ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ފޯރަމެއް ބާއްވައިފި

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޗިލްޑްރަންސް ޑޭ ފޯރަމްގެ ތެރެއިން--- ފޮޓޯ: ޖެންޑާ މިނިސްޓްރީ

މިއަހަރުގެ ކުޑަކުދީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޔުނިސެފް މޯލްޑިވްސްއާއި، މިނިސްޓްރީ އޮފް ޖެންޑާ އެންޑް އެންޑް ފެމިލީ ގުޅިގެން ހާއްސަ ޗިލްޑްރަންސް ޑޭ ފޯރަމެއް މިއަދު ބާއްވައިފިއެވެ.

ރާއްޖޭގައި ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މޭ 10 ވަނަ ދުވެހެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލްގައި މިއަދު ބޭއްވި އެ ފޯރަމްގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޝަހީދުގެ އިތުރުން ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް މުނީރު ސަފީލްދީންއާއި ބައެެއް ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވިއެވެ.

މިއަދުގެ ފޯރަމަށް ތައްޔާރުވުމުގެ ގޮތުން، މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ބައިވެރިވުން ހިމެނޭގޮތަށް ގއ. ވިލިނގިއްޔާއި މާލޭގައި މިމަހުގެ ދޭކުން ތިނަކަށް ކޮންސަލްޓޭޝަންތަކެއް ވަނީ ބާއްވައިފައެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޗިލްޑްރަންސް ޑޭ ފޯރަމްގެ ތެރެއިން--- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ވިލިނގިލީގައި ބޭއްވި ކޮންސަލްޓޭޝަން ސެޝަންތަކުގައި ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ 24 ދަރިވަރުން ބައިވެރިވިއިރު މާލެގައި ބޭއްވި ސެޝަންތަކުގައި ސީއެޗްއެސްއީ، ވިލާ ހައި އިންޓަނޭޝަނަލް ސްުކޫލާއި، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންގެ އިތުރުން މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަން އަދި ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިން ހިމެނޭގޮތަށް 25 ކުދިންވަނީ ބައިވެރިވެފައެވެ.

އެ ސެޝަންތަކުގައި ޢާއިލާއާއި ޢާއިލާގެ ބޭރުން ކުދިންނާ ގުޅުންހުރި ކަންކަމުގައި ކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން، ކުދިންގެ ނަޒަރުގައި މިކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ފާހަގަކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުންނެވެ. އަދި އެ މަޢުލޫމާތުތަކަށް ބިނާކޮށް މިއަދުގެ ފޯރަމްގައި ބައިވެރިންގެ ޚިޔާލުތައް ވަނީ ހުށަހަޅައިދީފައެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޗިލްޑްރަންސް ޑޭ ފޯރަމްގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ވާހަކަ ދައްކަވަނީ--- ފޮޓޯ: ޖެންޑާ މިނިސްޓްރީ

މިއަދު ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ކުޑަކުދިންނާ ގުޅުންހުރި ސިޔާސަތުތައް އެކަށައަޅާއިރު، ކުދިންގެ ޚިޔާލާއި މަޝްވަރާ ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެފަދަ ފޯރަމްތައް މެދުވެރިކޮށް މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމަށް ކުދިންނަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ކުދިންނަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

comment ކޮމެންޓް