އީރާނުގެ ނިއުކުލިއާ އެއްބަސްވުމުން އެެމެރިކާ ވަކިވެއްޖެ

އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. އީރާނުގެ ނިއުކުލިއާ އެއްބަސްވުމުން އެެމެރިކާ ވަކިވިކަން ޓްރަމްޕް މިރޭ ވަނީ އިއުލާން ކުރައްވައިފައި--ފޮޓޯ؛ ރޮއިޓާސް

ނިއުކުލިއާ ހަތިޔާރު އުފެއްދުން މަނާކުރުމަށް ބޮޑެތި ބާރުތަކާ އީރާނާ ދެމެދު އެކުލަވާލައިފައިވާ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެއެވެ.

އީރާނުގެ އެއްބަސްވުމާމެދު އެމެރިކާއިން ނިންމި ގޮތް އިއުލާން ކުރުމަށް ރޭ ވައިޓް ހައުސްގައި ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެއްބަސްވުން ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށެވެ.

"މިހާރު މިއޮތް ތާކުންތާކު ނުޖެެހޭ އެއްބަސްވުމުގެ ސަބަބުން އީރާނުން ނިއުކުލިއާ ބޮމެއް ނުއުއްފައްދާނެ ކަމުގެ ޔަގީން ކަމެއް ނެތް. މީގެން ނުކުންނާނެ ނަޠީޖާ ވަރަށް ރަނގަޅަށް އެބަ އެނގޭ. އެ އެއްބަސްވުމުގެ ސަބަބުން ސުލްހައެއް ނުގެނެވުނު. އަދި ދުވަހަކުވެސް ސުލްހައެއް ނުގެނެވޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

ރޭގެ އިވެންޓްގައި ޓްރަމްޕް ވަނީ އީރާނަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ޓެރެރިޒަމް ފަތުރާ ގައުމުކަމަށް ވިދާޅުވަމުން އައި ވިދާޅުން ތަކުރާރުކުރައްވައިފައެވެ. އަދި އީރާނުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި އަދި ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދޭ މައްސަލައިގައި އީރާނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ޓްރަމްޕް ވަނީ ދެއްވައިފައެވެ.

އެއްބަސްވުމުން އެމެރިކާ ވަކިވުމަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އީރާންގެ ނިއުކުލިއާ އެއްބަސްވުމުން އެމެރިކާ ވަކިވިނަމަވެސް ޔޫރަޕްގެ ބޮޑެތި ބާރުތައް ކަމަށްވާ އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުން އެންމެ ފަހުވަގުތާ ހަމައަށްވެސް ދިޔައީ އެއްބަސްވުން ދެމެހެއްޓުަމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް