އުއްތަަމަ ފަނޑިޔާރާއި އަލީ ހަމީދަށް ހުކުމް ކުރުން މިއަދު މެންދުރު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު މުހައްމަދަށް ހުކުމް ކުރުން މިއަދު މެންދުރު 2:00 ޖަހާއިރަށް ވަނީ ތާވަލުކޮށްފައި --- ސަން ފައިލް ފޮޓޯ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ހުކުމް އިއްވުމުގެ އަޑުއެހުން މިއަދު މެންދުރަށް ތާވަލުކޮށްފި އެވެ.

އަޑައެހުންތައް ނިންމާލާފައިވާ އެ މައްސަލައިގެ ހުކުމް އިއްވުން ތާވަލްކޮށްފައި ވަނީ މެންދުރު 2:00 ޖަހާއިރަށެވެ.

އާންމުންނާ ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ސިއްރުން ކުރިއަށް ގެންދިޔަ އެ މައްސަލާގައި ހުކުމް އިއްވުން އެންމެ ފުރަތަމަ ތާވަލުކޮށްފައި ވަނީ އިއްޔެ ހަވީރު ފަހެއް ޖަހާއިރަށެވެ. އަދި ފަހުން ވަނީ އާންމުންނާ ނޫސްވެރިންނަށް އަޑުއެހުން ހުޅުވާލައި 8:00 ޖާހާއިރަށް ފަސްކޮށްފަ އެވެ. ނަމަވެސް އަށެއް ޖަހަން ގާތް ވެފައިވަނިކޮށް ފަނޑިޔާރު އަލީ ހަމީދުގެ ސިއްހީ ހާލަތު ގޯސްވެ އެމެޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފެށުމުން ހުކުމް ކުރުން 9:30 ބަދަލު ކުރި އެވެ.

ނަމަވެސް އަލީ ހަމީދު ހޮސްޕިޓަލުން ރޭ ދޫކޮށް ނުލުމާއި އެކު ރޭ ބާއްވަން މަސައްކަތްކުރި އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ތަހުގީގަށް ބަންދުކޮށްފައި ހުއްޓައި ވެސް އަލީ ހަމީދުގެ ހާލު ދެރަވެ ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދީފަ އެވެ. އަދި އެމަނިކުފާނުގެ ޝަރީއަތުގެ އަޑުއެހުންތަކުގައި ވެސް ސިއްހީ ގިނަ މައްސަލަތަކެއް ދިމާވަމުންދާކަން އަންނަނީ ޝަރީއަތުގެ ސަމާލުކަމަށް ގެންނަމުންނެވެ.

comment ކޮމެންޓް