ޗެމްޕިއަން ''ބަޖިޔޭ'' ގަދަ 16އަށް

ޔޫތު ސިޓީ ފުޓްސަލް ކަޕްގައި ބަޖިޔޭއާއި ޕާކް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ބަޖިޔޭގެ އަކްރަމް އަބްދުލް ރަޝީދު(ކ) ---

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ބަޖިޔޭއިން ގަދަ 16ގެ ޖާގައެއް ހޯދައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތިންވަނަ ބުރުގެ ފަހު މެޗުތައް ރޭ ކުރިއަށްދިޔައެވެ.

ރޭގެ މެޗުތައް ކާމިޔާބުކޮށް، ބަޖިޔޭއާއެކު ގަދަ 16ގެ ފަހު ޖާގަތައް ހޯދީ ޑީ ސީ ޖޭއާއި ތިމަރަފުށި ޔޫތު ޕްލޭޔާސްއެވެ. އޭގެ އިތުރުން ބަޖިޔޭ އަތުން ބަލިވި ޕާކްއަށް ވެސް ވަނީ ގަދަ 16ގެ ޖާގައެއް ލިބިފައެވެ. އެޓީމަށް ގަދަ 16ގެ ޖާގައެއް ލިބުނީ ތިންވަނަ ބުރުގައި ބަލިވި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމުގެ ގޮތުގައެވެ. ޕާކްގެ އިތުރުން ގަދަ 16ގައި ދެން ވާދަކުރާނީ ތިންވަނަ ބުރުގެ މެޗުތައް ކާމިޔާބުކުރި 15 ޓީމެވެ.

ރޭ ކުޅުނު މެޗުގައި ޕާކްގެ މައްޗަށް ބަޖިޔޭއިން ކުރި ހޯދީ 13-14ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ބަޖިޔޭއިން ޖެހި 14 ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާފިއުއެވެ. އޭގެ އިތުރުން ޔާމީން މުހައްމަދާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަކްރަމް އަބްދުލް ރަޝީދު، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އަލީ މަލާޝް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. މުހައްމަދު ސުޖަން އަހްމަދު ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ.

އެ މެޗުގައި ޕާކްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު އަޖުވަދު އަބްދުﷲއާއި، ހުސައިން ރައުޝަންއާއި، އަލީ ޝައިހާނާއި، އަބްދުﷲ ފަހުމީއާއި، އަލީ ސިނާހު އަދި މުހައްމަދު އަޝްފާނެވެ. އޭގެ ތެރެއިން އަޖުވަދުގެ ފަރާތުން ހަތަރު ލަނޑު ފެނިގެންދިޔަ އިރު، ރައުޝަންގެ ފަރާތުން ތިން ލަނޑު ފެނިގެންދިޔައެވެ. އަދި ޝައިހާންގެ ފަރާތުން ދެ ލަނޑު ފެނިގެންދިޔައެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ޕަންކް ހޫލިގަންސް ބަލިކޮށް ޑީ ސީ ޖޭއިން ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި ތިންވަނަ ބުރުގެ ފަހު މެޗުގައި ޔޫތު ރިވޮލޫޝަން ކްލަބު (ވައިއާރްސީ) އަތުން ތިމަރަފުށި ޔޫތު ޕްލޭޔާސް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

ފިރިހެން ޑިވިޝަންގެ ގަދަ 16ގެ މެޗުތައް މިރޭ ފެށުމަށް ހަމަޖެހިފައިވާ އިރު، މިރޭ ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ.

ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށްދާ އިރު، އަންހެން ޑިވިޝަންގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މި އަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350,000 ރުފިޔާއެވެ.

މިރޭ ކުޅޭ ފިރިހެން ޑިވިޝަންގެ ގަދަ 16ގެ މެޗުތައް:

21:00 އެފްސީ ވަކަރުގެ – މައްޗަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ)

21:00 އެފްސީ ދާއެޅުން – ރޮކް ސްޓްރީޓްސް ކްލަބު

22:00 ނެމެސިސް – ފްލެޓް 7

22:00 ކްލަބު ގްރީން ސްޓްރީޓްސް – ތިމަރަފުށި ޔޫތު ޕްލޭޔާސް އެސްސީ

comment ކޮމެންޓް