފުތާބެ މީ ކަނބުލޮގެ ކާފަކައިރިން ކަންވެރިކަން ދަސްކުރި މީހެއް، ކަނބުލޮ ކާފައަކީ އޭރު މިރަށުގަ ހުރި އެންމެ މޮޅަށް މިކަން އެނގޭ މީހާ، އޭނައަށް އަތްގާތް ކޮއްދޭން އުޅުމުގެ ތެރޭ އަހަންނަށްވެސް ދަސްކޮއްދިނީ، އެވަރުގެ މީހެއް އަދިވެސް މިރަށުގައެއް ނެތް...މިގެއަކީ އޭރުގެ މުސްކުޅިގެއެއް.... ކަނބުލަ ކާފަ ދުނިޔޭގައި މިގެއަށް ވަރަށް ގިނަކަންތައްތައް ކޮއްފަވަނީ، މި ބަނބުކެޔޮގަހަކީވެސް ނިޒާރުގެ އަތުން އިންދާފައިވާ ގަހެއް، އޭނަ ފިޔަވަޅެއްވެސް ނާޅާނެ ކަމެއް ނުކޮށެއް...އަނެއްކާ އެހާ ހުށިޔާރުވާނެ...އެފަދަ މީހަކާ ރޫހާނީ ކަންތައްތައްވެސް ދޯޅުންވުން ފަސޭހަވާނެއެއްނު ދޯ..." އަލިފުތާބެ ހިނިއައިސްފައި ހުރެ ވާހަކަދެއްކިއެވެ. ހީވާގޮތުން އޭނަގެ ޅަދުވަސް ހަނދާންވީއެވެ.
"ދެން ތިކަމާ އަހަންނާ ހުރީ ކޮންގުޅުމެއްތަ؟ ވެގެން އުޅޭ ކަމެއް ވެގެން މިއުޅެނީ އަހަންނަށޭ، މީހުން ބުނޭ ރޫހާނީ ކަންތައްތައް ދިމާވާނީ ހަމައެކަނި ރޭގަނޑުއޭ، އެކަމަކު އަހަންނަށް މިހެން ހެދީ މިއަދު ހެނދުނު އިރުވެސް އަރާ އަލިވެފައިވަނިކޮށް... އަހަރެން ބަލަން ބޭނުންވަނީ މީ ކިހިނެތް ދިމާވި ކަމެއްތޯ، އިންސާނެއްގެ ފަރާތުންތޯ ނޫނީ އެހެން ފަރާތަކުން އައިކަމެއްތޯ..." އަޒުރާގެ ކަންބޮޑުވުން އަލިފުތާބެއަށް ފާހަގަކުރެވުނެވެ. އަދި އޭނަ ބިރުގެންފައިވާކަންވެސް އަލިފުތާބެއަށް އެނގުނެވެ.
"ކަނބުލޮއަށް ވީގޮތް ކިޔާދީބަލަ؟" އަލިފުތާބެ ގޭތެރެއަށް ވަންނަން ހިނގައިގަތުމުން ދެންތިބި އެންމެވެސް ހިނގައިގަތީ އެތެރަށްދިއުމަށެވެ.
އަޒުރާ އޭނައަށް ދިމާވި ހުރިހާކަމެއް އަލިފުތާބެއަށް ކިޔާދިނެވެ. އޭރު އޭނައިނީ ކުޑަފޮތެއް އަތަށް ލައިގެން ކޮންވެސް އެއްޗެއް ހޯދާށެވެ. އޭނަ ހޯދަން ބޭނުންވި އެތި ފެނުނީކަންނޭގެއެވެ. އަޒުރާ ދެއްކިވާހަކައެއް އެއްވެސް އެއްޗެއް ނުބުނެ އޭނަގެ ދެލޯ މަރާލުމަށްފަހު ތުންތަޅުވަންފެށިއެވެ. އަދި އިރުކޮޅެއްފަހުން ފެންޑާގެ ހުސްތަޅުމުގެ މެދެއްހާ ހިސާބުގައި ޝަހާދަތް އިނގިލިން ކޮންމެވެސް ރޮނގުތަކެއް އަޅާފަދަ ގޮތަކަށް އިޝާރާތް ކުރަމުންދިޔައެވެ. އެހެން ހެދުމަށްފަހު އޭނަ އަނެއްކާވެސް ގޮސް އިށީނީ ބޮޑުއަށީގައެވެ. އޭނަ އަޒުރާ އަށް އެންގީ ކޮޓަރިއަށް ދިއުމަށެވެ. އަދި ޝިޔާޒު އާއި އަޝްހަރު އެތަނުގައި މަޑުކުރިޔަސް އެންމެ ރަނގަޅުކަމުގައެވެ. އަޒުރާ އަވަސް ފިޔަވަޅުގައި ވަނީ ޔަޒާން އާއި ލައިބާ ތިބި ކޮޓަރިތެރެއަށަވެ.
ލައިބާ އެކޮޓަރިއަށްވަނީ ކާކުތޯވެސް ބަލާނުލަން އިންއިރު ޔަޒާންއަށް އަޒުރާފެނި ހައިރާންކަންވެރިވެގެންދިޔައެވެ. އޭނަ ހިތަށް އެރީ އޭނަ ދިޔަފަހުން އަޒުރާ އާއި ލައިބާ އާއިދެމެދު ހިނގި ކުރިމަތިލުންތަކުގައި އަޒުރާއަށް ވެފަހުރި ގޮތަކީކަމަށެވެ. އެކަމަކު އޭނައަށްވެސް އަޒުރާ އިސްތަށިގަނޑަށް ބަދަލެއް ނުގެންނާނެކަން ޔަގީންވިއެވެ. އެހެންނަމަވެސް ސުވާލެއް ކުރާކަށް އޭނަވެސް ބޭނުމެއްނުވިއެވެ.
"މިހުރިހާ ކަމެއްވެސް މިވަނީ މީނދަ ސުންޕާ ކުއްޖާ ގަނޑާއި ހެދި، މަގޭ އިސްތަށިގަނޑަށް މިހެން ވިއިރު މަބަލާނަން ކަލޭގެ އިސްތަށިގަނޑު ދިގުވޭތޯ.... އަދި އެބަ ފާޑަކަށް ދެލޯ އަޅައޭ" އަޒުރާ ޔަޒާންގެ އެނދުގައި އިށީނދެ ހަމަޖެހެވުމާއިއެކު ލައިބާއަށް ބާލިއެވެ. އޭނައަށް ލައިބާ އާއި ދިމާލަށް އެއްޗެއް ނުބުނެއެއް ނީދެވުނެވެ.
އަލިފުތާބެ ބޮޑުއަށިމަތީ ފައިއެލުވާލައިގެން އިށީނދެގެން އިންއިރު އޭނަގެ ދެލޯވަނީ މަރާލެވިފައެވެ. ކުރީ ފަހަރާއި ހިލާފަށް އޭނަގެ ތުންތެޅުވުން ލަސްކަން ފާހަގަ ކުރެވެއެވެ. އަދި އެހެން އިނދެ އިރުއިރުކޮޅާ ބޯޖަހާލައެވެ. ހީވާގޮތުން އޭނަ މީހަކާއި ވާހަކަ ދައްކަނީއެވެ. އެކަމަކު އެތަނުގައި އަލިފުތާބެއާއި ޝިޔާޒު އާއި އަޝްހަރު ފިޔަވާ އެކަކުވެސް ނެތެވެ. ވިއްސަކަށް މިނެޓުފަހުން އަލިފުތާބެ ލޯހުޅުވާލިއެވެ. އޭރު އޭނަވަނީ ކަންބޮޑުވެފައެވެ.
"ކިހިނެތްތޯ ވީ" ޝިޔާޒު އަވަސް އަވަހަށް ސުވާލުކޮއްލިއެވެ.
"މިވަރުގެ ގެއެއް އަހަރެން ނުދެކެން، ވާނީވެސް އެހެންތާ، ނިޒާރުގެ ގެވިއްޔަމީ، މިގޭ ގޯތިތެރޭގައި އުޅޭކަމެއް އުޅެނީ، މިގޭތެރެއަށް ވަންނާކަށް ލާހިކެއްނޫން، ގޮވާބަލަ އެކަނބުލޮއަށް.... އޭނަވެސް ބައިންދާގެނެއްނު މިވާހަކަ ދެއްކުން ރަނގަޅުވާނީ" އަލިފުތާބެ ބުނެލިއެވެ. އަދި ބޮޑުއަށިމައްޗަށް އަރާ ދެފައިވައްކޮއްލައިގެން އިށީނދެ ހަމަޖެހިލިއެވެ.
"މިހާރު އެނގިއްޖެއްތަ މިވެގެން އުޅޭގޮތެއް؟" އަޒުރާއަށް ޝިޔާޒު ގޮވާލުމުން ބުނެލިއެވެ.
"ހޫމް... ފުތާބެ ބޭނުންވަނީ އަޒޫވެސް ހުރެގެން މިކަންތަކުގެ ވާހަކަ ދައްކަން" ޝިޔާޒު ބުނެލިއެވެ.
"އަލިފުތާބޭ،މީ ކޮންކަހަލަ ކަމެއްތަ، މީހެއްގެ ފަރާތުން އައިސްގެން އުޅޭކަމެއްތަ؟" އަޒުރާ ފެންޑާގައި ހުރި ޕްލާސްޓިކް ގޮނޑީގައި އިށިންނަމުން ވާހަކަދެއްކިއެވެ. އޭރު ޔަޒާންވެސް ހުރީ އޭނަގެ ކޮޓަރި ދޮރުކައިރީގައެވެ. އޭނަވެސް ހުރީ ހައިރާންވެފައެވެ. މިވަނީ ކިހނެތްކަމެއް އެމީހުން އެދައްކަނީ ކޮންވާހަކައެއް ކަމެއް ނަގައިގަންނާކަށް އޭރު ޔަޒާންއަކަށް ނޭގުނެވެ.
"ކަނބުލޮ ކާފައިރުއްސުރެ މިގޭގައި އުޅޭ އެއްޗެއް އެއީ، މީހުންނަށް ގޯނާ ނުކުރާނެކަމަށްވަނީ، އެކަމަކު މިގޭތެރޭގެ ކަންތައްތައްވަނީ ހައްދުފަހަނަ އަޅާދާވަރުވެފަ، މިދައްކަނީ ކޮންވާހަކައެއްކަން ކަނބުލޮއަށް އެނގޭނެކަންނޭގެ ދޯ، އޭނަ ކަނބުލޮއަށް ގޯނާކުރީ، ކަނބުލޮއަށްވެސް ކަމެއް ކުރެވިގެން... އަލިފުތާބެ ބުނާނެ ވާހަކައެއްނެތް އަވަހަށް ވަގުތުއޮއްވަ އިސްލާޙްވާންވީ.... ބުނަން ބިރުގަންނާނެ ކަމެއްނެތް، އޭނައަކަށް މިގޭތެރެއަކަށް ނުވަދެވޭނެ، އޭނަ އުޅޭނީ މިގޭގެ ބޭރު ގޯތިތެރޭ، ދެން ވަރަށް ބަލައިގެން އުޅޭތި...ކަނބުލޮގެ ކިތަށް ފިރިހެން ދަރިން ތިބޭތަ؟" އަލިފުތާބެ ކުރީ ސުވާލެކެވެ.
"އެކެއް، އެންމެ ކުއްޖެއް ހުންނާނީ....އެހެރީ އެސޮރު، ޔަޒާން ކިޔަނީ" އަޒުރާ ވާހަކަދައްކަމުން ޔަޒާންއަށް އިނގިލި ދިއްކޮއްލިއެވެ.
"އެހެންތަ، ބުނަން، އެދަރިއަށް ވަރަށް ރައްކާތެރިވާތި،ފަހަރެއްގަ އޭނަގެ ފުރާނައަށްވެސް ގެއްލުން ވާފަދަ ކަމެއް ދިމާވެދާނެ... ވަރަށް ވަރަށް ބަލައިގެން އުޅޭތި، އެސޮރަށް މީގެ ކުރިން ކަމެއް ދިމާވިތަ، މިބުނީ ކަނބުލޮއަށް ތިދިމާވިފަދަ އާދަޔާއި ހިލާފުކަމެއް" އަލިފުތާބެ އެއްޗެއް ޔަގީންކޮއްލަން ބޭނުންވިއެވެ.
"އާ...އާ...ތިހެން ބުނީމަ ހަނދާންވެއްޖެ، އޭނަ އާއި ޖެހިގެން މިހިރަ ގޭ ރަޒިއްޔާގެ ދެކުދިން ވަލަށްވަދެ އުޅެނިކޮށް ގެއްލުނު، ފެނިގެން ގެނައިއިރު އެންމެ ބޮޑުވަރުވެފަ އޮތީ ޔަޒާންއަށް، އޭނަގެ ގައިގާ ހުރީ މީހަކު ވަކިދަމާފައި ހުރިހެން.... އޭގެ ފަހުން އެކަހަލަ އެއްވެސް ކަމެއް ދިމައެއްނުވޭ، އަނެއްކާ ކިހިނެތްވީ؟ އެކަމާއި މިހިނގި ކަންތަކާއި ގުޅުމެއްވަނީތަ؟" އަޒުރާ ހާސްވެފައި އަހާލިއެވެ.
"ހޫމް، މީ ރޫހާނީ ކަމެއް، ދެކަންތައްވެސް ގުޅިފަވަނީ އެއްކަމަކާ، މިގެއާއި ވަރަށްބޮޑަށް ގުޅުން އެބަހުރި، ދެން ހުރި ކުއްޖާ ކޮބާތަ؟ އެއީ އަންހެން ކުއްޖެއްދޯ، މީގަ އެންމެ ހައިރާންވާންވި ކަމަކީ އޭނައަށް މިކަމުގެ އެއްވެސް އަސަރެއް ނުފޯރާނެތީ، އެކުއްޖާއަށް ގޮވާބަލަ، އަހަރެން އެކުއްޖާ ދެކިލަން ބޭނުން..." އަލިފުތާބެ ބުނިއެއްޗަކުން އަޒުރާގެ ހާސްކަމާއި ކަންބޮޑުވުންވީ އިތުރެއެވެ. އަދި ލައިބާދެކެ ކުރިއަށްވުރެ ރުޅިއާދެވުނެވެ. މިކަމުގައި އޭނައަށް އެއްވެސް ކަމެއް ނުވާނެކަން އެނގުމުންނެވެ.
"އަހަރެން އޭރުވެސް ބުނަމޭ އެއުނދޯލީގަ ނީންނާށޭ އިރުއޮއްސޭއިރު، ބުންޏަސް އަޑުއަހާނަމަތާ، މީ އަނެއްކާ އޭނަގެ ފަރާތުން ވެގެން އުޅޭކަމެއްތަ" އަޒުރާ ލައިބާ އެތަނަށް ގެންނާކަށް ގަސްދެއްނުކުރިއެވެ. އެހެންނަމަވެސް ލައިބާ އާއި މިކަމާ ހުރި ގުޅުން އޮޅުންފިލުވަން އޭނަ ބޭނުންވިއެވެ. )ނުނިމޭ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު