"ކުޑައިރު ފަގީރު ކަމުން ދެވުނީ އެމެރިކާ، ސިންގަޕޫރު އަދި އިންޑޮނޭޝިއާ އަށް އެކަނި"!

ރަންވީރު ސިންހް

ކުޑައިރު ފަގީރު ކަމަށް ބުނެ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރަންވީރު ސިންގ ދެއްކި ވާހަކަތަކެއްގެ ސަބަބުން ގިނަބަޔަކު އޭނާއަށް ފާޑުކިޔަން ފަށައިފިއެވެ.

ރަންވީރަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ބޭރުގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި، އޭނާ ކުޑައިރު "ފަގީރު ކަމުން" ޗުއްޓީ ހޭދަކޮށްލަން ދެވުނީ ހަމައެކަނި އެމެރިކާ، ސިންގަޕޫރު އަދި އިންޑޮނޭޝިއާ އަށް ކަމަށް ބުނުމުންނެވެ.

ޓްރެވަލް މެގަޒިން އަކަށް ދިން އިންޓަވިއު އެއްގައި ރަންވީރު ބުނީ ކުޑައިރު އޭނާގެ މައިންބަފައިންނަށް މާގިނަ ފައިސާއެއް ނުލިބޭ ކަމަށާއި، އެހެންކަމުން ކޮންމެ އަހަރަކު ބޭރު ގައުމަކަށް ޗުއްޓީ ހޭދަކޮށްލަން ދާން ފައިސާ ރައްކާ ކުރަން ޖެހޭ ކަމަށެވެ.

"މައިންބަފައިން މުންސަންޖެއް ނޫން. ކޮންމެ އަހަރަކު ވެސް ބޭރު ގައުމަކަށް ޗުއްޓީ ހޭދަކޮށްލަން ދާން މަންމަ އާއި ބައްޕަ ފައިސާ ރައްކާ ކުރާނެ. އަހަރެން ހަނދާން ހުރޭ އިންޑޮނޭޝިއާ، ސިންގަޕޫރު އަދި އެމެރިކާ އަށް ދާ ހަނދާން،" ރަންވީރު ބުންޏެވެ.

ރަންވީރު ބުނީ ގިނައިން ދެވިފައި ހުންނާނީ އެމެރިކާއަށް ކަމަށާއި، އޭނާގެ ވަރަށް ބައިވަރު އާއިލާ މެމްބަރުން އެމެރިކާގައި ދިރިއުޅޭތީ ކަމަށެވެ.

އަދި ކޮންމެ އަހަރެއްގެ ޑިސެމްބަރުގައި ޗުއްޓީ ހޭދަކުރަނީ މާމަ އާއި ކާފަ އާއެކު ގޯއާ ގައި ކަމަށް ވެސް ރަންވީރު ބުންޏެވެ.

ރަންވީރުގެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ފާޑުކިޔައި، މަލާމާތް ކުރަމުންނެވެ. އެގޮތުން ރަންވީރު "ފަގީރު" މާނަކުރާ ގޮތަކީ ކޮބައިތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.

ރަންވީރަކީ ކުޑައިރު "ފަގީރު" ކަމަށް ބުނި ފުރަތަމަ ފަންނާނެއް ނޫނެވެ. މިދިޔަ އަހަރު ބަތަލާ ޕަރިނީތީ ޗޯޕްރާ ވެސް ކުޑައިރު ފަގީރު ކަމަށް ބުނެ ދެއްކި ވާހަކަތަކަކުން އޭނާ ވަނީ ހޫނު ފެނަށް ވެއްޓިފައެވެ.

comment ކޮމެންޓް