ހުޅުމާލޭގެ ރައްޔިތުންގެ މާހެފުން މިރޭ

މިދިޔަ އަހަރު އެޗްޑީސީ އިން ބޭއްވި މާހެފުން --- ފޮޓޯ: އެޗްޑީސީ

ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެޗްޑީސީ ގުޅިގެން ބާއްވާ ހާއްސަ މާހެފުމެއް މިރޭ އޮންނާނެއެވެ.

"ހުޅުމާލެ ރައްޔިތުންގެ މާހެފުން"ގެ ނަމުގައި މިރޭ 20:30 އިން 10:00 އަށް ޗަނބޭލީ މަގު އޯޓިޒަމް ސެންޓަރު ކައިރީ ބާއްވާ މާހެފުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުމާލޭގެ ރައްޔިތުންނަށް ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.

މިރޭގެ މާހެފުން ފަށާނީ ޝައިޚް ހަސަން ތައުފީގުގެ ދަރުހަކާއެކުގައެވެ.

މާހެފުމުގައި ހުޅުމާލޭގެ ރައްޔިތުން ތައްޔާރުކޮށްފައިވާ ކެއުންތައްވެސް ހިމަނާއިރު މާހެފުމަށް އެޗްޑީސީ އިންވެސް ކާބޯތަކެތި ފޯރުކޮށްދޭނެއެވެ.

"މިދޔަ އަހަރުވެސް އަޅުގަނޑުމެއް މާހެފުމެއް ބޭއްވިން. އެކަމަކު މިދިޔަ އަހަރާ ހިލާފަށް މި އަހަރު މާހެފުން މި ބާއްވަނީ ކޮމިއުނިޓީ އާ ގުޅިގެން. ކޮމިއުނިޓީގެ ބޭފުޅުން އެއްޗެހި ގެންނަގޮތަށް. އެޗްޑިސީ އިންވެސް އައިޓަމްތައް ނެރޭނެ. ގާތްގަނޑަކަށް 1000 ފްލެޓުން އައިޓަމްތައް ނެރޭނެ،" އެޗްޑީސީގެ މިނިސިޕަލް ޑިރެކްޓަރު އަހުމަދު ފާތިހް ވިދާޅުވިއެވެ.

އެޗްޑީސީ އިން ވަނީ މިދިޔަ އަހަރުގެ ރޯދަމަހާދިމާކޮށްވެސް ހުޅުމާލޭގެ ރައްޔިތުންނަށް މާހެފުމެއް ދީފައެވެ. ސެންޓްރަލް ޕާކުގައި ބޭއްވި އެ މާހެފުމަށް ހޫޅުމާލޭ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.

comment ކޮމެންޓް