އެމެރިކާގެ ބާރު ކުޑަވާކަން އެނގޭތީ ނިއުކްލިޔާ މައްސަލާގައި އީރާން ދުލެއްނުދޭނެ

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވެ އަލުން އީރާނާ އަދި އީރާނާ މުއާމަލާތްކުރާ ކުންފުނިތަކާ ދެކޮޅަށް މާލީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާ ދިނުމުން ޔޫރަޕް މިވަނީ ހަތަރު އަނގޮނޅި އެއްގެ ކަންމަތީގަ އެވެ. އެއްގޮތަކީ އެމެރިކާއަށް ބަރޯސަވެގެން އެމެރިކާ އެދޭގޮތަށް ދީލާލުމެވެ. އެއީ އެމެރިކާ އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅުތަކަކަށް ބިރުން ޔޫރަޕްގެ ބޮޑުތިންބާރު ކަމަށްވާ ޖަރުމަނު، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން އެގައުމުގެ ކުންފުނިތައް އީރާނުން ބޭލުމެވެ. އަނެއްގޮތަކީ އެމެރިކާއަށް ގޮންޖަހާފައި ދަތިކުރުމުގެ ފިޔަވަޅު އެޅިނަމަވެސް ލިބޭ ވަގުތީ ގެއްލުމަށް ވުރެ ބޮޑަށް އެމެރިކާގެ ޑޮމިނެންސާއި ހަންފެތުރުމުން ސަލާމަތްވެ މުސްތަގިއްލު ސިޔާސަތުތަކެއް ގެންގުޅެން ފެށުމެވެ.

އީރާނަކީ ތެލާއި ގުދްރަތީ ގޭހާއި އެނޫން ވެސް ވަސީލަތްތައް ގަލްފުގެ އަރަބި ގައުމުތަކާ އެއްގޮތަށް ހުރި ގުދްރަތީ ގޮތުން މުއްސަނދި ގައުމެކެވެ. އީރާނަށް އިގްތިސާދީ ގޮތުން އަރައި ނުގަނެވިގެން އުޅެނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެމެރިކާ އިން އީރާނާ ޖައްސާލައިގެން އުޅެނީ މައިގަނޑު ދެސަބަބަކާ ގުޅިގެންނެވެ.

ފުރަތަމަ ސަބަބަކީ އިސްރާއީލާ ދެކޮޅަށް އީރާން ގެންގުޅޭ ހަރުކަށި ސިޔާސަތެވެ. އިސްރާއީލަކީ އިސްލާމީ މެދުއިރުމައްޗަށް ބީރައްޓެހި އަދި ފަލަސްތީނުގެ ބިމުގައި ހުޅަނގުން އިންދާފައިވާ އިސްތިއްމާރީ ގައުމަކަށްވާތީ އިސްރާއީލަކީ ކެންސަރު ސެލްއެއްކަމަށް ސިފަކޮށް އިސްރާއީލު ނައްތާލަން ޖެހޭ ކަމަށް އީރާނުން ބުނުމެވެ. ދެވަނަ ސަބަބަކީ އީރާނަކީ އެމެރިކާއަށް ބަރޯސާނުވެ އަމިއްލަ މަސްލަހަތަށް ރިޢާޔަތްކޮށްގެން (އެމެރިކާގެ ހަތިޔާރު) ނުގަންނަ އަމިއްލައަށް ހަތިޔާރު އުފައްދާ ގައުމަކަށްވުމެވެ. އެހެންކަމުން އީރާނަށް ދޫދީގެން އީރާން އިގްތިސާދީ ގޮތުން ކުރިޔަށްދިޔަ ނަމަވެސް އީރާނަކީ ބިލިޔަން ޑޮލަރުން އެމެރިކާއަތުން ހަތިޔާރު ގަންނާނެ ގައުމަކަށް ނުވުމުން އީރާނުގެ ފަރާތުން އެމެރިކާގެ އިގްތިސާދަށް ފައިދާ ނުކުރާނެކަން އެމެރިކާއަށް އެނގެ އެވެ.

އެމެރިކާގެ އުފެއްދުންތަކުގެ 60 ޕަސެންޓަކީ ހަތިޔާރެވެ. އީރާނުދެކެ އެމެރިކާ ރުޅިއަންނަނީ އީރާނުން ގަލްފުގެ ގައުމުތަކަށް ނުފޫޒުފޯރުވަން މަސައްކަތް ކުރާތީއެއްނޫނެވެ. މިސާލަކަށް ޔަމަންގެ ހޫޘީންނަށް އެހީތެރިވާތީއެއް ނޫނެވެ. އެއީ އެމެރިކާއަށް އެއްވެސް މައްސަލައެއް ނޫނެވެ. އެމެރިކާ އީރާން ދެކެ ރުޅިއަންނަކީ އީރާނުން އިސްރާއީލާ ދެކޮޅަށް އުޅޭތީ އެވެ. އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރާ ލުބްނާނުގެ ހިޒްބުﷲ އާއި ފަލަސްތީނުގެ ހަމާސްޖަމާއަތަށް އެހީވާތީ އެވެ.

އީރާނުގެ މައްސަލައާ ގުޅިގެން އެމެރިކާއަށް ބަރޯސާވެގެން ޔޫރަޕަށް ތިބެވެން ނެތްކަމަށް ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކަލް ވަނީ ވިދާޅުވެފަ އެވެ. އަދި ފަރަންސޭސި މަސްއޫލުވެރިން ވެސް މިހެން ވިދާޅުވިއެވެ. ނަމަވެސް ސުވާލަކީ އެމެރިކާއަށް ގޮންޖަހާފައި ދަތިކުރުމުގެ ފިޔަވަޅު އެޅިނަމަވެސް ލިބޭ ވަގުތީ ގެއްލުމަށްވުރެ ބޮޑަށް އެމެރިކާގެ ޑޮމިނެންސާއި ހަންފެތުރުމުން ސަލާމަތްވުމަށް ޔުރަޕްގެ މަސައްކަތްކޮށްފާނެ ބާވައެވެ. ޖަވާބަކީ ނޫނެކެވެ. ސަބަބަކީ އެވަރުގެ ހިއްވަރެއް ޔޫރަޕްގައި ނެތުމާއި ޖަރުމަނާއި ފަރަންސޭސިވިލާތާ ޚިލާފަށް އިނގިރޭސިވިލާތަކީ އެމެރިކާގެ ޕަޕެޓަކަށްވުމެވެ. އަނެއްކޮޅުން އެއީ އީރާން ކަމަށްވިޔަސް އަރަބި ގައުމަކަށްވިޔަސް އިސްލާމީ ގައުމަކަށްވެފައި އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކޮށްފާ އަދި އިސްރާއީލާ ދެކޮޅަށް ހަރަކާތްތެރިވާނަމަ އެގައުމަކާ މެދު ޔޫރަޕްގެ ސިޔާސަތަކީވެސް ހަމަ އެމެރިކާއާ އެއްގޮތް ސިޔާސަތަކަށްވުމެވެ.

އަރަބި އެތަށް ގައުމަކަށް ޑިމޮކްރަސީގެނައުމުގެ ނަމުގައި އެގައުމުތަކުގެ ހަރުކަށި ޖަމާއަތްތައް ލައްވައި އެގައުމުތައް ހަލާކުރުމުގައި (އިރާގުގެ ހާލަތުގައި އިރާގަށް އަރައިގަނެގެން) ޔޫރަޕްގެ ގައުމުތައްވަނީ އެމެރިކާއާ ބައިވެރިވެފަ އެވެ. އީރާނުގެ މައްސަލައަށް ބެލިނަމަވެސް އީރާނާމެދު އެމެރިކާއާއި ޔޫރަޕްގެ ލަނޑުދަނޑިއަކީ ހަގީގަތުގައި އެކަށްޗެކެވެ. ތަފާތަކީ އެމެރިކާ ހަރުކަށިވެފައި އިސްވެ ހަމަލާދީ އުދުވާނު ސީދާގޮތެއްގައި ހިންގާއިރު ޔޫރަޕުން މިކަން ކުރާނީ ތަންކޮޅެއް ސުލްޙަވެރި އަދި މައިތިރި ގޮތެއްގައި ކަމަށްވުމެވެ.

ހަގީގަތަކީ އެމެރިކާ އެދޭގޮތަށް އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް ބަދަލު ގެންނަން ޔޫރަޕްގެ ބޮޑު ތިންބާރުވެސް ބޭނުންވުމެވެ. ނަމަވެސް ޔޫރަޕުން އެކަންކުރަން ބޭނުންވަނީ އީރާނާ ވާހަކަ ދައްކައިގެން ސުލްޙަވެރިކަމާއެކުގަ އެވެ. އެމެރިކާ ކުރިކަމަކީ ފުރަތަމަވެސް ހަރުކަށިކަން ނެރެ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން އެއްކޮށް ވަކިވުމެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް ހުޅަނގުން ގެންނަން ބޭނުންވަނީ ތިންބަދަލެކެވެ. އެއީ އީރާނުން އަމިއްލަ ދިފާއަށް ޓަކައި އަމިއްލަ ޓެކްނޮލޮޖީގައި ތަރައްގީކުރާ މިސައިލް ޕްރޮގްރާމް މުޅިން ހުއްޓުވާލުމެވެ. ދެވަނަ ކަމަކީ އިސްރާއީލާ ދެކޮޅަށް އީރާން ގެންގުޅޭ ހަރުކަށި ސިޔާސަތު ދޫކޮށް އީރާނުން އިސްރާއީލަށް ދޫދީ އިސްރާއީލު ބަލައިގަތުމެވެ. އަދި ސައޫދީ ގޮތަށް އީރާނަށް ވުމެވެ. އަޑިއަޑިން އިސްރާއީލާ ސުލްވެފައި ފަހުން މިސްރު ގޮތަށް އީރާނުން އިސްރާއީލަށް އިއްތިރާފްވެ އިސްރާއީލާއެކު ރަސްމީކޮށް ސުލްޙަ ވުމެވެ. ތިންވަނަ ކަމަކީ ގަލްފުގެ އަރަބި ގައުމުތައް ގޮތަށް ހުރިހާ ކަމެއްގައި އެމެރިކާއަށް ބަރޯސާވުމެވެ. އެމެރިކާގެ ހަތިޔާރު ގަތުމާއި ލިބޭ ހުރިހާ ޑޮލަރުކޮޅު އެމެރިކާއަތުން ހަތިޔާރު ގަނެ ހުސްކޮށްލުމެވެ.

މިގޮތަށް ގިނަ ގައުމުތަކެއް ބައިތިއްބައިގެން ނޫނީ ޗައިނާގެ ކުރިމަތީގައި އިގްތިސާދި ގޮތުން މުސްތަގްބަލްގައި އެމެރިކާއަށް ފައިހަމަކޮށް ނުލެވޭނެއެވެ. އެމެރިކާ މިހާރު ޑިމާންޑް ކުރަނީ ކުރިންބުނި ދެކަންތައް ނިއުކްލިޔާ އެއްބަސްވުމުގައި ހިމެނުމަށެވެ. މައްސަލައަކީ އެމެރިކާއަކީ އިތުބާރު ކުރެވޭ ގައުމަކަށް ނުވުމެވެ. އީރާނުން އެއްމެ ކަމެއްގައި ވެސް ދޫ ދިންނަމަވެސް އިތުރު އެތައް ސަތޭކަ ކަމަކަށް އަނެއްކާ އެމެރިކާ ޑިމާންޑް ކުރަންފަށާނެއެވެ. ފުރަތަމަ ދެކަންތަކަށް ދޫދީގެން ނިއުކްލިޔާ އެއްބަސްވުމުގައި އަލުން ސޮއިކުރި ނަމަވެސް މިދެންނެވި ތިންވަނަ ކަންތަކަށް ވެސް ފަހުން އެމެރިކާ ޑިމާންޑް ކުރާނެއެވެ.

އެމެރިކާ ބޭނުން ވަނީ ގަލްފުގެ އަރަބި ގައުމުތައް ގޮތަކަށް އެމެރިކާ ބޭނުންއިރަކު "ކިރުފެލާ ގެރިއަކަށް" އީރާން ވެސް ހެދުމެވެ. އަދި ގަލްފުގެ ގައުމުތައް ގޮތަށް އީރާނުން ވެސް އިސްރާއީލު ބަލައިގަތުމެވެ. ޕަޕެޓަކަށް ވުމަށެވެ. މިކަން އީރާން ރަނގަނޅަށް ދަނެއެވެ. އިރާގަށް ވެސް ހެދީ އެހެންނެވެ.

ސައްދާމްގެ ދުވަސްވަރު އދ. ން ގަރާރުތައް ފާސްކޮށްގެން ޚުދު އިރާގު ލައްވައި އިރާގުގެ ހުރިހާ ހަތިޔާރުތައް ނައްތާލާފައި އިރާގުގައި ހަތިޔާރުނެތްކަން ކަށަވަރުވުމުން އިރާގުގައި ފަނާކުރަނިވި ހަތިޔާރު އެބަހުރިކަމަށް ބުނެ ދޮގުހަދައިގެން ޖާސޫސީ ރިޕޯޓްތައް ނެރެގެން އިރާގަށް އަރައިގަތީ އެވެ. އެހެންވީ އިރާގުން ވެސް ކުވައިތަށް އެރުންފަދަ ބޮޑެތި ގޯސްތައް ހެދުމުންނެވެ.

އީރާނަށް މިހެންހަދަން އުނދަނގޫވާނެއެވެ. ސަބަބަކީ އީރާނަކީ އެއްވެސް ގައުމަކަށް އަރައިގަނެ ހަމަލާދިނުން ފަދަ ގޯސްތައް ހަދާގައުމަކަށް ނުވެފައި އީރާނަކީ 90 މިލިޔަން މީހުންގެ އާބާދީ އެއްއޮންނަ އަދި ބިމުގެ ގޮތުން ވެސް އިރާގުގެ ތިންގުނަ ބޮޑު ބިޔަ ގައުމަކަށްވެފައި އީރާނުގެ އަސްކަރީ ބާރުވެސް ވަރުގަދަ ކަމުންނެވެ. ސޫރިޔާގައިވާ އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމުން (ބައެއް ޖިއޮ ސްޓްރެޓީޖިކް ސަބަބުތަކާ ގުޅިގެން) އީރާނުން ރައްދު ނުދިންނަމަވެސް ސީދާ އީރާނަށް ހަމަލާދީފި ނަމަ ގަލްފުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވެސް ރައްދު ދޭނެއެވެ. އެބާރު އީރާނުގައި ހުރިކަން އެމެރިކާ ދަނެއެވެ. އަދި އެފަދަ ހާލަތެއްގައި އިސްރާއީލަށް ވެސް ހަމަލާދީފާއެވެ. ހަމަލާދޭނީ ހިޒްބުﷲ ލައްވައެވެ.

އިސްރާއީލަކީ ހިޒްބުﷲ ވެސް އަދި ހަމާސްވެސް ބަލިކުރުމުގައި ނާކާމިޔާބުވެފައިވާ ގައުމެކެވެ. އެހެންކަމުން ނިއުކްލިޔަރ މައްސަލާގައި އެމެރިކާ ބުނާ ދޫތައް އީރާނުން ދޭނެ ކަމަކަށް ނުބެލެވެ އެވެ. އެއީ އެމެރިކާގެ މަކަރު އީރާނަށް އެނގޭތީ އެވެ. އޭގެބަދަލުގައި އީރާން މަސައްކަތްކުރާނީ އެމެރިކާގެ ހަތުރުންކަމަށްވާ ރަޝިޔާއާއި ޗައިނާއާ ގުޅިގެންނެވެ. ޔޫރަޕްގެ ބޮޑުތިންބާރަކީ އެމެރިކާ އާ މަސްލަހަތު އެއްގޮތް ތިންބާރުކަމުން ނިއުކްލިޔާ އެއްބަސްވުން ސަލާމަތް ކުރުމުގައި އީރާނުން ޔޫރަޕަށް ބަރޯސާއެއް ނުވާނެ އެވެ.

ދުނިޔެ ކޮންޓްރޯލް ކުރަން އެމެރިކާގެ އަތުގައި މިހާރު އޮތްހަމައެކަނި ބާރަކީ ޑޮލަރުގެ ބާރެވެ. އެބާރުގެ ބޭނުން އެމެރިކާދަނީ ވަރުގަދައަށް ހިފަމުންނެވެ. ދުނިޔޭގައި ހިނގާ ވިޔަފާރިއާއި ބޭންކިން މުއާމަލާތްތަކުގެ 90 ޕަސެންޓަކީ އެމެރިކާ ޑޮލަރެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު ދުނިޔޭގައި އެހާ ގަދައީ އަދި އެއަށް ގައުމުތަކަކުން ބިރުގަންނަނީ ޑޮލަރުގެ ނިޒާމުގެ ސަބަބުންނެވެ. ޑޮލަރުގެ ނިޒާމު ކޮންޓްރޯލް ކުރަނީ އެމެރިކާގެ ބޭންކްތަކުންނެވެ.

ޑޮލަރުގެ ނިޒާމު ވެއްޓޭނީ ޗައިނާއިން ޔުވާން އިން މުއާމަލާތް ކުރަން ފަށައިގެންނެވެ. އެކަން މިހާރުވެސްވަނީ ފަށާފަ އެވެ. ނަމަވެސް އަދި އެކަން ހަރުދަނާ ކުރުމަށް ދިހަވަރަކަށް އަހަރު ނަގާނެއެވެ. ޗައިނާ މިހާރުވެސްވަނީ ޔުވާނުން ތެޔޮ ގަންނަން ފަށާފައެވެ. ޗައިނާ އެމެރިކާއާ ކުރިމަތިލަމުން ގެންދަނީ ހިމޭންކަމާއެކުގައެވެ. ޗައިނާއަށް އެމެރިކާގެ ބަލިފައާއި ގަދަފައި ރަނގަނޅަށް އެނގެއެވެ. އެމެރިކާގެ ގަދަފަޔަކީ ޑޮލަރުގެ ނިޒާމެވެ. ޑޮލަރުގެ މައްޗަށް ވިޔަފާރިއާއި ބޭންކިންގް ނިޒާމު ބިނާވެފައި އޮތުމެވެ. މިނިޒާމު ފުނޑާލާނެ ގޮތްވެސް ޗައިނާއާއި ރަޝިޔާއަށް ރަނގަނޅަށް އެނގެ އެވެ. ނަމަވެސް އެއީ ކަނޑިބަޑިން ކުރެވޭނެ ކަމެއްނޫނެވެ.

ޗައިނާއާއި ރަޝިޔާ ހިމެނޭ ގޮތަށް ބްރިކްސްގެ ގައުމުތަކުން ވަނީ މިކަން ފަށައިފަ އެވެ. ގައުމުތައް މިޒަމާނުގައި ވަރުގަދަވަނީ އަސްކަރީ ބާރަކުންނޫނެވެ. އެމެރިކާގެ ވެސް ހަގީގީ ބާރަކީ އަސްކަރީ ބާރެއްނޫނެވެ. ޑޮލަރުގެ ބާރެވެ. އޭގެކުރިން އިގްތިސާދީ ހަތިޔާރެއްގެ ގޮތުގައި ދުނިޔެއަށް ހަންފަތުރަން އެމެރިކާ ބޭނުންކުރީ އައިއެމްއެފް އާއި ވޯލްޑް ބޭންކުން ދޭ ލޯންތަކެވެ. ޗައިނާއިން މިއަށްވުރެ ބޮޑެތި ބޭންކްތައް ހަދައި އެއަށްވުރެ ބޮޑެތި ލޯންތައް ދުނިޔޭގެ ގައުމުތަކަށް ފަސޭހައިން ދޭން ފެށުމުން މިދާއިރާއިން ވަނީ އެމެރިކާގެ ބާރު ކެނޑިފަ އެވެ. ދެން އޮތީ ޑޮލަރުގެ ބާރެވެ. އެ ބާރުކެނޑޭއިރަށް އެމެރިކާ ސައިޒް ވާނެއެވެ. އޭރުން އެމެރިކާއަށް ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް މާބޮޑު ފިޔަވަޅުތަކެއް ނޭޅޭނެއެވެ.

އެމެރިކާގެ ބާރުދަށަށްދާކަން އެނގެނީ އިގްތިސާދީގޮތުން ޗައިނާ އެމެރިކާ އޯވަޓޭކް ކުރަމުން ދާތީއެވެ. އަންނައަހަރު ޗައިނާގެ އިގްތިސާދު އެމެރިކާގެ އިގްތިސާދާ އެއްވަރުކުރާނެ އެވެ. އެމެރިކާ ބަލިކަށިވާކަން އެނގެނީ އެމެރިކާ ކުރާ ވިޔަފާރީގައި ހުރިހާ ދިމާއަކުން ވެސް ޑެފިސިޓް ދެއްކާތީ އެވެ. އަދި ޗައިނާއަށް ބޮންޑް ވިއްކައިގެން އެމެރިކާގެ އިގްތިސާދު ހިފަހައްޓަން ޖެހިފައިވާތީ އެވެ. އެމެރިކާގެ ލޯންތައް އެތަށް ޓްރިލިޔަން ޑޮލަރަކަށް އަރާތީއެވެ. އެމެރިކާގެ އަސްކަރިއްޔާ ބޮޑުވުމުގެ ސަބަބުން އެއަށް ޚަރަދުކުރަން އެމެރިކާ ނުކުޅެދޭތީ އެވެ. އިގްތިސާދީގޮތުން ދަށަށްދާނަމަ އެމެރިކާގެ ބާރުގަދަ އަސްކަރިއްޔާ ވެސް އެގޮތުގައި ދެމިއެއް ނޯންނާނެ އެވެ.

ދެވަނަ ބޮޑުހަނގުރާމަ ނިމުނުއިރު ދުނިޔޭގެ އުފެއްދުންތެރިކަމުގެ 85 ޕަސެންޓް ހިއްސާ ކުރަނީ އެމެރިކާ އެވެ. މިހާރު އެމެރިކާ ހިއްސާކުރަނީ ދުނިޔޭގެ އިގްތިސާދުގެ އެންމެ 12 ޕަސެންޓެވެ.

ޑޮލަރުގެ ނިޒާމަށް ބަދަލުއައުމަށް 10 ވަރަކަށް އަހަރު ނަގާނެތީ އީރާނަށް އޮތީ އެމެރިކާއަށް ދޫނުދީ އިންތިޒާރު ކުރުމެވެ.

comment ކޮމެންޓް