ކުޑަކުދިންގެ ދުވަހާ ގުޅިގެން އަމީނިއްޔާ ސްކޫލުގައި ގިނަ ހަރަކާތްތަކެއް

ކުޑަކުދިންގެ ދުވަހާ ގުޅިގެން އަމީނިއްޔާ ސްކޫލުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: އަމީނިއްޔާ ސްކޫލް

ކުޑަކުދިންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ ގޮތުން "ސާކަސް ތީމް"ގެ ނަމުގައި އަމީނިއްޔާ ސްކޫލުގައި ގިނަ ހަރަކާތްތަކެއް ފަށައިފިއެވެ.

ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކާ ގުޅޭގޮތުން އަމީނިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ސުއައިބަތު ސައީދު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެ ސްކޫލުން ދެ ދަންފަޅިއަކަށް ބަހާލައިގެން މިއަދު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ދެ ދަންފަޅިއަކަށް މިފެއާ ކުރިއަށްގެންދާނެ. އެންމެ ފުރަތަމަ ހަވީރު ގަޑީގައި މިއޮތީ ގްރޭޑް އެކަކުން ފެށިގެން ފަހެއްގެ ދަރިވަރުންނަށް. ދެން މިރޭ 7:00 އިން 10:00އަށް މި ހާއްސަކޮށްލަނީ ސީނިއާ ގްރޭޑްތަކުގެ ދަރިވަރުންނަށް. މި ފެއާގައި ދަރިވަރުންނަށް ތައްޔާރުކޮށްފައިވާ އެކިއެކި ސްޓޯލްތަކާ ބިރުވެރި ހޮހޮޅައަކާ ވޯޓާ ސްލައިޑެއް އެބަ ހިމެނޭ،" ސުއައިބަތު ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން އަމީނިއްޔާ ސްކޫލުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: އަމީނިއްޔާ ސްކޫލް

އޭގެ އިތުރުން އެއް ކުއްޖަކު މުޅިން ހޯސްޓްކުރާގޮތަށް ސްޓޭޖެ ޕާފޯމަންސަކާއި އެއާއެކު ޒުންބާ އަދި ޑާންސްގެ އެކިއެކި ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ވެސް ސުއައިބަތު ވިދާޅުވިއެވެ.

"ކުދިން އެއްކޮށްލައިގެން އެކުދިންނަށް މަޖާ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ކޮމްޕައުންޑްގައި އޯޕަން އެއާގައި ކުދިން ނަށާލާ މަޖާކޮށްލާ ހެދުމުގެ ގޮތުން މިކަންތައްތައް ކުރިއަށްދަނީ،" ސުއައިބަތު ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން އަމީނިއްޔާ ސްކޫލުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: އަމީނިއްޔާ ސްކޫލް

ފެއާ އަށް ބެލެނިވެރިންނާއި، ވަން ޝޮޓް އިވެންޓްސްގެ އިތުުރުން އެމްއެންޑީއެފްގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް އަމީނިއްޔާ ސްކޫލުން ބުނެއެވެ.

comment ކޮމެންޓް