އިންޑިއާގައި އަނެއްކާ ވެސް އަންހެންކުއްޖަކު ރޭޕްކޮށް އަންދާލައިފި

އިންޑިއާގައި ރޭޕް ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައި ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާކޮށްފައި -- ފޮޓޯ: ގެޓީ

ދިއްލީ (މޭ 7): އިންޑިއާގެ ޖަރުޚަންދު ސްޓޭޓުގައި އަނެއްކާ ވެސް އަންހެން ކުއްޖަކު ރޭޕްކުރުމަށް ފަހު އަންދާލި މައްސަލައެއް ފެންމަތިވެއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި 17 އަހަރުގެ އެކުއްޖާއަށް ހުކުރު ދުވަހު ދިން ހަމަލާއާ ގުޅިގެން 19 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ޕޮލިސް އޮފިސަރު ޝައިލެންދުރާ ބާންވާލް ވިދާޅުވި ގޮތުގައި ކުއްޖާއަށް ހަމަލާ ދިން މީހާ ވަނީ އެ ކުއްޖާ ކައިރީ އިންނަން އަހައިފަ އެވެ. ނަމަވެސް އެކުއްޖާ ވަނީ ކައިވެނި ކުރަން ތައްޔާރު ނޫން ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން އެމީހާ ވަނީ ކުއްޖާ ގޭގައި ހުއްޓާ، އެގެއަށް ވަދެ ކުއްޖާ ރޭޕްކޮށްފަ އެވެ. އަދި އެއަށް ފަހު ކުއްޖާގެ ގައިގައި ރޯކޮށްލައިފަ އެވެ. އެއަލިފާންގަނޑު ނިއްވާލީ އެގެ ކައިރީ ދިރިއުޅޭ މީހުން އައިސްގެން ކަމަށް ވެސް ބާންވާލް ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެ ކުއްޖާގެ ހަށިގަނޑުގެ 95 ޕަސެންޓު ވަނީ އަނދައިފަ އެވެ.

ޖަރުޚަންދު ސްޓޭޓުގައި އެހާދިސާ ހިނގީ، ހަމަ އެސްޓޭޓުގައި 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް އަންދާލި ފަހުންނެވެ. އެކުއްޖާގެ މަރާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް 15 މީހަކު ހައްޔަރުކޮށްފަ އެވެ.

އިންޑިއާގެ ކަޝްމީރުގައި އަށް އަހަރުގެ ކުއްޖަކު ރޭޕް ކުރުން ފަދަ ގިނަ މައްސަލަތަކާ ގުޅިގެން، ރޭޕް ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައި އެގައުމުގެ ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާކޮށްފަ އެވެ.

އޭގެ ސަބަބުން އިންޑިއާގެ ކެބިނެޓުން ވަނީ 12 އަހަރުން ދަށުގެ ކުޑަކުދިން ރޭޕް ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މިދިޔަ މަހު ފާސްކޮށްފަ އެވެ. އަދި 16 އަހަރުން ދަށުގެ ކުދިން ރޭޕް ކުރާ މީހުންނަށް 20 އަހަރާއި އުމުރު ދުވަހާ ދެމެދުގެ ޖަލު ހުކުމް ކުރެވޭނެ ކަމަށް ނިންމައިފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް