އުތުރު ކޮރެއާގެ ކިމް އަނެއްކާ ވެސް ޗައިނާއަށް ވަޑައިގެން، ރައީސް ޝީއާ ބައްދަލު ކުރައްވައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ޗައިނާއަށް ވަޑައިގެން އެގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވަނީ -- ފޮޓޯ: ޒިންހުއާ

ބެއިޖިން (މޭ 9): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަނެއްކާ ވެސް ޗައިނާއަށް ވަޑައިގެން، އެގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވައިފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެދެ ބޭފުޅުން ބައްދަލުކުރެއްވީ އެގައުމުގެ ޑާލިއާންގަ އެވެ. މީގެ ކުރިން މާޗު މަހު ވެސް ކިމް ވަނީ ޗައިނާއަށް ސިއްރު ދަތުރުފުޅެއް ކުރައްވައި، ރައީސް ޝީއާ ބައްދަލު ކުރައްވައިފަ އެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީޓީވީން ބުނި ގޮތުގައި ޗައިނާއަށް ކިމް ވަޑައިގެންނެވީ ޕްރައިވެޓް ޖެޓެއްގަ އެވެ. އަދި ކިމްއަށް މަރުހަބާ ވިދާޅުވި ފަރާތްތަކުގެ ތެރޭގައި އެގައުމުގެ ފޮރިން މިނިސްޓަރު ވަންގް ޔީ ހިމެނެ އެވެ.

އެބައްދަލުވުމުގައި ރައީސް ޝީ ވަނީ ދެ ކޮރެއާގެ ގުޅުން ރަނގަޅު ކުރުމަށާއި ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް އެދެ ގައުމުން ފައްޓާފައިވާ މަސައްކަތަށް ތައުރީފު ކުރައްވާފައިވާ ކަމަށް ޗައިނާގެ ނޫސްތަކުން ބުންޏެވެ.

ކަމާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން ކިމްގެ އެދަތުރުފުޅަކީ، ކިމް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ.

މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ ކިމްއާ އެކު ބާއްވާ ބައްދަލުވުން ބާއްވާނެ ތަނަކާއި ދުވަސް ފަދަ ކަންތައްތައް މިހާރު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ލީޑަރު ކިމް ވަނީ މިދިޔަ މަހު ދެ ކޮރެއާ ގުޅޭ ބޯޑަރުގައި ދެކުނު ކޮރެއާއަށް ނިސްބަތްވާ ފަޅިއަށް ވަޑައިގެން، އެގައުމުގެ ރައީސް މޫން ޖޭ އިންއާ ބައްދަލުކުރައްވައިަފ އެވެ. އެހެންކަމުން ކިމް އަކީ 1950 އިން 1953 އަށް ކުރިއަށް ދިޔަ ކޮރެއާ ހަނގުރާމަ ނިމުނު ފަހުން ދެކުނު ކޮރެއާއަށް ވަޑައިގަތް ފުރަތަމަ ލީޑަރެވެ.

އަދި އެބައްދަލުވުމުގައި ދެބޭފުޅުން ވަނީ މި އަހަރު ތެރޭ އެ ދެ ގައުމުގެ މެދުގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމަވައިފަ އެވެ. (ސީއެންއެން)

comment ކޮމެންޓް