މޯލްޑިވްސް ހެރިޓޭޖް ސާވޭގެ ދަށުން ފަސް ރަށެއް ސާވޭކޮށްފި

މޯލްޑިވްސް ހެރިޓޭޖް ސާވޭގެ ދަށުން ސާވޭކުރި ލ. ފުށިން ފެނުނު އާސާރީ އިމާރާތެއްގެ ބައެއް ކަމަށް ބެލެވޭ ބައިތަކެއް -- ފޮޓޯ: ހެރިޓޭޖް ޑިޕާޓްމަންްޓް

ރާއްޖޭގެ ތާރީހާ ގުޅޭ ތަރިކަތައް ރައްކާތެރިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ހެރިޓޭޖް ޑިޕާޓްމަންޓާއި އޮކްސްފޯޑް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް ސްޓަޑީޒްއާ ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ހެރިޓޭޖް ސާވޭ"ގެ ދަށުން ފަސް ރަށެއް ސާވޭކޮށް ނިންމައިފިއެވެ.

އެ ޕްރޮޖެކްޓްގައި ހެރިޓޭޖް ޑިޕާޓްމަންޓްގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވާ އިބްރާހިމް މުޖާހު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ކުރަމުންދާ ސާވޭގައި މީހުން ދިރިއުޅޭ ދެ ރަށާއި ތިން ފަޅުރަށެއް ސާވޭކޮށް ނިމިފައިވާ ކަމަށެވެ.

"މިހާރު ސާވޭކޮށް މިނިމުނީ ލ. އަތޮޅުން އިސްދޫ ކަޅައިދުއާއި، ދަނބިދުއާއި، މުނިޔަފުއްޓާއި، ކަނުހުރާއާއި، އުސްފިނޮޅު. ދެން ފުށީގެ އެއްބައި ނިމިފައި އޮތީ. ރޯދައަށް ފަހު އަނެއްކާވެސް ފުށީގެ ސާވޭ އަލުން ފަށާނަން،" މުޖާހު ވިދާޅުވިއެވެ.

މުޖާހު ވިދާޅުވީ، ސާވޭ ކުރި ރަށްރަށުގެ ތެރެއިން ފަޅުރަށެއްގެ ގޮތުގައި އޮންނަ ލ. ފުށިން، އިމާރާތުގެ ބައެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށެވެ. އަދި މިސްކިތުގެ ބައެއް ކަމަށް ބެލެވޭ ގާތަކެއްވެސް ފުށިން ފެނިފައިވާ ކަމަށް މުޖާހު ވިދާޅުވިއެވެ.

މުޖާހު ވިދާޅުވީ، އާސާރީ ތަންތަން ހޯދުމުގެ ގޮތުން އެކި ތަންތަން ސްކޭންކޮށް ޑްރޯން ބޭނުންކޮށްގެން ބަލަމުންދާ ކަމަށެވެ.

މިހާރު ކުރިއަށްދާ ސާވޭގެ ފުރަތަމަ ފޭސްގައި ދެ އަހަރު ދުވަހުގެ ތެރޭ ހަ އަތޮޅެއްގެ ރަށްތައް ސާވޭކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސާވޭގެ ދަށުން މިސްކިތްތަކާއި މަހާނަ ގައުތަކާއި ހަތްތެލިތައް ފަދަ ތަންތަން ޑިޖިޓަލީ ފޮޓޯނެގުމާއި ތުރީޑީ ޓެރިސްޓެރިއަލް ސްކޭން ކުރުމާއި ޖިއޯގްރަފިކް އިންފޮމޭޝަން ސިސްޓަމެއް ގާއިމްކުރުމުގެ އިތުރުން އާންމުކޮށް ހުޅުވާލާ އޮންލައިން ޑޭޓާ ބޭސްއަކުން އެ މައުލޫމާތު ލިބެން ހުންނާނެ ގޮތް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެ ސާވޭގައި ސިންގަޕޫރުގެ އާތު އޮބްޒާވެޓަރީން ވެސް މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް