އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ރާއްޖޭން ނާއިލާއި ހިމްނާ

އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރާ ޓީމުގައި ހިމެނުނު ނާއިލް(ކ)އާއި ހިމްނާ(ވ) ---

އަންނަ މަހު ޖަޕާނުގެ ޖިފޫގައި ބާއްވާ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރާ ޓީމުގައި މުހައްމަދު ނާއިލާއި އައިޝަތު ހިމްނާ ހަސަން ހިމެނިއްޖެ އެވެ.

އަންނަ މަހުގެ 7 އިން 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ނާއިލާއި ހިމްނާގެ ކޯޗެއްގެ ގޮތުގައި ބައިވެރިވާނީ ހުސައިން ހަލީމެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭން ވާދަކުރާ ޓީމަށް ނާއިލާއި ހިމްނާ ނަގާފައި ވަނީ ދާދި ފަހުން ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގެ ނަތީޖާތަކަށް ބެލުމަށްފަހު އެވެ. އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ނާއިލާއި ހިމްނާ ވާދަކުރާނީ 200 މީޓަރު ދުވުން އަދި 400 މީޓަރު ދުވުމުގަ އެވެ.

ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި ނާއިލް ވަނީ ފިރިހެނުންގެ 400 މީޓަރު ފައިނަލުގައި ވާދަކޮށްފަ އެވެ. ހަތް ދުވުންތެރިން ވާދަކުރި ފައިނަލުގައި ނާއިލް ނިންމާލީ ފަސްވަނައިގަ އެވެ. ނާއިލްއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް އެތުލީޓެވެ.

އޮލިމްޕިކް ކޮމިޓީގެ ސްކޮލާޝިޕްގެ ދަށުން ބޮސްޓޯވާގައި ތަމްރީން ހަދަމުންދާ ނާއިލްއަކީ ގައުމީ ޖޫނިއާ ގިނަ ރެކޯޑުތަކެއް ވެސް އޮންނަ އެތުލީޓެކެވެ. ނާއިލް ވަނީ މިއަހަރު ލަންޑަންގައި ބޭއްވި އައިއޭއޭއެފް ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕްގައި 400 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލައިފަ އެވެ. އަދި އޭނާ ވަނީ ގައުމީ ޖޫނިއާ 400 މީޓަރުގެ ރެކޯޑު ތިން ފަހަރެއްގެ މަތިން އާކޮށްފަ އެވެ.

ނާއިލްއާ އެކު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނުނު ހިމްނާއަކީ ރާއްޖޭގެ އެންމެ އުންމީދީ އަންހެން އެތުލީޓުންގެ ތެރެއިން ފާހަގަކޮށްލެވޭ އެތުލެޓީކެވެ.

ހިމްނާ ވަނީ ކޮލަމްބޯގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި އަންހެނުންގެ 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުގެ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އަންހެނުންގެ 200 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް ހަތްވަނާގައި ހިމްނާ ނިންމާލި އިރު، 400 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް ހިމްނާ ދުވުން ނިންމާލީ ހަވަނައިގަ އެވެ. އެހެންކަމުން އެ މުބާރާތުގައި އެންމެ ކާމިޔާބު ދިވެހި އެތުލީޓަކީ ހިމްނާ އެވެ.

ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖޭން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ރިލޭ އިވެންޓުން ލޯ މެޑެއްޔެއް ހޯދުމެވެ.

comment ކޮމެންޓް