ޓީސީ ނުކުންނާނީ މާޒިޔާގެ ވަރުގަދަކަން ދަނެގެން، މާޒިޔާގެ ވިސްނުން ހުރީ ލީގު ދިފާއުކުރަން!

މާލޭ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ޓީސީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ހަފްތާގެ ކުޅުން ކުރިއަށްދާ އިރު، މިރޭ އޮންނަ މެޗުގައި ވާދަކުރަނީ މާލޭ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

މެޗަށް ނުކުންނަ އިރު، މިހާތަނަށް ކުޅުނު އަށް މެޗުން 16 ޕޮއިންޓާއެކު މާޒިޔާ އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަށް މެޗުން 12 ޕޮއިންޓާއެކު ޓީސީ އޮތީ ހަތަރު ވަނައިގައެވެ. މެޗުން މޮޅުވެ ޓީސީއަށް ތާވަލުގެ ތިން ވަނަ މަގާމަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ޓީސީގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) --- ސަން ފޮޓޯ/ ފަޔާޒް މުސާ

"މާޒިޔާއަކީ މިދިޔަ ހަތަރު ފަސް ސީޒަނަށް ބަލާއިރުވެސް ކޮންމެ އަހަރަކު ވަރުގަދަ ސްކޮޑަކާއެކު ނަތީޖާތައް ނެރޭ ޓީމެއް. ދިވެހި ފުޓުބޯޅައިގައި މިދިޔަ ފަސް އަހަރުގައި އެއްވަނަ ދެވަނަ ޓީމުތައް ގުނާ އިރު މާޒިޔާ ގުނާނެ. އެހެންވީމަ މާޒިޔާއަކީ ވަރުގަދަ ޓީމެއްކަން ދަނެގެން ނުކުންނާނީ. މެޗުން ނަތީޖާ ނެރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަން ތައްޔާރުވެގެން ދަނޑު މައްޗަށް ނުކުންނާނީ،" މެޗާ ގުޅިގެން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުންޏެވެ.

އެންމެފަހުން ލީގުގައި ޓީސީން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާއަކުންނެވެ. ޓީސީގެ މެދުތެރެއަށް ކުޅޭ ޔާމީން އިބްރާހީމް (ޔާންބެ)އަށް ފުރަތަމަ ހާފްގައި ދެއްކި ރަތްކާޑާއެކު އެ މެޗުގެ ބޮޑު ބައެއް ޓީސީން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ.

ނިޒާމްބެ ބުނީ މިރޭގެ މެޗަށް ނުކުންނަ އިރު، އެންމެފަހުން ކުޅުނު މެޗުން ޓީމަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް ކުޅުންތެރިއަކު މަދުކޮށް ކުޅެ، އީގަލްސްއާ އެއްވަރުކޮށްލެވުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށްވެސް ނިޒާމްބެ ފާހަގަކުރިއެވެ.

ޓީސީއާއި މާޒިޔާ ފުރަތަމަ ބުރުގައި ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ޓީސީ ކާމިޔާބުކޮށްފައިވާ އިރު، ނިޒާމްބެ ބުނީ އެ މެޗުން ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ފެނުނުކަމަށާއި، އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

"އެމެޗުން ފެނުނު ރަނގަޅުކުރަންޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް. އެކަންކަމަށް އަމާޒުކޮށްގެން މިހަފްތާގެ ފަރިތަކުރުންތައް މި ކުރިއަށް ގެންދިޔައީ. އެމެޗާ އަޅައިބަލައިފައި މި މެޗުގައި އެ މެޗުގެ ކުޅުމުން ނުފެއްޓިދާނެ. އެހެން ނަމަވެސް މި މެޗަށް ނުކުންނަން ޖެހޭނީ ޓީމުގައި ނެގެން އޮތް އެންމެ މޮޅު 11 ކުޅުންތެރިންނާއެކު މުޅިން އާ މެޗެއް ކަމަށް ދެކިގެން. އެއީ ކުޅުންތެރިންނަށް ކޮންފިޑެންސް ލިބޭނެ ކަމެއް. އެކަމަކު އަނެއް ޓީމުންވެސް މެޗަށް މާ ބޮޑަށް ތައްޔާރުވާނެ ބަލިވެފައި އޮތީމަ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ މިހާރު ތާވަލުގައި އޮތް މަގާމަކީ ހާސްވާން ޖެހޭ މަގާމެއް ނޫން ކަމަށާއި، އަދި އިތުރު ހަތަރުވަރަކަށް ޕޮއިންޓް ނެގުމުން ޓީމު އެއްކޮށް ހަމަޖެހިލާނެ ކަމަށެވެ. އެއާއެކު ނިޒާމްބެ ވަނީ ލީގުގެ ޓާގެޓަކީ ގަދަ ހައެއް ކަމަށާއި، އެއަށްވުރެ ބޮޑު އެއްޗަކަށް ޓާގެޓް ނުކުރާކަމަށްވެސް ބުނެފައެވެ.

މާޒިޔާއިން އެންމެފަހުން ކުޅުނު މެޗުގައި އަސަދުﷲ ފެނިފައިވޭ: އެ މެޗަށް ނުކުމެ އޭނާ ގޯލް ޖެހިއިރު، އޭނާ މެޗަށް ނުކުތީ އަނިޔާގެ ފަހުން ނުވަ މަސް ދުވަހު ނުކުޅެ ހުރުމަށްފަހު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗާ ގުޅިގެން ވާހަކަ ދައްކަމުން މާޒިޔާގެ އެސިސްޓެންޓް ކޯޗު، އަހުމަދު ސުޒޭރު ބުނީ ފުރަތަމަ މެޗުގައި ޓީސީ އަތުންވި ބަލި ހަނދާން ނައްތާލުމަށް ޓީމު ތައްޔާރަށް އޮތް ކަމަށެވެ.

"ފުރަތަމަ މެޗުން ވި ބަލި ހަނދާން ނައްތާލައިކުމަށް ޓީމުގެ ކޮންފިޑެންސް ވަރަށް ރަނގަޅަށް އޮތީ ކެޕްޓަންވެސް އެނބުރިއައުމާއެކު. އަސަދުﷲ މި މެޗުގެ ކޮންމެވެސް ހިސާބަކުން ފެންނާނެ. ފުރަތަމަ 11ގައި ނުފެނުނަސް،" ސުޒޭރު ބުންޏެވެ.

ސުޒޭރު އިތުރަށް ބުނީ މާޒިޔާއާ ޓީސީ ކުޅޭ މެޗުތަކީ އަބަދުވެސް ވާދަވެރިކޮށް ފެންނަ މެޗުތަކެއް ކަމަށާއި، މިރޭގެ މެޗުގައިވެސް ރީތި ކުޅުމެއް ފެނިގެންދާނެ ކަމަށެވެ. އޭގެ އިތުރުންވެސް މާޒިޔާގެ ވިސްނުން އަދިވެސް ހުރީ ލީގު ދިފާއު ކުރުމަށް ކަމަށާއި، ދިވެހި ޕްރިމިއާލީގަށް ދާން ބޭނުމީ ލީގުގެ ޗެމްޕިއަނުން ގޮތުގައި ކަމަށްވެސް އޭނާ ބުންޏެވެ.

މާޒިޔާއާއި ޓީސީ މިރޭ ކުޅޭ މެޗު ފަށާނީ 9:00ގައެވެ.

comment ކޮމެންޓް