ދިހަ ޓީމާއެކު އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަން ފަށައިފި

ޕްލިސް ކްލަބާއި ޒެނިތު ސްޕޯޓްސް ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާ، ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާ ---

ދިހަ ޓީމާއެކު ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ކުޅުން އިއްޔެ ފަށައިފިއެވެ.

ކުޅިވަރު އެކުވެނީގެ އެތެރެވެށީ ކޯޓުގައި އިއްޔެ ފެށި މުބާރާތް ކުރިއަށްދާނީ ތިން ޕޫލަކަށް ޓީމުތައް ބަހާލައިގެންނެވެ. މުބާރާތުގައި އިއްޔެ ހަވީރާއި ރޭ ކުޅެފައިވަނީ ހަތަރު މެޗެކެވެ.

ފުރަތަމަ މެޗުގައި ކްލަބު ވެމްކޯއާއި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ވެމްކޯއެވެ. ވެމްކޯއިން ސެޓުތައް ގެންދިޔައީ 25-11، 25-22 އަދި 25-9ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގައި ވާދަކުރީ ހުޅުމާލޭ ޔޫތު ޑެވަލޮޕްމަންޓް ސޮސައިޓީއާއި އައްޑޫ ސްޕޯޓްސް ކްލަބެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ހުޅުމާލޭ ޔޫތު ޑެވަލޮޕްމަންޓް ސޮސައިޓީއެވެ. މެޗުގެ ސެޓުތައް ހުޅުމާލޭ ޑެވަލޮޕްމަންޓުން ގެންދިޔައީ 25-17، 25،21 އަދި 25-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުމާލޭ ޑެވަލޮޕްމަންޓް ސޮސައިޓީގެ އައިޝަތު ޔުމްނާއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބާއި ޒެނިތު ސްޕޯޓްސް ކްލަބު ރޭ ކުޅުނު މެޗު، ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޕޮލިސް ކްލަބެވެ. ޕޮލިހުން މެޗުގެ ސެޓުތައް ގެންދިޔައީ 25-18، 25-17 އަދި 25-12 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާއެވެ.

ރޭގެ ފަހު މެޗުގައި ފޮނަދޫ މެދު އަވަށު ސްޕޯޓްސް ކްލަބާއި މާފަންނު ޔޫތު ޑެވަލޮޕްމަންޓް ސޮސައިޓީ ވާދަކޮށް މެޗު ކާމިޔާބުކުރީ މާފަންނު ޔޫތު ޑެވަލޮޕްމަންޓް ސޮސައިޓީއެވެ.

މާފަންނު ޔޫތު ޑެވަލޮޕްމަންޓުން މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު މާފަންނު ޔޫތު ޑެވަލޮޕްމަންޓުން ކާމިޔާބުކުރީ 25-16 އަދި 25-23 އިންނެވެ. ތިންވަނަ ސެޓު މެދު އަވަށު ސްޕޯޓްސް ކްލަބުން 25-20 އިން ކާމިޔާބުކުރި ނަމަވެސް މާފަންނު ޔޫތު ޑެވަލޮޕްމަންޓުން ވަނީ ފަހު ސެޓު 25-23 އިން ކާމިޔާބުކޮށް، މެޗު ގެންގޮސްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފަންނު ޔޫތު ޑެވަލޮޕްމަންޓް ސޮސައިޓީގެ އައިޝަތު މާޖިދާއެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ހަތަރު މެޗެއް މިއަދުވެސް އޮންނާނެއެވެ.

މިއަހަރު މުބާރާތުގައި ބައިވެރިވި 10 ޓީމު، ތިން ޕޫލަކަށް ބަހައިލައިގެން މުބާރާތް ކުރިއަށްގެންދާ އިރު، ދެވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުން އެއް ޓީމެވެ. އެގޮތުން ތިން ޕޫލުން ތިން ޓީމު، ދެވަނަ ބުރުގައި ވާދަކުރާނީ ލީގު ބުރެއްގައެވެ. ލީގު ބުރު ނިމޭ އިރު، އެއްވަަނަ އަދި ދެވަނަ ހޯދާ ޓީމަށް ފައިނަލުގެ ޖާގަތައް ލިބޭނެއެވެ.

ޕޫލް އޭ

ކްލަބު ވެމްކޯ، ހުޅުމާލޭ ޔޫތު ޑެވަލޮޕްމަންޓް ސޮސައިޓީ، މޯލްޑިވިއަން، އައްޑޫ ސްޕޯޓްސް ކްލަބު

ޕޫލް ބީ

ޕޮލިސް ކްލަބު، ޒެނިތު ސްޕޯޓްސް ކްލަބު، ކުޑަ ހެންވޭރު ޔުނައިޓެޑް

ޕޫލް ސީ

ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު، މާފަންނު ޔޫތު ޑެވަލޮޕްމަންޓް އެސޯސިއޭޝަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ޓީމަކީ ޕޮލިސް ކްލަބެވެ. މިދިޔަ އަހަރު މުބާރާތް ބާއްވާފައިވަނީ ފުވައްމުލައް ސިޓީގައެވެ.

comment ކޮމެންޓް