ސެމްސަންގްގެ ފަށްޖަހާލެވޭ ފޯނު އަންނަ އަހަރުގެ މޯބައިލް ވޯލްޑް ކޮންގްރެސްއަށް

ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު ގެލެކްސީ އެސް9 އަދި އެސް 9 ޕްލަސް

ސެމްސަންގުން ބާޒާރަށް ނެރެން އުޅޭކަމަށް ވާހަކަ ދެކެވޭ "ފަށްޖަހާލެވޭ" ފޯނު އަންނަ އަހަރުގެ މޯބައިލް ވޯލްޑް ކޮންގްރެސްގެ ތެރޭގައި އާންމު ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ސެމްސަންގުގެ ހޯމް ކަންޓްރީ ސައުތު ކޮރެއާގެ ނޫސްތަކާ ހަވާލާދީ ހަބަރުތައް ބުނާގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ނެރޭ މި ފޯނަށް ދޭނެ ނަމަކީ "ގެލެކްސީ އެކްސް" އެވެ.

މި ފޯނުގައި 3.5 އިންޗީގެ ފޯލްޑެބްލް އޯލެޑް ސްކްރީން ހިމެނޭނެ ކަމަށާއި އެއް ސްކްރީން ފޯނުގެ ބޭރުން ފެންނަ އިރު އަނެއް ދެ ސްކްރީނަކީ ފަށްޖަހާލުމުން އަޑީގައި އިންނާނެ ދެ ސްކްރީން ކަމަށް ވެސް ހަބަރުތައް ބުނެއެވެ. އެތެރޭގައި އިންނަ ދެ ސްކްރީން ހުޅުވާލުމުން 7 އިންޗީގެ ފޯނަކަށް ބަދަލުވާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

މި ފޯނު ބާޒާރަށް ނެރުމަށް ސެމްސަންގުން މަސައްކަތް ކުރަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. މިއަހަރުގެ ކޮންސިއުމާ އިލެކްޓްރޯނިކް ޝޯގައި ސެމްސަންގުގެ ހެޑް އޮފް މޯބައިލް ބިޒްނަސް ޑީޖޭ ކޮހް ވެސް ވަނީ ފަށްޖަހާލެވޭ ފޯނެއް ސެމްސަންގުން ނެރޭނެ ކަމަށާއި އެ ފޯނު އުފެއްދުމުގައި ކާމިޔާބީތަކެއް ލިބިފައިވާކަމަށް ބުނެފައެވެ.

މި ފޯނު ފުރަތަމަ އުފައްދާނީ ލިމިޓެޑްކޮށް ކަމަށާއި ޑިމާންޑަށް ބަލައި ފޯނު އުފެއްދުން އިތުރުކުރާނެ ކަމަށް ބެލެވޭކަމަށްވެސް ހަބަރުތައް ބުނެއެވެ.

ގެލެކްސީ އެކްސްގެ އިތުރުން އެސް 10 އުފެއްދުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. ގެލެކްސީ 10ގައި ފިންގާ ޕްރިންޓް ސްކޭނާ ހިމަނާނީ ސްކްރީންގެ ދަށުގައި ކަމަށް ހަބަރުތައް ބުނެއެވެ.

comment ކޮމެންޓް