ކީރިތި ގުރުއާނުން ބައެއް އާޔަތްތައް އުނިކުރަން ގޮވާލަން ހުޅަނގުގެ ލީޑަރުންނަކީ ދެން ކޮން ބައެއް؟

ކިރިތި ގުރުއާނުން ބައެއް އާޔަތްތައް އުނިކުރުމަށް ފަރަންސޭސިވިލާތުގެ ބައެއް އިސްފަރާތްތަކުން ގޮވާލި ގޮވާލުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދާދިފަހުން ވަނީ ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ.

ކީރިތި ގުރުއާނުން މޫރިތި ބައެއް އާޔަތްތަކުގައި ޔަހޫދީންނަށް ނަސާރާއިންނާ އަދި އެނޫން ވެސް ކާފަރުންނަށް "ބަދުބަސް" ބުނެފައިވާ ކަމަށް ބުނެ އެއާޔަތްތައް ނައްތާލަން ޖެހޭ ކަމަށް ގޮވާލެއްވި ފަރަންސޭސި އިސް ބޭފުޅުންގެ ތެރޭގައި ފަރަންސޭސި ކުރީގެ ނިކޮލައި ސަކޫޒީ އާއި ކުރީގެ ބޮޑުވަޒީރު މެނުއެލް ފާލްސް ހިމެނިވަޑައިގަންނަވަ އެވެ.

އެބޭފުޅުން އިސް ނަގައިގެން ކީރިތި ގުރްއާނުން ބައެއް އާޔަތްތައް އުނިކުރުމަށް ގޮވާލާ ކުފުރުގެ ޕެޓިޝަނެއްގައި ފަރަންސޭސި އިސްބޭފުޅުންގެ 300 ބޭފުޅުންނާއި އާންމުންގެ އެތައް ބަޔަކު ވަނީ ސޮއިކޮށްފަ އެވެ. ކީރިތި ގުރުއާނުން ބައެއް އާޔަތްތައް އުނިކުރުމަށް ގޮވާލާ އެ ޕެޓިޝަންގައި ސޮއިކުރި ފަރަންސޭސި އިސް ބޭފުޅުންނަށް އަމާޒުކުރައްވައި އުރުދުޣާން ވިދާޅުވީ ހަތް އުޑުމަތިން މާތް ﷲ ބާއްވާލެއްވި ކީރިތި ގުރުއާނުގެ މުގައްދަސް އާޔަތްތައް ބަދަލުކުރަން ގޮވާލަން ކަލޭމެންނަކީ އެއްވެސް އަގެއް ހުރި ބައެއްތޯ އެވެ.

ފަރަންސޭސިވިލާތުގެ އަނިޔާވެރި އަދި ލާއިންސާނީ އިސްތިއްމާރީ ތާރީޚަށް އަލިއަޅުވާލައްވަމުން އުރުދުޣާން ވިދާޅުވީ ފަރަންސޭސީން ހަމައެކަނި އަލްޖަޒާއިރުން ވެސް އެއްމިލިޔަން މީހުން މަރާލިކަމަށާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން 100 އަހަރުވަންދެން އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ހަނގުރާމަކޮށް ތަގްލުއާންމުތައް ހިންގައި އިންސާނުން ކުދިކުދިކޮށް ކޮށާފައިވާ ކަމުގަ އެވެ.

ފަރަންސޭސި ޑިކްޓޭޓަރު ނަޕޯލިޔަމް ބޮނަޕާޓޭ ޔޫރަޕްގެ ގައުމުތަކަށް ވެރިވެގަތުމަށް ކުރި ހަނގުރާމަތަކާއި އޭނާ އިސްވެ ހުންނަވައިގެން އިންސާނުންނަށްކޮށްފައިވާ ލާއިންސާނީ އަނިޔާތަކުގެ މަތިން ހަނދާންކޮށްލި ނަމަވެސް ފަރަންސޭސިންނަކީ އިންސާނުންގެ ހައްގުތަކާ ބެހޭ ގޮތުން ޗުއްޕު ވެސް ބުނެވޭވަރުގެ މީހުން ތިބި ގައުމެއް ނޫން ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އަދި ޔޫރަޕާއި އެމެރިކާ އިން ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި ގޮވާލާ ގޮވާލުންތަކަކީ ބޮޑު ފޭކެއްކަމަށް ވެސް އުރުދުޣާން ސިފަކުރެއްވި އެވެ.

ކީރިތި ގުރްއާނުން ބައެއް އާޔަތްތައް އުނިކުރުމަށް ގޮވާލާ ކުފުރުގެ ޕެޓިޝަންގައި ސޮއިކުރުމުގެ ކަންތައް ފަރަންސޭސިވިލާތުގައި މިހާރު ވެސް ކުރިޔަށްދެ އެވެ. ނަމަވެސް މިކަމުގައި އިސްކޮށް އުޅެނީ މުސްލިމުންނާ ޖައްސާލައިގެން އުޅޭ ހައްދު ފަހަނަޅާފައިވާ ފަރާތްތަކެވެ. މި ޕެޓިޝަން އެންމެ ފުރަތަމަ ނެރުނީ ފަރަންސޭސި ނޫހެއްކަމަށްވާ "ލޮޕަރީޒިޔަން" އިން މިދިޔަ އެޕްރީލް މަހުގެ 22 ވަނަ ދުވަހު އެވެ.

ކީރިތި ގުރުއާނަށް ހަމަލާތައް ދެއްވާ ފަރަންސޭސި ނަސާރާ އަދި ޔަހޫދީ ލީޑަރުންނަށް އުރުދުޣާން ގޮވާލެއްވީ އެބޭފުޅުން ގަބޫލުކުރައްވާ ކަމަށް ބުނާ އިންޖީލާއި ތައުރާތު ރަނގަނޅަށް ކިޔާލެއްވުމަށެވެ. އެ ދެފޮތަކީ މިހާރު ބަދަލުކޮށް އެއަށް އުނިއިތުރު ގެނަސްފައިވާ ދެ ފޮތްކަމަށް ވިޔަސް އެ ދެފޮތް ކިޔާލި ނަމަވެސް އެދެފޮތް އަލުން ބަދަލުކުރަން އެފަދަ ހަރުކަށި ލީޑަރުން ގޮވާލައްވާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ކީރިތި ގުރުއާނަށް ބަދަލުގެންނަން ގޮވާލާ ފަރާތްތަކަކީ މުސްލިމުންނަކީ ބިރެއްކަމަށް ދައްކައިގެން އިސްލާމްދީން ދެކެ ނަފްރަތު ކުރުވުމަށް އިސްލާމް ފޯބިޔާ ހިންގާ މީހުންކަމަށާ އެއީ ދީނުގެ ނަމުގައި ތިބެގެން އިސްލާމް ދީން ހަލާކުކުރުމަށް މަސައްކަތްކުރާ އައިއެސް ހަނގުރާމަވެރިން ފަދަ ބައެއްކަމަށް ވެސް އުރުދުޣާން ސިފަކުރެއްވި އެވެ. މިއީ ފަރަންސޭސި އިސް ލީޑަރުންނަށް އުރުދުޣާން ވިދާޅުވި ބަދުބަހެއްކަމަށް ބުނެ ފަރަންސޭސި ބައެއް އާންމުން ސޯޝަލް މީޑިއާގައި ގެންދަނީ އުރުދުޣާނަށް ބަހުގެ ޙަމަލާތައް ދެމުންނެވެ.

ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ހުޅަނގުން ޕްރޮޕަގެންޑާ ކުރާ ތަކެއްޗަކީ ހުޅަނގުގެ ވެލިއުތަކެވެ. އެތަކެތި ޕްރޮމޯޓް ކުރަން ޔޫރަޕާއި އެމެރިކާ އިން މަސައްކަތް ކުރަނީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަކަށް ނޫނެވެ. ހަމައެކަނި ހުޅަނގުގެ ވެލިއުތައް ފެތުރުމާއި ހުޅަނގުގެ ވޭ އޮފް ލައިފް ދުނިޔޭގައި ފެތުރުމުގެ މަގްސަދުގަ އެވެ.

މީގެއިތުރުން ހުޅަނގުން ދައްކަން ބޭނުން ވަނީ ކީރިތި ގުރުއާނުގައި ރަނގަޅު އެއްވެސް ކަމެއް ނެތްކަމާއި އިންސާނީ ހައްގުތައް ފަދަ ހުރިހާ ރަނގަނޅު ޕްރިންސިޕަލްތަކާއި ގޮތްތައް އުފެދުނީ މުސްލިމުންގެ ތެރޭގައި ނޫންކަމާއި އެއީ ޔޫރަޕާއި އެމެރިކާއިން އުފެއްދި ތަކެތި ކަމުގަ އެވެ. އެހެންކަމުން ހުޅަނގުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި މަސައްކަތްކުރަނީ އެމީހުންގެ އަމިއްލަ ގޮތްތަކާއި އައިޑިއޮލޮޖީތައް ފެތުރުމުގެ ބޭނުމުގަ އެވެ. ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރާކަށެއްނޫނެވެ. މިކަން ސާފުވަނީ ދުނިޔޭގައި ހިނގާ ހުރިހާ ހަނގުރާމަތަކާއި ލާއިންސާނީ ޖަރީމާތަކުގެ ފަހަތުގައި އެމެރިކާ އާއި ޔޫރަޕް އޮންނަ އޮތުމުންނެވެ.

ހުޅަނގުން ހަތިޔާރު އުފެއްދުމަށް ފަހު ހަނގުރާމަވެރި ޖަމާއަތްތަކަށް އެހަތިޔާރުތައް ދީގެން މީހުން މަރާފައި ހުޅަނގުން އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާތަން ދަނީ ފެންނަމުންނެވެ. ފަލަސްތީނުގެ ރައްޔިތުން މަރަމުން ގެންދާ އަނިޔާވެރި އިސްރާއީލަށް ވާގިވެރިވެ އިސްރާއީލުގެ ފަހަތުގައި އޮވެގެން އެމެރިކާއާއި ޔޫރަޕުން މިނިވަންކަމާއި އިންސާނީ ހައްގުތަކުގެ ނަމުގައި ވާހަކަތައް ދައްކަ އެވެ.

ގައުމުތަކަށް އަރައިގަނެ ލައްކައިންނާއި މިލިޔަނުން މީހުން މަރާފައި އެމެރިކާއާއި ޔޫރަޕުން އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކަ އެވެ. އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތައް ސިއްރިޔާތުގައި އުފައްދައި ސިޔާސީ މަގްސަދުތައް ޙާސިލްކުރުމަށްޓަކައި އެޖަމާއަތްތަކަށް ސިއްރިޔާތުގައި ވާގިވެރިވެފައި ޓެރަރިޒަމާ އިދިކޮޅު ހަނގުރާމައިގެ ނަމުގައި އެމެރިކާއާއި ޔޫރަޕުން އިސްލާމީ އެތަށް ގައުމަކަށް ބޮންއަޅައި ކުށެއްނެތް އެތައް މުސްލިމުންނެއް މަރަމުން ގެންދެ އެވެ.

ދުނިޔޭގައި ނުރައްކާތެރި ޑިކްޓޭޓަރުން އުފެދިފައި ވަނީ ވެސް ޔޫރަޕްގަ އެވެ. އަދި ޑިކްޓޭޓަރުންނަށް މިހާރު ވެސް ވާގިވެރިވަނީ އެމެރިކާއާއި ޔުރަޕުންނެވެ. އިންސާނީ ހައްގުތަކަށް އަރައިގަނެ މީހުން ވެސް މަރަމުން ގެންދަނީ އެމެރިކާއާއި ޔޫރަޕުންނެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ފަހުން ވެސް އެމެރިކާ އާއި ޔޫރަޕުން ތިރީހަކަށް ހަނގުރާމަ ދުނިޔޭގެ އެކިގައުމުތަކުގައި ކޮށް ދިހަ މިލިޔަނަށް ވުރެ ގިނަ މީހުން މަރާފައިވާ ކަމަށް ކަމާ ބެހޭ ދިރާސާތައް ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް