ރޫނީވެސް އެމެރިކާ ލީގަށް!

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ --- ފޮޓޯ: ގެޓީ

އިނގިރޭސިވިލާތުގެ އެވަޓަންއަށް ކުޅެމުން އަންނަ ފޯވަޑް ވޭން ރޫނީ، އެމެރިކާގެ ލީގުގެ ޑީސީ ޔުނައިޓެޑަށް ބަދަލުވާން ނިންމައިފިއެވެ.

ބީބީސީން ބުނެފައިވަނީ ރޫނީއާއި އެމެރިކާ ލީގުގެ ޑީސީ ޔުނައިޓެޑާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، އޭނާގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި އެވަޓަންއިން އެއްބަސްވެފައިވަނީ 12.5 މިލިއަން ޕައުންޑަށް ކަމަށެވެ.

އުމުރުން 18 އަހަރުގައި އެވަޓަންއިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ރޫނީ އަނބުރާ އެވަޓަންއަށް މިއަހަރު ބަދަލުވީ ޔުނައިޓެޑްގައި 13 ސީޒަން ހޭދަކުރުމަށްފަހުގައެވެ. ރިޕޯޓުތައް ބުނެފައިވަނީ އުމުރުން 32 އަހަރުގެ ފޯވަޑް، ރޫނީއަށް ޑިސީ ޔުނައިޓެޑުން ހުށަހަޅައިފައިވާ އެއްބަސްވުމަކީ 2020 ވަނަ އަހަރުގެ ނިޔަލަށް ހުށަހަޅާ އެއްބަސްވުމެއް ކަމަށެވެ.

މި ސީޒަންގައި އެވަޓަންއަށް 31 މެޗު ކުޅެ 11 ގޯލް ޖެހި ރޫނީއަކީ މި ސީޒަންގައި އެ ކްލަބުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއެވެ. މިދިޔަ ހަފްތާގައި އެވަޓަންއާއި ލިވަޕޫލް ކުޅުނު މެޗުގައި ރޫނީ ބޭލެމުން އޭނާ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ އިރު، އެވަޓަންގެ މެނޭޖަރު ސޭމް އެލަޑައިސް މިދިޔަ ހަފްތާ ތެރޭގައި ބުނެފައިވަނީ އެވަޓަންގައި ރޫނީ ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި އޭނާ ބޭނުންވަނީ ރޫނީ ޓީމުގައި މަޑުކުރުވަން ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހުގައި އެންމެ ގިނަ ގޯލްޖެހި ރޫނީ ވަނީ އެޓީމަށް ކުޅުނު 393 މެޗުން 183 ގޯލް ޖަހައިފައެވެ. އިނގިރޭސި ގައުމީ ޓީމަށްވެސް ކުޅުނު 119 މެޗުން 53 ގޯލް ޖެހި ރޫނީއަކީ އެ ގައުމުގެ ގައުމީ ޓީމަށްވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ.

އެމެރިކާގެ މޭޖާ ލީގު ސޮކާއަކީ މިހާރުވެސް ޔޫރަޕްގެ ގިނަ ކުޅުންތެރިންތަކެއް ކުޅެމުންދާ ލީގެކެވެ. އެގޮތުން ސްވިޑަންގެ ޒްލަޓާން އިބްރަހިމޮވިޗްގެ އިތުރުން ކުރިން ރޫނީއާއެކު އިންގްލެންޑަށް ކުޅުނު އެޝްލީ ކޯލް އަދި ސްޕެއިންގެ ޑޭވިޑް ވިލާވެސް މިހާރު ކުޅެނީ އެމެރިކާ ލީގުގެ ޓީމުތަކަށެވެ.

comment ކޮމެންޓް