އަންނަ އަހަރު ތެޔޮ ފީފާއެއްގެ އަގު 100 ޑޮަލަރަށް އަރާނެ: އެމެރިކާ

އަންނަ އަހަރު ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އުފުލޭނެ ކަމަށް ބޭންކް އޮފް އެމެރިކާއިން ބުނެފިއެވެ.

އެ ބޭންކުގެ އެނަލިސްޓަކު ބުނީ ވެނެޒުއޭލާއިން ތެޔޮ އުފައްދާ މިންވަރު މަދުކުރުމާއި އީރާނުން ތެޔޮ އެކްސްޕޯޓު ކުރުމުގައި ހުރި ދަތިތަކާއެކު އަންނަ އަހަރު އަންނަ އިރު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އަރާނެ ކަމަށެވެ.

ނަމަވެސް އަމާޒަކީ އަންނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު ތެޔޮ ފީފާއެއްގެ އަގު 90 ޑޮލަރުގައި ހިފެހެއްޓުން ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ބޭރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާއެކު ތެލުގެ އަގުވަނީ 77 ޑޮލަރަށް އުފުލިފައެވެ. މިއަހަރު ފެށުނު އިރު ހުރި ވަރާ އަޅާ ބަލާއިރު މިހާރު ތެލުގެ އަގު ވަނީ 15 ޕަސެންޓް އުފުލިފައެވެ.

ބޭންކް އޮފް އެމެރިކާއިން ބުނީ ތެލުގެ އަގު ވެއްޓުނަ ނުދިނުމަށް އޯޕެކްގެ ގައުމުތައް ރަޝިއާއާއެކު މަސައްކަތް ކުރާނެ ކަމަށެވެ.

އީރާނުން ދުވާލެއްގެ މައްޗަށް 3.8 މިލިއަން ފީފާގެ ތެޔޮ އުފައްދައެވެ. މިއީ 2016 ވަނަ އަހަރު އެ ގައުމުން އުފެއްދި މިންވަރަށްވުރެ އެއް މިލިއަން ފީފާ އިތުރު އަދަދެކެވެ.

ރިޕޯޓުތައް ބުނާގޮތުން ތެލުގެ އަގު މައްޗަށް ދަނީ ތެލަށް އޮތް ޑިމާންޑް ބޮޑުވުމާއިވެސް އެކުގައެވެ. ދުނިޔޭގެ އިގްތިސާދު އޮތީވެސް ރަނގަޅު ހާލަތެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް