ހިލަ، ހިލަވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް އަރިއަޅާލައި ބަސްތާތައް ކަނޑަށް ބަނޑުންވެއްޖެ

އެއިމް ކާގޯ 1 ދިޔަވެފައި ---- ފޮޓޯ: އެމްއެންޑީއެފް

ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރި ދޯންޏެއް ދިޔަވެ، އަރިއަޅާލުމުގެ ސަބަބުން އެ ދޯނީގައި ހުރި ހިލަ އާއި ހިލަވެލި ބަސްތާތައް ކަނޑަށް ބަންޑުންވެއްޖެ އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ މާލެއިން ފުރައިގެން ފ. ނިލަންދުއަށް ދަތުރުކުރި "އެއިމް ކާގޯ 1" ނަމަކަށް ކިޔާ ދޯންޏަށް ދިޔަވާ ކަމުގެ ހަބަރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނި ފަތިހު 04:50 އެހާކަންހާ އިރު ކަމަށާއި ދޯނި އޮތް ސަރަޙައްދަށް ގޮސް ޕަމްޕު ބަހައްޓައިގެން ދޯނީގައި ހެދިފައިވާ ދިޔަ ގަނޑު ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ދޯނީގައި 4000 ބަސްތާ ހިލަ އާއި ހިލަވެލި ހުރި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. ހާދިސާ ހިނގި އިރު ދޯނީގައި ތިބީ ދެ ބިދޭސިންނާއި ދިވެއްސަކު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ދޯނި ދިޔަވާން ދިމާވީ ދޯންޏަށް ބަރު ކޮށްފައިވާ މުދަލުގެ ސަބަބުން ބަރުބޮޑު ވެގެން ކަމަށް އެ ދޯނީގެ ކެޕްޓަންއާ ހަވާލާދީ އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ދޯނީގައި ހެދިފައިވާ ދިޔަގަނޑު ކޮންޓްރޯލް ނުވުމުގެ ސަބަބުން ވާގަލި ކައިރީ ފަޅަކަށް ދޯނި މިހާރު ވަނީ ބީއްސާލާފައި ކަމަށެވެ.

comment ކޮމެންޓް