ކޮސީލްނީއަށް ވޯލްޑް ކަޕް ނުކުޅެވޭނެ

އާސެނަލްގެ ކެޕްޓަން ލޮރެން ކޮސީލްނީގެ ފަޔަށް ލިބުނު އަނިޔާއާއެކު އޭނާއަށް މިފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނޭކަމަށް އެޓީމުގެ ކޯޗު އާސެން ވެންގާ ބުނި-- ފޮޓޯ: އެފްސީނައިޖާ

އާސެނަލްގެ ކެޕްޓަން ލޯރެން ކޮސީލްނީގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން، ކުރިއަށް އޮތް ރަޝިއާ ވޯލްޑް ކަޕް 2018ގައި އޭނާއަށް ނުކުޅެވޭނޭ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

ފްރާންސްގެ ގައުމީ ޓީމަށް 50އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ އުމުރުން 32 އަހަރުގެ ސެންޓަރ ބެކްގެ ފަޔަށް އަނިޔާ ލިބުނީ، ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އެތުލެޓިކޯއާ ވާދަކޮށް ބަލިވި މެޗުގައެވެ. ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އެމެޗުގެ 12 ވަނަ މިނިޓްގައި އާސެނަލްގެ ކެޕްޓަން ދަނޑުން ބޭލީ އަށިގަނޑުގައެވެ.

ވެންގާ ބުނީ، ކޮސީލްނީގެ ފައިގެ "އަކިލަސް ޓެންޑަން" (ފައިތިލައާއި ފައިދަނޑިއާ ގުޅޭ ހުޅު)ގެ އޮޕަރޭޝަނެއް ކުރަން ޖެހުމާ ގުޅިގެން އޭނާއަށް ކުރިއަށް އޮތް ހަ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނާން ޖެހޭ ކަމަށެވެ.

ކޮސީލްނީއާ ހަވާލާދީ ވެންގާ ބުނިގޮތުގައި، މިފަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ފްރާންސްގެ ތަރި ވަނީ ނިންމައިފައެވެ. މިއާއެކު، ކޮސީލްނީއަށް މިވަނީ ހިތްދަތިގޮތަކަށް އޭނާގެ އިންޓަރނޭޝަނަލް ފުޓްބޯޅަ ކެރިއަރު ނިންމާލަން ޖެހިފައެވެ.

"އޭނާއަށް ވަނީ ވަރަށް ބޮޑު އަނިޔާއެއް ލިބިފައި. ހަމަސްދުވަހަށް ކުޅުމާ ދުރުގައި ހުންނާން ޖެހޭނެ. އޭނާގެ ރަނގަޅުވެގެން ކުޅޭތަން، ޑިސެމްބަރުގެ ކުރީން ނުފެންނާނެ،" މި ސީޒަނަށް ފަހު އާސެނަލް ދޫކޮށްލަން ނިންމައިގެން ހުރި އެޓީމުގެ ދުވަސްވީ ކޯޗު ބުންޏެވެ.

ކޮސީލްނީއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް މިފަހަރުގެ ވޯލްޑް ކަޕް ނުކުޅެވޭނޭކަން ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުންވެސް ވަނީ، ހާމަކޮށްފައެވެ.

ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމް ބުނީ، މިއީ އޭނާގެ ޓީމަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ކޮސީލްނީއަށް ވެސް ވަރަށް މުހިއްމު މުބާރާތަކަށް ވުމުން އޭނާއަށް މިލިބުނު އަނިޔާއާ ގުޅިގެން ވަރަށް ބޮޑަށް ހަމްދަރުދީވާކަން ކޯޗު ޑިޝޯމް ވަނީ ފާހަގަކޮށްފައެވެ.

ކޮސީލްނީގެ ދެ ފައިގެވެސް، އެކިލަސް ޓެންޑޯންސްއަށް ލިބިފައިވާ އަނިޔާއަށް ދާއިމީ ގޮތެއްގައި ފަރުވާ ހޯދަން ޖެހޭކަން 2017 ވަނަ އަހަރުގެ މޭ މަހުގައި ވެސް އޭނާ ވަނީ ބުނެފައެވެ.

ކޮސީލްނީ ވަނީ 2011 އިން ފެށިގެން ފްރާންސްގެ ގައުމީ ޓީމަށް 51 މެޗު ކުޅެދީފައެވެ. އޭނާއަކީ، ގަވައިދުން ޓީމުން ޖާގަ ހޯދާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް