ރޮކް ސްޓްރީޓްސްއާއި ފްލެޓް 7، ގަދަ 16އަށް

ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ތިންވަނަ ބުރުގައި ފްލެޓް 7 އާއި ހިތާދޫ ފުޓްސަލް ޓީމް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ފްލެޓް 7ގެ އިބްރާހިމް ސަނޫން(ކ) ---

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގައި ވަރުގަދަ ކުޅުމެއް ދައްކަމުންދާ ރޮކް ސްޓްރީޓްސް ކްލަބާއި ފްލެޓް 7 އިން ގަދަ 16ގެ ޖާގައެއް ހޯދައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ތިންވަނަ ބުރުގެ ފުރަތަމަ މެޗުތައް ރޭ ކާމިޔާބުކޮށް، ރޮކް ސްޓްރީޓްސްއާއި ފްލެޓް 7 އާއެކު އެފްސީ ވަކަރުގެއާއި މައްޗަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ)އާއި އެފްސީ ދާއެޅުން އަދި ނެމެސިސްއިން ވެސް ވަނީ ގަދަ 16 އިން ޖާގަ ހޯދައިފައެވެ.

އެ މުބާރާތުގައި ރޭ ކުޅުނު މެޗުގައި އެލްއެފްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން ރޮކްސްޓްރީޓް މޮޅުވީ 5-6ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ރޮކް ސްޓްރީޓްސްއިން ޖެހި ތިން ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ހަފީޒާއި އަހްމަދު އަރީޝް އަދި އިސްމާއިލް ހުސައިންއެވެ.

އެ މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި އެލްއެފް އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން އިބްރާހިމް މުއާޒާއި އަހްމަދު ސިޒާން ލަނޑެއް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑަކީ ރޮކް ސްޓްރީޓްސްގެ އަހްމަދު އަރީޝް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ރޮކް ސްޓްރީޓްސްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިސްމާއިލް ހުސައިންއާއި އަބްދުﷲ އަލީ އަދި މުހައްމަދު ނާފިއު އަހްމަދެވެ. އެލްއެފްގެ އަލީ ޝާމްއާއި އަހްމަދު ޝިޒާންގެ ޕެނަލްޓީ ކާމިޔާބުކުރި އިރު، އަހްމަދު ހަމްދާން ހުސައިންގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

ފްލެޓް 7 އިން ރޭ ކުޅުނު ތިންވަނަ ބުރުގެ މެޗު ކާމިޔާބުކުރީ ހިތާދޫ ފުޓްސަލް ޓީމާ ވާދަކޮށް، 3-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފްލެޓް 7ގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިބްރާހިމް ސަނޫންއާއި އާފިގް ރަޝީދު އަދި އަބްދުﷲ ނާބިތެވެ. މެޗުގައި ހިތާދޫ ފުޓްސަލް ޓީމުން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އިރުނާސް އަހްމަދެވެ.

ރޭ ކުޅުނު ތިންވަނަ ބުރުގެ އެހެން މެޗުތަކަށް ބަލައިލާ އިރު، ޓީމް އެޗްއެފްސީ އަތުން އެފްސީ ވަކަރުގެ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. ވިންޑްލޭންޑް އަތުން 5-1ގެ ނަތީޖާއަކުން އެމްޒެޑްޖީ މޮޅުވި އިރު، ސްޕޯޓިން އެގްޒިއޯން އަތުން އެފްސީ ދާއެޅުން މޮޅުވީ 6-2ގެ ނަތީޖާއަކުންނެވެ. އަދި އެންއެފްޓީއާ ވާދަކޮށް، ނެމެސިސްއިން މެޗު ކާމިޔާބުކުރީ 12-3ގެ ނަތީޖާއަކުންނެވެ.

އެ މުބާރާތުގައި މިރޭ ވެސް ތިންވަނަ ބުރުގެ ހަ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭގެ މެޗުތައް ވެސް ފަށާނީ 8:00 ގައެވެ.

ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށް ދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މި އަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350,000 ރުފިޔާއެވެ.

comment ކޮމެންޓް