"އަމުރު ނެރެން އަދީބު 80 މިލިއަން ރުފިޔާ ހުށަހެޅި"!

އަދީބްކުރީގެ ނައިބު ރައީސް އަދީބް ---

އެކެއް ފެބްރުއަރީގެ އަމުރު ނެރެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 80 މިލިއަން ރުފިޔާ ހުށަހެޅި ކަމަށް، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނު އަރިހު އަދީބު ދެންނެވި އަޑު އިވުނު ކަމަށް ފުލުހަކު ބުނެފިއެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ހިންގާ ތަހުގީގަށް ދީފައިވާ ސިއްރު ބަޔާންތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން އެމައްސަލައިގައި ދެ ގާޒީ އަކާއި ފުލުހުންތަކެއްގެ އިތުރުން އާންމު ފަރުދަކު ދީފައިވާ ސިއްރު ބަޔާންތައް ވަނީ ލީކުވެފައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިސްގައި މަސައްކަތްކުރާ ފުލުހަކު ދިން ބަޔާނެއްވެސް ލީކުވެފައިވާއިރު އެ ބަޔާނުގައި އޭނާ ބުނެފައިވަނީ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ޑިޕާޓްމެންޓް އެލާޓަށް އައުމާއެކު ދޫނިދޫއަށް ދިޔަ ކަމަށެވެ. ފުލުހުންގެ ލޯންޗުތަކުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އެ ފުލުސް މީހާ ބުނީ ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ދޫކޮށްލަންް އަމުރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ފާރިސް މައުމޫނު ދޫކޮށްލުމަށް މާލެ ގެނައުމަށް ލޯންޗް ސްޓޭންޑްބައި ކުރި ކަމަށެވެ.

އަދި ލޯންޗުގެ ކެޕްޓަނާއި އިތުރު ފަޅުވެރިއަކު އަދީބާއި ފާރިސް އަރިހު ލޯންޗަށް އެރި ކަމަށާއި ލޯންޗަށް އެރުމަށްފަހު އަދީބު އިށީނދެ ވަޑައިގަތީ ކަނާތްފަރާތު މެދު ސީޓުގައި ކަމަށް ސިއްރު ހެކީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ފާރިސް އިށީނދެ ވަޑައިގަތީ ވާތްފަރާތު މެދު ސީޓުގައި ކަމަށާއި އެދެބޭފުޅުން ތިއްބެވީ ލޯންޗްގެ އެއްހަމައެއްގައި ހުރި ސީޓްތަކެއްގައި ކަމުން ދެބޭފުޅުންނަށް އެކަކު އަނެކަކާ ރީތިކޮށް ވާހަކަ ދެއްކޭނެ ކަމަށް ސިއްރު ހެކީގެ ބަޔާނުގައި ބުނެފައިވެއެވެ.

ދެބޭފުޅުން ލޯންޗަށް އެރުވުމަށްފަހު ނުފުރައި ކުޑަވަގުތުކޮޅަކަށް މަޑުކުރަން އެންގުމުން ލޯންޗު މަޑުކޮށްގެން އޮތްކަމަށާއި އަދީބު އިށީނދެއިންނެވި ސީޓުގެ ކުރިމައްޗަށްއިން ސީޓުގައި ސިއްރު ހެކީގެ ގޮތުގައި ބަޔާންދިން ފުލުސްމީހާ އިށީން ކަމަށް އޭނާ ވަނީ ބަޔާންދީފައެވެ.

އޭރު ފާރިސް އާއި އަދީބު ވާހަކަ ދައްކަވަމުން ގެންދިޔަ ކަމަށާއި ދެބޭފުޅުންގެ ވާހަކަ އަޑު އިވުނު ކަމަށް ހެކި ދިން ފުލުސް މީހާ ބުނެފައިވެއެވެ.

"އެގޮތުން އަހުމަދު ފާރިސް މައުމޫނު ގާތު 80 މިލިއަން ހުށަހެޅީމޭ. ވަރަށް ސިސްޓަމެޓިކް ގޮތަކަށޭ ރާވާލީ އެންމެންތައް ދޫކޮށްލާން ނޫންހޭ ޖެހޭނީ،" އަދީބު ވިދާޅުވިކަމަށް ސިއްރު ހެކި ބުނެފައިވެއެވެ.

ސިއްރު ހެކި ދިން ފުލުސް މީހާ ބުނެފައިވާގޮތުން އެވަގުތު އޭނާ އާ އަދީބާ ދޭތެރޭ ފޫޓެއްގެ ދުރުމިން ހުންނާނެއެވެ. އޭގެ ފަހުން ލޯންޗުގައި ތިއްބާ އަދީބާ ފާރިސް އަލުން ދޫނިދޫ އެރެސްޓް ސްޓޭޝަނާ ދިމާއަށް ގެންދިޔަތަން ފެނުނު ކަމަށް އެނާ ބުނެފައިވެއެވެ.

ފުލުހަކު ތަހުގީގަށް ދިން ސިއްރު ބަޔާނެއް ލީކުވެފައިވާއިރު ބަޔާންތައް ލީކުވި މައްސަލަ ފުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ބަޔާންތައް ލީކުކޮށްލާފައިވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް ނުފޫޒު ގަދަ ފަރާތްތަކުން އެބޭފުޅުންގެ ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ.

ސޯޝަލް މީޑިއާގައި ލީކުކޮށްލި ބައެއް ލިޔުންތައް--
comment ކޮމެންޓް