ބޭލްގެ ދެ ގޯލާއެކު ރެއާލްއަށް ބޮޑު މޮޅެއް

ބޭލްގެ ގޯލަށްފަހު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ސެލްޓާ ވީގޯ ވާދަކުރި މެޗުގައި ގެރެތު ބޭލް ޖެހި ދެ ގޯލާއެކު ރެއާލްއިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 6-0ގެ ނަތީޖާއަކުންނެވެ. ރެއާލްއަށް ލީގުގައި ބާކީ އެންމެ މެޗެއް އޮތް އިރު، އެޓީމު އޮތީ ލީގު ތާވަލުގެ ތިން ވަނައިގައެވެ.

މިމަހުގެ 26 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުންދާ ރެއާލްއިން ރޭގެ މެޗަށްވެސް ނުކުތީ އަނިޔާގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ޑެނީ ކަވަހާލްވެސް ނުލައެވެ. އަދި ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ކެޕްޓަން ސާޖިއޯ ރާމޯސްއަށްވެސް ރެސްޓް ދީފައެވެ.

ރެއާލްއާއި ސެލްޓާ ވީގޯ ކުޅުނު ގޮތުން --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގައި ރެއާލްގެ ވޭލްސް ފޯވަޑް ބޭލް ދެ ގޯލް ޖެހި އިރު، އިސްކޯއާއި އަޝްރަފް ހަކީމީ އަދި ޓޯނީ ކުރޫސްވެސް ވަނީ ގޯލް ޖަހައިފައެވެ. ރެއާލްގެ އަނެއް ގޯލަކީ ސެލްޓާ ވީގޯގެ ސާގީ ގޮމޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރޭގެ މެޗަކީ މި ސީޒަންގެ ލީގުގައި ރެއާލް ކުޅޭނެ އެންމެ ފަހު ހޯމް މެޗެވެ. އެ މެޗުން މޮޅުވުމާއެކު ރެއާލްއަށް އަދިވެސް ލީގުގެ ދެވަނަ މަގާމަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ރެއާލްއާއި ލީގު ތާވަލުގެ ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވެސް ލީގުގައި ބާކީ މެޗެއް އޮތް އިރު، ދެން އެތުލެޓިކޯ ކުޅޭ މެޗުން އެޓީމު ބަލިވެ، ރެއާލް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ފައިދާ ގޯލްގެ ބޮޑު ތަފާތަކުން ރެއާލްއަށް ދެވަނައަށް ޖެހިލެވެނޭއެވެ.

comment ކޮމެންޓް