ރޯދަމަހަށް ޚާއްސަކޮށްގެން އުތީމު ކައުންސިލުން ރައްޔިތުންނަށް ބޮޑެތި ހަދިޔާތަކެއް ދެނީ

އުތީމު

ކުރިއަށް އޮތް ރޯދަމަހަށް ޚާއްސަކޮށްގެން ހއ. އުތީމު ކައުންސިލުން އެރަށުގެ ރައްޔިތުންނަށް ބޮޑެތި ހަދިޔާތަކެއް ދޭން ނިންމައިފިއެވެ.

އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހު އެރަށުގެ ގޭގެއަށް ކޭބަލްޓީވީ ޑިކޯޑަރަކާއި އަދި އެރަށުގައި ހުންނަ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ހިންގާ ކޯސްތަކުން މިމަހުގެ ފީ ދައްކައިދިނުމަށް ކައުންސިލުން ހަމަޖައްސައިފައިވާ ކަމަށެވެ.

"މިރަށުގެ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގައި ކިޔަވާ އެކި ކެޓެގެރީގެ މީހުން މަހަކު ދައްކަން ޖެހޭ 100 އާއި 200 ރުފިޔާއާ ދެމެދުގެ އަދަދެއް. ކޯސްފީ ދެއްކުމަށްޓަކައި ކައުންސިލުން 22،000 ރުފިޔާ ހަރަދުކުރާނަން،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އުތީމުގައި ކުރިން ކޭބަލް ޓީވީގެ ހިދުމަތް ދެމުންގެންދިޔައީ އެރަށުގެ ކައުންސިލުންނެވެ. ނަމަވެސް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ސަރުކާރުން ގެނައި ބަދަލާއެކު މިހާރު އެ ހިދުމަތް ދިނުމަށް ކައުންސިލުން ވަނީ އެހެން ފަރާތްތަކާ ހަވާލު ކޮށްފައެވެ. އެހެންކަމުން އާ ބައެއްގެ ފަރާތުން ކޭބަލް ޓީވީގެ ހިދުމަތް ހޯދުމަށް ރައްޔިތުންނަށް ވަނީ ޖެހިފައެވެ.

" މިހާރު ޑީކޯޑަރެއް ލިބެނީ 999 ރުފިޔާއަށް. 118 ގޭބިސީއަކަށް ޑީކޯޑަރު ދިނުމަށް ވަނީ ހަމަޖެހިފައި،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް