ޒުވާނުންގެ މަރުކަޒުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް: ޔޫތު މިނިސްޓްރީ

ޒުވާނުންނަށް ހާއްސަކޮށްގެން މިރޭ ޝޯސަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ މާހެފުމުގެ ތެރެއިން -- ފޮޓޯ/ ޔޫތު މިނިސްޓްރީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ގާއިމްކޮށްފައިވާ ޒުވާނުންގެ މަރުކަޒުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން މިރޭ ޝޯސަލް ސެންޓަރުގައި ކުރިއަށްގެންދިޔަ މާހެފުމުގައި ޒުވާނުންނާ މުހާތަބުކޮށް ވާހަކަދައްކަވަމުން، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ވަހީދު ވިދާޅުވީ ޒުވާނުންގެ މަރުކަޒުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމެއް ކަމަށާއި މިހާރަށްވުރެ ހަލުވި މިނެއްގައި އެ މަސައްކަތް ކުރިއަށްގެންދިއުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

"ޒުވާނުންގެ މަރުކަޒުތަކަކީ ޒުވާނުންނަށް ހިދުމަތް ދިނުމަށް ސަރުކާރުން ވަރަށް ބޮޑެތި ހޭދަތަކެއް ކުރާ ގޮތަށް އިމާރާތްކޮށްފައިވާ ތަންތަން. އެ މަރުކަޒުތަކަށް ފާއިތުވި މުއްދަތުގައި އެބަހުރި އެކިކަހަލަ ގޮންޖެހުންތަކާއި މައްސަލަތައް ކުރިމަތިވެފައި. ހާއްސަ ގޮތެއްގައި ވަރަށް ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް އެތަންތަނުގައި ވަނީ ކުރަން ޖެހިފައި،" ޝޯސަލް ސެންޓަރުގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ހުސައިން ވަހީދު ވިދާޅުވިއެވެ.

ހުސައިން ވަހީދު ވިދާޅުވީ މިހާރު ކުރިއަށްދާ މަސައްކަތަކީ އެފަދަ ތަންތަން ފާހަގަކޮށް އެތަންތަން މަރާމާތުކޮށް، މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކަމަށާއި ހުރިހާ ޒުވާނުންނަށްވެސް ދޭން ބޭނުންވާ ޔަގީން ކަމަކީ ކުރިއަށްއޮތް ކުރު މުއްދަތެއްގައި މައްސަލަތައް ހައްލުވެގެންދާނެ ކަމުގެ ޔަގީންކަން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާވެސް. ޔޫތު މިނިސްޓަރުވެސް އަދި ޔޫތު މިނިސްޓްރީގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުންވެސް މިހާރު އެންމެ އިސްކަމެއްދޭ އެއް މަސައްކަތް މިއީ. ޔަގީން ކުރަނީ މިކަން ވަރަށް އަވަސް މުސްތަގުބަލެއްގައި ނިމިގެންދާނެ ކަމަށް،" ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ މިހާރުވެސް ބައެއް މަރުކަޒުތަކުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކުރިއަށްއޮތް ފުޓްބޯޅައިގެ އީދު، "ވޯލްޑް ކަޕް"ގެ ކުރިން އެ މަސައްކަތް ނިންމާލެވޭތޯ އަމާޒު ހިފާފައިވާ ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ އާބާދީގެ ނިސްބަތުން މީހުން ގިނަ ރަށް ރަށުގައި ޒުވާނުންގެ މަރުކަޒުތައް ހެދިފައިހުރި އިރު އެ ތަންތަން މަރާމާތުކޮށް ރަނގަޅަށް ނުބެލެހެއްޓޭ ކަމުގެ ޝަކުވާތައް އަބަދުވެސް އަޑުއިވެއެވެ. ނަމަވެސް މި ސަރުކާރުން ޒުވާނުންގެ މަރުކަޒުތައް އިތުރުކޮށް މިހާރު ހުރި މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް