ރޯދަމަހު ފަރުޟެއް އަދާ ކޮށްފި މީހާ އެ ނޫން މަހެއްގައި ހަތްދިހަ ފަރުޟު އަދާކުރި ފަދަ: ހުތުބާ

ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވާލައްވާ ލައިލަތުލް ޤަދުރި ވިލޭރޭ ލެއްވި މަހެވެ. އެގޮތުން ރަމަޟާން މަހު ޤުރުއާން ކިޔެވުން އިތުރު ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ވެސް ވަނީ ރޯދަ މަހު ޤުރުއާން ކިޔުއްވާ މިންވަރު އިތުރުކުރައްވާފައެވެ. : އިސްލާމީ މަރުކަޒުގައި މީހަކު ޤުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަހު ފަރުޟެއް އަދާ ކޮށްފި މީހާ އެ ނޫން މަހެއްގައި ހަތްދިހަ ފަރުޟު އަދާކުރި ފަދަކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ ރަމަޟާން މަހުގައި ހެޔޮކަމެއް ކޮށްފި މީހަކު އެ ނޫން މަހެއްގައި އެމީހާ 70 ފަރުޟެއް އަދާ ކުރި ފަދަކަމަށެވެ.

ރަމަޟާން މަހަކީ މާތް މަހެއް ކަމަށާއި އެ މަހުގައި މުއުމިނުންނަށް ރިޒުގު އިތުރުކޮށްދެއްވާ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. ރޯދަވެރިޔަކަށް ރޯދަވީއްލާނެ ކާނެއެއްޗެއް ނުވަތަ ބޯނެ އެއްޗެއް ދީފި މީހާގެ ފާފަފުއްސަވައި އެ މީހާ ނަރަކައިން މިންޖުކޮށްދެއްވާނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނީ ރަމަޟާން މަހުގެ ހެޔޮކަން ލިބިގަތުމަށްޓަކައި ތިމާގެ ހިތްނިޔަތް ރަނގަޅު ކުރުމަކީ ކުރުން އެންމެ މުހިއްމު ކަންތައްތައް ކަމަށާއި އެ މަހަކީ ކުށްފާފަތަކުން ތައުބާވުމަށް ލިބޭ އަގުހުރި ދުވަސްތަކެއް ކަމަށެވެ.

އެއްހާސް މައްސަރުގެ ހެޔޮކަމަށްވުރެ އިތުރުކަން ބޮޑުވެގެންވާ ރޭ، ލައިލަތުލް ގަދްރި ވިލޭރޭ އެ މަހުގައި ލައްވާފައިވާ ކަމަށްވެސް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ކުރެވިފައިވާ ފާފަތަކުން އަވަހަށް ތައުބާވެ ފާފައެއް ކުރެވިއްޖެ ހިނދެއްގައި ތައުބާން ވާން ޖެހޭ ކަމަށެވެ. އަދި ތިމާގެ އަޖަލު ހަމަވުމުގެ ކުރިން، ތިމާ އަށް ކުރިމަތިވެފައިވާ ފާފަތަކުން އަވަހަށް ތައުބާ ވާން ޖެހޭ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

comment ކޮމެންޓް