އަދީބުގެ ބޭސްފަރުވާ މައްސަލަ ސިވިލް ކޯޓުން ނުބެލޭނެ ކަމަށް ނިންމައިފި

ސިވިލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމަށް ފަހު އަދީބް ޖަލަށް ގެންދަނީ --- ފޮޓޯ: ސަން

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ބޭސްފަރުވާއާ ގުޅޭ ގޮތުން އެމަނިކުފާނު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަ ނުވާތީ އެ މައްސަލަ ސިވިލް ކޯޓުން ނުބެލޭނެ ކަމަށް ހުކުމްކޮށްފި އެވެ.

އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި ދައުލަތުން އިހުމާލުވާ ކަމަށް ބުނެ އަދީބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވަވަމުން ގާޒީ އަލީ އަބްދުﷲ ވިދާޅުވީ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯދުމަށް އެދުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކެއް ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެގޮތުން އަދީބު ހުށެހެޅުއްވި މައްސަލާގައި އެ ގަވާއިދުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުވާކަން ލިޔެކިޔުންތަކުގެ އިތުރުން އަދީބުގެ ބަހުން ވެސް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ސިވިލް ކޯޓުން ބެލޭނީ އިޖުރާއަތްތައް ފުރިހަމަ ކުރުމުން ކަމަށް ހުކުމް އިއްވަވަމުން އަލީ އަބްދުﷲ ވިދާޅުވި އެވެ.

އަދީބުގެ ލޮލަށް ގްލޮކޮމާ ޖެހިފައިވާ ކަމަށް ބުނެ އާއިލާ އިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އޭގެ އިތުރުން ވެސް ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ އިރު ބޭސްފަރުވާ ދިނުމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލުވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗު ކޮޅު ގޮއްވާލި މައްސަލާގައި ހައްޔަރުކޮށްފައިވާ އަދީބަށް އެކި މައްސަލަތަކުގައި ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

comment ކޮމެންޓް