މަދުން ނޫނީ ނުފެންނަ ބައްޔެއްގެ ޝިކާރައަކަށްވެ ޅައުމުރު މާޔޫސް ކަމާއި ހިތްދަތިކަމުގައި!

11 އަހަރުގެ ހަސަން ރިމްޝާދް--- ފޮޓޯ/ އާއިލާ

ކޮންމެ ދައްތައެއް ވެސް، ބޭބެ އެއްވެސް އެންމެ އުފާވާނެ އެއް ކަމަކީ އަޅާލާނެ ކޮއްކޮއެއް ހުރުމެވެ. އެކީގައި ކުޅެލައި، މަޖާކޮށް، ސަކަރާތްޖަހައި ހުރިހާ ކަމެއް ހިއްސާ ކުރާނެ ކޮއްކޮއެއް ހުރުމެވެ. ނަމަވެސް ކަން މިހެން ނުވާ ފަހަރުު ވެސް ވަރަށް ގިނައިން އާދެއެވެ. ބޭބެމެންނަކީ ކޮއްކޮމެން ހިމާޔަތް ކުރުމަށް ތިބޭ ބަޔަކަށް ވާއިރު ބައެއް ހާލަތުގައި އެކަން ކުރުމަށް ނުކުޅެދެއެވެ.

އުމުރުން އެންމެ 11 އަހަރުގެ ހަސަން ރިމްޝާދަކީ މިއަދު ބަލި އެނދުގައި އޮތް، މައެއްގެ ދެލޮލުގެ ކޮއިފަދައިން ބަލަމުން ގެންދިޔަ ކުއްޖެކެވެ. ބޭބެއާއި ދައްތަމެން އެންމެ ލޯބިވާ އެއް ކޮއްކޮއެކެވެ.

ށ. މާއުނގޫދުއަށް އުފަން ރިމްޝާދުގެ ބަލި ހާލަތާ ގުޅޭ ގޮތުން "ސަން ކުލުނު" އާ ވާހަކަ ދައްކަމުން އޭނާގެ ދޮށްޓަށް ހުރި ބޭބެ މުހައްމަދު ނަދީމު ބުނީ ކޮއްކޮ ވަނީ ހުންކޮށީގެ ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް ވެފައި ކަމަށެވެ.

ރިމްޝާދަކީ އާދައިގެ ކުއްޖެއް ނޫންކަން އޭނާގެ މައިންބަފައިންނަށް އެންމެ ފުރަތަމަ ފާހަގަވީ ކުއްޖާގެ އުމުރުން އެންމެ ހަ މަހުގައެވެ.

"އޭރު ވެސް ކޮއްކޮ ނުއެއް ނިދާނެ. ގާތުން ނުބޯނެ. ދެން އެންމެން ވެސް ހާސްވާން ފެށީ،" ނަދީމް ކިޔައިދިނެވެ.

އެކަމާ ގުޅިގެން އޭރު ވެސް ރިމްޝާދު ޑޮކްޓަރަށް ދެއްކިއެވެ. ނަދީމް ބުނިގޮތުގައި ޑޮކްޓަރަށް ދެއްކި ނަމަވެސް އޭރު ކޮއްކޮއަށް ދިމާވަމުންދާ ކަންތައްތަކުގެ އަސްލެއް ހޯދިފައެއްނުވެއެވެ.

ޑޮކްޓަރަށް ދައްކައިގެން ވެސް ރިމްޝާދަށް ޝިފާއެއް ލިބޭނެ އަލިމަގެއް ނުފެނިވަނިކޮށް ދެން ދިމާވި ކަންތައްތަކުގެ ސަބަބުން އާއިލާއިން ހާސްވެ ކަންބޮޑުވާލެއް އިތުރުވެގެން ދިޔައެވެ.

ކުއްލިއަކަށް ރިމްޝާދުގެ ހުންކޮށި ބޮޑުވާން ފެށިއެވެ. ބަނޑުވެސް ދުޅަވާން ފެށިއެވެ. އެކަމުގެ ސަބަބުން ރިމްޝާދަށް އެހެން މީހެއްގެ އެހީއާ ނުލައި އުޅެން އުނދަގުލަކަށްވިއެވެ.

"އިށީނދެ އިނުމަށް އުނދަގޫވެ ހިނގާ ބިނގާވެ އުޅުމަށް ވެސް އުނދަގޫ ކަމަކަށްވެފައި ވަނީ،" ރިމްޝާދްގެ ބޭބެ ކިޔައިދިނެވެ.

"ކޮއްކޮ އަބަދުވެސް ބޭނުންވާނެ އެހެން ކުދިން އުޅޭހެން އުޅެން. ކިޔަވާ ހިތްވާނެ ވަރަށް. އަބަދުވެސް ބުނާނެ. އޮށޯވެގެން އޮންނާކަށް ބޭނުމެއް ނުވާނެ ގިނައިރަކަށް. އަމިއްލައަށް ތެދުވެ ނޫޅެވޭތީ ބުނާނެ ކޮއްކޮ ނަގާދޭށޭ ވެސް."

ނަދީމް ބުނީ ރިމްޝާދްގެ ބަލީގެ ސަބަބުން ސްކޫލަށް ނުދެވޭ ކަމަށާއި ކުއްޖަކު ކޮއްކޮ ގައިގައި ޖެހިލިޔަސް ވެއްޓޭ ކަމަށެވެ.

"ވަރަށް ކިޔަވާ ހިތްވާނެ. އަބަދުވެސް ބުނާނެ ބޭބެމެން ކޮއްކޮއަށް ފަރުވާކޮށްދޭށޭ. ރަނގަޅުކޮށްދޭށޭ. ސްކޫލު ކުދިން ވެސް ޓީޗަރުން ވެސް ވަރަށް ގިނައިން އަންނާނެ ކޮއްކޮ ކައިރިއަށް،" ނަދީމް ބުންޏެވެ.

ނަދީމް ބުނީ ރިމްޝާދަށް ޖެހިފައިވާ ބަލި އާއިލާގެ އެހެން ކުއްޖަށް ވެސް ޖެހުނު ކަމަށެވެ.

"އެއީ ހަމަ މި ފެމެލީ. އަންހެން ކުއްޖެއް. އޭނަ މި ބަލީގައި މަރުވީ. އޭރު އެކުއްޖާއަށް ވާނީ ދޮޅު އަހަރު ހެން ހީވަނީ."

ގިނަ ދުވަސްތަކެއް ވަންދެން ކޮއްކޮ ޑޮކްޓަރަށް ދައްކަމުން އައި އިރުވެސް އަސްލު ބަލި އެނގުނީ މިއަހަރު އޭޑިކޭ ހޮސްޕިޓަލަށް އައިސް ޓެސްޓްތަކެއް ހެދުމުން ކަމަށް ނަދީމް ބުންޏެވެ.

"ގޯޝޭސް ޑިޒީސް" ކިޔާ ބައްޔެއްގެ ޝިކާރައަކަށް ކުޑަކުޑަ ރިމްޝާދު ވެފައިވާއިރު އެކަމަށް އޮތް ފަރުވާ އަކީ އެންޒައިމް ރިޕްލޭސްމެންޓް ތެރަޕީ،" އެވެ.

އެ ތެރަޕީ އަކީ މާލެއިން ހެދޭ ތެރަޕީއެއް ނޫނެވެ.

"އިންޑިއާއަށް ގޮސް އިތުރު ޓެސްޓުތައް ހެދިން. ޑޮކްޓަރުން ބުނޭ ފަރުވާ އަކީ ބޯންމެރޯ އޭ،" ނަދީމް ބުންޏެވެ.

ނަމަވެސް ބޯންމެރޯ ހެދުމަކީ ގިނަ އަދަދެއްގެ ޚަރަދުތަކެއް ހިނގާނެ ކަމަކަށް ވުމުން އެ އާއިލާއިން އެކަން ކުރުމަށް މިއަދު ވަނީ ނުކުޅެދިފައެވެ.

ބޯންމެރޯ ހަދަން ޖެހުނު ނަމަވެސް މިވީހާތަނަށް ކުރި މަސައްކަތުން ކޮއްކޮއަށް އަދި ޑޯނާއެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އާއިލާ އިން ވަނީ ރިމްޝާދުގެ ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ނިންމާފައެވެ. ނަމަވެސް ފަރުވާރަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަހު މަޑުކުރަންޖެހޭތީ އެ ޚަރަދުތައް ކުރުމުގެ މާލީ ތަނަވަސްކަމެއް ނެތެވެ.

ތިން ކުދިންގެ އާއިލާއަކަށް ނިސްބަތްވާ ރިމްޝާދު މިއަދު އޮތީ ބަލި އެނދުގައެވެ. ކިޔެވުމަށް ވަރަށް ބޭނުންވެއެވެ. ރަހުމަތްތެރިންނާ އެކީ ކުޅެލާ މަޖާކުރަން ބޭނުންވެއެވެ. ނަމަވެސް ހާލަތު ތަން ނުދެނީ ރިމްޝާދްގެ ބަލި ހާލަތުގެ ސަބަބުންނެވެ.

ނަދީމް އެދެނީ އޭނާގެ ކޮއްކޮއަށް މާލީގޮތުން ކުޑަނަމަ ވެސް އެހީ އެއް ދިނުމަށެވެ.

ހަސަން ރިމްޝާދު އަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 7352065 (މުހައްމަދު ނަދީމް/ ރިމްޝާދުގެ ބޭބެ)

ބީއެމްއެލް އެކައުންޓް ނަންބަރު: ‎7705328492101 (ހަސަން ރިމްޝާދުގެ ބޭބެ މުހައްމަދު ނަދީމް އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ޑޮލަރު އެކައުންޓް ނަންބަރު: ‎7730000188720 (ހަސަން ރިމްޝާދުގެ ބޭބެ މުހައްމަދު ނަދީމް އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް