ދުނިޔޭގެ އެންމެ "ހަޑި ކުލަ" އަކީ މިއީ!

ރީތި ކުލަތަކާ ބެހޭ ވާހަކަތައް ވަރަށް ގިނައިން ދެކެވެއެވެ. ގޭތެރޭގައި ލާނެ ރީތި ކުލައާއި ހެދުން އަޅާނެ ރީތި ކުލަތަކުގެ ވާހަކައެވެ. މިފަހަރު މިއޮތީ ދުނިޔޭގެ އެންމެ ހަޑި ކުލައިގެ ވާހަކައެވެ.

ވޯލްޑްސް މޮސްޓް އަގްލިއެސްޓް ކަލަރ ނުވަތަ އެންމެ ހަޑި ކުލަ އަކީ ޕެންޓޯން 448 ސީ ނުވަތަ އޮޕޭކް ކޫޝް އެވެ. މިއީ ގަދަ ފެހި-މުށި ކުލައެކެވެ. މިއީ ވަޅުގައި ނޫނީ ފެން ހޮޅީގައި ޖަހާފައި ހުންނަ ފެހި ގިނަ ދުވަސްވުމުން ހުންނަ ކަހަލަ ކުލައެކެވެ.

މި ކުލަ މިހާރު ބޭނުންކުރަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެ އަމަލުން ދުރުކުރުމަށް ހިންގާ ކެމްޕެއިނެއްގައެވެ. އެގޮތުން އޮސްޓްރޭލިއާގެ ސިނގިރޭޓް ޕެކޭޖުގައި މިކުލަ ހިމަނައި، މީހުން ސިނގިރޭޓު ބުއިން މަތިން ފޫހި ކުރުމަށް މި ކުލަ އަންނަނީ ބޭނުން ކުރަމުންނެވެ. މި ކުލައަށް އޮސްޓްރޭލިއާގައި ކިޔަނީ ޑެބް ޑާކް ބްރައުން އެވެ. މިއީ އޮލިވް ކުލައާ ކައިރި ކުރާ ކުލައެއް ނަމަވެސް އޮލިވް ކުލައެއް ނޫނެވެ.

އޮޕޭކް ކޫޝް އަކީ އެންމެ ހަޑި ކުލަ ކަމަށް ކަނޑައަޅާފައިވަނީ ކުރިއަށް ގެންދިޔަ ދިރާސާ އަކަށް ފަހުއެވެ. ހާއްސަކޮށް ސިނގިރޭޓު ބޯމީހުންނަށް ގިނަ ކުލަތަކެއް ދައްކައިގެން އެމީހުން އެންމެ ފޫހިވާ ނޫނީ އެންމެ ހަޑި ކުލަ ހޮވީއެވެ. ސިނގިރެޓު ފޮށީގެ ބޭރުގައި މި ކުލަ ހިމަނަން އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކުން ނިންމީވެސް މި ސަބަބާހުރެއެވެ.

އޮސްޓްރޭލިއާ އިން ކުރި މި ކަންތައް މިހާރު އިތުރު ގައުމުތަކުގައިވެސް އަންނަނީ ބޭނުން ކުރަމުންނެވެ.

comment ކޮމެންޓް