ޑްރަގް ނެޓްވޯކެއްގެ އިސްފަރާތެއް ހައްޔަރުކޮށް ފަސްލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން ހިންގި 2 އޮޕަރޭޝަނެއްގައި މީގެ ކުރިން އަތުލާގަނެފައިވާ މަސްތުވާތަކެތި --- ފޮޓޯ: ފުލުހުން

މަގުމަތީ އަގުގައި ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި މަސްތުވާތަކެެތި އަތުލައިގަނެ އެ މައްސަލާގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ އިސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިއަދު އިސްކަންދަރުކޮށީގައި ޑްރަގް އެންފޯސްމަންޓްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑިޕާޓްމަންޓްގެ އެކްޓިންގ ހެޑް ރަޖްނީ ޝުއައިބު ވިދާޅުވީ މެއި މަހުގެ ހަތްވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޑްރަގް ނެޓްވޯކެއްގެ އިސްފަރާތެއް ކަމަށްވާ މއ. އަނޫމާ އުމުރުން 27 އަހަރުގެ ފައިސަލް އިބްރާހިމް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފައިސަލްއަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ ކުށުގެ ރެކޯޑްގެ އިތުރުން ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ހުރަސް އެޅުމަށް މަސައްކަތްކުރުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށްވެސް ރަޖްނީ ވިދާޅުވިއެވެ.

މި މައްސަލާގައި ފުލުހުން ވަނީ އިތުރު މީހަކުވެސް ހައްޔަރުކޮށްފައެވެ. އެއީ މއ. އަނޫމާ އުމުރުން 33 އަހަރުގެ ރާމިޒް އިބްރާހިމްއެވެ. މި މައްސަލާގައި ފުލުހުން ވަނީ އަނޫމާގެ ބަލާ ފާސްކޮށް 9.9 ގްރާމުގެ ހެރޮއިން އަދި 530 ގްރާމް ހުރި ކެނަބިސްވެސް އަތުލާގަނެފައެވެ. އެ މަސްތުވާތަކެތީގެ އަގު ފަސް ލައްކަ ރުފިޔާއަށް ވުރެ ގިނަ ވާނެ ކަމަށްވެސް ޑީއީޑީގެ އެކްޓިން ހެޑް ރަޖްނީ ވަނީ ވިދާޅުވެފައެވެ. އަދި އަނޫމާގެއިން މައްސަލައާ ގުޅުން ހުރި އިތުރު ހެކިވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވަނީ މީގެ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ. އެ މައްސަލާގައި ފުލުހުން ވަނީ ތިން މީހަކު ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން ހައްޔރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސ. ފޭދޫ ހަޒާރުމާގޭ ލީވާން އަލީ ނާސިރު، ސ. ހިތަދޫ ލީޒަން އާލާ އިބްރާހިމް ރަޝީދު އަދި ފުވައްމުލަކު ސިޓީ، ހޯދަނޑު ބޯގަންވިލާ ސާމީ އަބްދުލްހަމީދެވެ.

މީގެ ތެރެއިން ލީވާންގެ ޖީބުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލާގައި ހިމެނޭ ތިން މީހުން ހައްޔަރުކުރި އިރު އެމީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މިއަދު އިތުރު މައްސަލައަކާ ގުޅޭ ގޮތުންވެސް މައުލޫމާތު ހާމަކޮށްފައެވެ. އެއީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އަތުލި ތިން ކިލޯގެ މަސްތުވާތަކެއްޗާއި ގުޅޭ މައްސަލައެކެވެ. އެ މައްސަލާގައި ފުލުހުން ވަނީ މާލޭގެ ގެއެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ހައްޔަރުކޮށްފައެވެ. އެ ދެ މީހުންނަކީ ގދ. ފަރެސްމާތޮޑާ ސަމަން، ސަދޫހު ސާމިހު އަދި ހަމަ އެ ރަށު މީނާޒް، ވިސާމް ސަމީރެވެ. ފުލުހުން ބުނީ އެ ދެމީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ތިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މި ތިން މައްސަލައާ ގުޅުން ހުރި މީހުންގެ ބަންދަށް ކޯޓުން މުއްދަތު އިތުރުކޮށްފައިވާ ކަަމަށެވެ.

comment ކޮމެންޓް