މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ގައުމުން ބޭރަށް ފުރާވަޑައިގަތުން މަނާކޮށްފި

ނަޖީބް އާއި އޭނާގެ އަނބިކަނބަލުން

ކުއާލަލަންޕޫރު (މޭ 12) : ގައުމުން ބޭރަށް ފުރުން މަނާ މީހުންގެ ލިސްޓުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ހިމަނައިފިކަން މެލޭޝިޔާގެ އިމިގްރޭޝަނުން ބުނެފި އެވެ.

މެލޭޝިޔާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ނަޖީބު ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު އަބްދުއްރައްޒާގާއި އޭނާގެ އަނބިކަނބަލުންގެ ނަންފުޅު ގައުމުން ބޭރަށް ފުރުން މަނާ މީހުންގެ ލިސްޓުގައި ހިމެނިކަންވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމުގެ ސަބަބު ހާމަކޮށްފައެއް ނުވެ އެވެ. ނަޖީބާއި އޭނާގެ އަނބިކަނބަލުން ގައުމުން ބޭރަށް ފުރުން މަނާކުރި އިރު ނަޖީބު ވަނީ އޭނާ އާއި އާއިލާ ހިމެނޭ ގޮތަށް އެއް ހަފްތާގެ މުއްދަތަށް ޗުއްޓީއެއްގައި ގައުމުން ބޭރަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ. ބޭރަށް ފުރާވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގައި ކަމަށް ވެސް ނަޖީބު ވިދާޅުވެފައިވެ އެވެ.

މެލޭޝިޔާގައި މިދިޔަ ހަފްތާގައި ބޭއްވި ބަރުލަމާނީ އިންތިޚާބުގައި ޑރ. މަހާތީރުގެ ޕަކަރަން ހަރަޕަން ކޯލިޝަނުން ވަނީ ޕާލަމެންޓުގެ 222 ގޮނޑީގެ ތެރެއިން 113 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއާ އެކު މަހާތީރު ވަނީ އަލުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންފަ އެވެ. ނަޖީބު ރައްޒާގަށް ލިބުނު ނާކާމިޔާބާ އެކު އޭނާގެ ކޯލިޝަންކަމަށްވާ ޔުނައިޓެޑް މެލޭސް ނެޝަނަލް އޮގަނައިޒޭޝަން (އުމްނޯ)ގެ 61 އަހަރުވީ ވެރިކަން ވަނީ ނިމުމަކަށް އައިސްފަ އެވެ. ކުރިން ނަޖީބު އުމްނޯ ކޯލިޝަނުން ބޮޑު އަޣްލަބިއްޔަތަކާ އެކު ކޮންމެ އިންތިޚާބެއް ކާމިޔާބު ކުރިނަމަވެސް އެކޯލިޝަނުން މަހާތީރު ނުކުމެ ވަޑައިގެންނެވުމަށް ފަހު ބޭއްވި އިންތިޚާބުގައި އުމްނޯ އަށް ލިބިފައި ވަނީ ޕާލަމެންޓްގެ 76 ގޮނޑި އެވެ.

މެލޭޝިޔާގެ މި ފަހަރުގެ އިންތިޚާބުގައި ނަޖީބަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އިދިކޮޅު ފަރާތްތަކުން އޭނާގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތެވެ. މެލޭޝިޔާގެ އިންވެސްޓްމަންޓް ބޭންކް ވަން އެމްބީޑީ އިން ނަޖީބުގެ އަމިއްލަ އެކައުންޓަކަށް 700 މިލިއަން ޑޮލަރު ޖަމާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ. އެ މައްސަލަ ބެލި ނަމަވެސް ޝަރީއަތަށް އެކަން ސާބިތު ވެފައެއް ނުވެ އެވެ. އެމައްސަލާގައި ކޯޓުން ކުރި ހުކުމްގައި ވަނީ އެ 700 މިލިޔަން ޑޮލަރަކީ ސައޫދީ ރަސްގެފާނު ނަޖީބަށް ހަދިޔާ ކުރެއްވި ފައިސާ ކަމަށާއި އެއީ މެލޭޝިޔާގެ ދައުލަތުގެ ފައިސާ ނޫންކަމުގަ އެވެ. ސައޫދީ ޝާހީ އާއިލާ އިންވެސް ވަނީ ސްލްމާން ރަސްގެފާނު ނަޖީބަށް 700 މިލިޔަން ޑޮލަރު ދިންކަން ކަށަވަރުކޮށްދީފަ އެވެ.

އެމްބީޑީގެ ކޮރަޕްޝަނުގައި ގާތްގަނޑަކަށް ހަތަރު ބިލިޔަން ޑޮލަރު ހިމެނޭ ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެ އެވެ. މިމައްސަލަ އަލުން ތަހްގީގްކޮށް ކޯޓަށް ވައްދަން ނިންމިކަން މެލޭޝިޔާގެ އައު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އަދި ކުރީގެ ބޮޑުވަޒީރު ނަޖީބަށް އިންޒާރެއް ވެސް ދެއްވާފައެއް ނުވެ އެވެ. ނަމަވެސް އައު ބޮޑުވަޒީރު ޑރ. މަހާތީރު ވަނީ ގާނޫނުތައް ދަހައްޓައި ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް