ހިޔާވަހިކަމުގެ ބިޔަ މަޝްރޫއު: އިންސާފުވެރިވާނެ، އަގު ހެޔޮވާނެ!

ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ހިޔާ" އިފްތިތާހް ކުރުމަށް ހުޅުމާލެ ފޭސް2 ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު މިއަދު ހުޅުވާލެވިގެން ދިޔައިރު އެންމެ އުފާވެރި ހަބަރަކަށް ވެގެންދިޔައީ ކޮންމެ މީހަކަށްވެސް ފްލެޓަށް ކުރިމަތިލެވޭނެ ކަމުގެ ޔަގީންކަމެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ބޯހިޔާވަހިކަމަކީ ޒަމާނުންސުރެ ކުރިމަތިވެފައިވާ ބޮޑު އިޖްތިމާއި މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައަކީ ރައީސް އަބްދުﷲ ޔާމީން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި މިކަން ހައްލު ކުރުމަށް ގިނަ ވަގުތު ނެގީވެސް ކަމުގެ މުހިއްމު ކަމުން ކަމަށެވެ.

" މިއަދު ރައްޔިތުންނަށް މިއޮތީ ހައްލު ގެނެސްދެއްވާފަ. ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމަކީވެސް މިކަމަށް ހައްލެއް ގެނައުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތެއް. މިހާރުވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި 7000 ފްލެޓްގެ މަސައްކަތްތައް ކުރިއަށް އެބަދޭ،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ 30 އަހަރު ތެރޭގައި އެޅިފައިވާ ފްލެޓްގެ ޖުމުލަ އަދަދަކީ ގާތްގަނޑަކަށް 5000 ފްލެޓް ކަމަށާއި އަދި މިއަދު ހުޅުވާލެވިގެން ދިޔަ ފުރުޞަތާ އެކު މި ސަރުކާރު ވެގެންދާނި އެންމެ ގިނަ އަދަދަކަށް ފްލެޓް އަޅައިދޭ ސަރުކާރަށް ކަމަށެވެ.

ގިނަ ގިންތިއާއެކު، ފްލެޓް ލިބުމުގެ ދޮރު އިތުރަށް ތަނަވަސްވާނެ!

މިފަހަރު ފްލެޓް ދިނުމުގައި ގިނަ ގިންތިތަކެއް ކަނޑައަޅާފައިވަނީ ކުރިން ފްލެޓް ދޫކުރާ އުސޫލާ ހިލާފަށް ގިނަ ބަޔަކަށް ފުރުޞަތު ދިނުމަށް ކަމަށް މިނިސްޓަރު މުއިއްޒުވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ މިގޮތަށް އަމަލު ކުރުމުން ފްލެޓް ޔަގީން ވުމުގެ ފުރުޞަތު ބޮޑުވާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާ 7000 ފްލެޓްގެ ކޮންކްރީޓް މަސައްކަތް ފެށުން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

"ރައީސް ޔާމީންގެ ވިސްނުންފުޅަކީ ކުރީގައި އޮތް ސިސްޓަމަށް ދޫކޮށްނުލައި، މިފަހަރު ކެޓަގަރީތަކެއް ކަނޑައަޅަން. އެގޮތަށް ކަނޑަނާޅައިފިނަމަ އެކިއެކި ފަރާތްތަކަށް ވަރަށް ގިނަ ގޮތްގޮތުން ބޭއިންސާފުވެ ފުރުޞަތު ގެއްލިގެން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

18 އަހަރާެި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް 1،000 ފުލެޓް

މިނިސްޓަރު މުއިއްޒު ވިދަޅުވީ މި ކެޓަގަރީއަކީ ޒުވާނުންނަށް ހާއްސަކޮށްފައިވާ ކެޓަގަރީއެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ އެންމެ ބޮޑު އެއް ވިސްނުމަކީ ޒުވާނުން ބާރުވެރި ކުރުވުން ކަމަށާއި އެހެން ކަމުން މި ކެޓަގަރީން ޒުވާނުންނަށް ފުރުޞަތު ދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށެެވެ. އަދި ވިދާޅުވީ މި ކެޓަގަރީއަށްވެސް ކުރިމަތިލާ ދެމަފިރިންގެ ތެރެއިން ދެމީހުންނަށްވެސް ފްލެޓް ލިބިއްޖެ ނަމަ އަނެއްމީހާ ފްލެޓް ދޫކޮޮށްލަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން އޮންނަ އުސޫލަކީ 21 އަހަރުން މަތީގެ ޒުވާނުންނަށް އެފުރުޞަތު ދިނުމަށް ނަމަވެސް ރައީސް ޔާމީން، 18 އަހަރުން މަތީގެ ޒުވާނުންނަށް އެފުރުޞަތު ދެއްވީ އެމީހުންނަކީވެސް މުޖްތަމައުގައި މުހިންމު ބަޔަކަށްވާތީ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މާލެ ދަފްތަރުގައި ނުހިމެނޭ މާލޭގެ ރަށްވެހިންނަށް 1،000 ފުލެޓް

މާލޭގެ ދަފްތަރުގައި ނުހިމެނޭ މީހުންނަށް ފްލެޓް ދިނުމަށް ސަރުކާރުން ހިޔާ މަޝްރޫއުގެ ތެރެއިން ހާއްސަ ގިންތިއެއް ހަދާފައިވާއިރު މި ގިންތިއަށް ކުރިމަތިލެވޭނީ މާލޭގެ ރަށްވެހިންނަށެވެ. އެގޮތުން މީގެ ކުރިއާ ހިލާފަށް އަމިއްލަ ނަމުގައި ގޯއްޗެއް އޮތް ނަމަވެސް މި ކެޓަގަރީއަށް ކުރިމަތިލެވޭއިރު 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮތް މީހަކަށް އެބިން ދޫކޮށްނުލައިވެސް ފްލެޓް ލިބުމުގެ ފުރުޞަތު އޮންނާނެ ކަމަށް މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ބިމެއް އޮންނަ މީހަކަށް ފްލެޓަށް އެދުމުގެ ފުރުޞަތު ލިބިފައި ނުވި ނަމަވެސް މި ސަރުކާރުން އެމީހުންނަށް އެ ފުރުޞަތު ދީފައިވާ ކަމަށެވެ. ނަމަވެސް ވިދާޅުވީ މާލެއިން ލިބިފައިވާ ބިމަކީ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނަމަ ފްލެޓް ލިބުމާ އެކު އެތަން ދޫކޮށްލަން ޖެހޭނެ ކަމަށެވެ.

މާލެ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 1،044 ފުލެޓް

މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ހާއްސަ ގިންތިއެއް ހަދާފައިވާއިރު މި ކެޓަގަރީގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ އުމުރުގެ ގޮތުގައި ވަކި ވަރެއް ކަނޑައާޅާފައެއްނުވެއެވެ. ބައެއް މީހުންނަށް ފްލެޓަށް ކުރިމަތިލެވޭ އުމުރު އޮޅުންއަރާފައިވީ ނަމަވެސް މިނިސްޓަރު މުއިއްޒު ވިދާޅުވީ، ޒުވާނުންގެ ކެޓަގަރީތައް ފިޔަވައި ދެން ހުރި ކޮންމެ ކެޓަގަރީއަކަށްވެސް ކޮންމެ އުމުރެއްގެ މީހަކަށްވެސް ކުރިމަތިލެވޭނެ ކަމަށެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުން އެސްޓީއޯ އިން ހުޅުމާލޭގައި ހަދާ 15 ބުރީގެ ރެޒިޑެންޝަލް ދެ ޓަވަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިނިސްޓަރު ވިދާޅުވީ، ދަފްތަރުގައި ތިބި މީހުން މީގެ ކުރިން ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވީ ނަމަވެސް އަލުން މިފަހަރުގެ ހިޔާ މަޝްރުއުން ފްލެޓް ހޯދުމަށް ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ޖުމުލަ 1100 ފްލެޓް

ވަކިވަކި ވަޒީފާތަކަށް ބަލާއިރު ޑޮކްޓަރުންނާއި ނަރުހުންނަށް ވަނީ ޖުމުލަ 475 ފްލެޓް ދިނުމަށް ނިންމާފައެވެ. އަދި ޓީޗަރުންނަށް 625 ފްލެޓް ދިނުމަށް ނިންމާފައިވާއިރު މި ދެ ގިންތި އަކީވެސް މުޅިން ތަފާތު ދެ ގިންތިއެކެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، މި ދެ ގިންތިއަށް ބަލާއިރު މި ފަރާތްތަކަށް ހާއްސަ ފްލެޓް ތަކެއް ދޭން ނިންމީ އެއީ މުޖްތަމައުގައި މުހިންމު ވަޒީފާތަކެއް އަދާ ކުރާ ބަޔަކަށް ވާތީ އެމީހުންނަށް ފަސޭހަ ބޯހިޔާ ވަހިކަމެއް ފޯރުކޮށްދިނުމުން އޭގެ އެެދެވޭ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ލިބިގެންދާނެތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ދެ ގިންތިއަށް ފްލެޓް ދޫކުރާއިރު ފްލެޓް ލިބުމާއި އެކު 10 އަހަރު ސަރުކާރަށް ހިދުމަތް ކުރުމަށް ޝަރުތު ކުރާނެ ކަމަށެވެ. އަދި މިހާރު ހިދުމަތުގައި އުޅޭ، ނަމަވެސް މުސްކުޅި ކުރާ ހިސާބަށް ގޮސްފައިތިބި މީހުން، އެމީހުން ރިޓަޔާރ ވަންދެން ހިދުމަތް ކުރުމަށް ޝަރުތު ކުރާނެ ކަމަށެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފުލެޓް

އެކަނިވެރި މައިންނާއި ބަފައިންނަށް ހިޔާ މަޝްރުއުން ހާއްސަ ގިންތިއެއް ކަނޑައަޅާފައިވާއިރު ސަރުކާރުން ވަނީ އެފަދަ މީހުން ގިންތި ކުރާނެ ހާއްސަ މުއްދަތެއް ހަމަޖައްސާފައެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އެކަނިވެރި މައިންނާއި ބަފައިން ކަނޑއަޅާނީ މި އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހާއި ހިސާބަށް ކޯޓްގައި ވަރިސާބިތުވެފައިވާ ދަރިން ބަލަމުންދާ އެކަނިވެރި މައިންނާއި ބަފައިން ކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން ވަރިވާ މީހުންނަށް އެފުރުޞަތު ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް 200 ފުލެޓް

މިނިސްޓަރު މުއިއްޒު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކުރެވިފައިވާ ގިންތިއަކީ ރައީސް ޔާމީންގެ ހާއްސަ އިސްނެންގުވެމުއްގެ ދަށުން ދޭން ނިންމާފައިވާ ފްލެޓް ތަކެއް ކަމަށެވެ. އެގޮތުން ނުކުޅެދުންތެރި ކަމުގެ ބާވަތައް މި ފެލެޓްތައް ދިނުމުގައި ބަލާއިރު ހިޔާ މަޝްރުއުގެ ޝަރުތުހަމަވާ ކޮންމެ ގިންތިއަކުން ފެލެޓް ހޯދުމުގެ ފުރުޞަތު އެ ފަރާތަތަކަށް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ފްލެޓް ދޭއިރު އެފަދަ ފަރާތަތަކަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

ސަރުކާރުން އެންމެ ފަހުން ދޫކުރި ފްލެޓް ތަކުގެ ތެރެއިންވެސް، ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ފްލެޓް ދޫކޮށްފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއު "ހިޔާ" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހުންނަށް 300 ފުލެޓް ،ސިފައިންނަށް 300 ފުލެޓް

ސަލާމަތީ ބާރުތަކުގައި ހިމެނޭ ސިފައިންނާއި ފުލުހުންނަކީވެސް ބޯހިޔާވަހިކަން ކޮންމެހެން ލިބެންޖެހޭ ބައެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ ފަރާތްތައް ގައުމަށް ކޮށްދޭ ހިދުމަތަށް ބަލާއިރު ބޯހިޔާވަހިކަން އެފަރާތްތަކަށް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ހާއްސަ ފްލެޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ކުރިއަށްދާނީ އެ މުއައްސަސާއެއްގެ އެތެރޭގައި ކަމަށެވެ. ނަމަވެސް އެ ދެ މުއައްސަސާގައި އުޅޭ މީހުންނަށްވެސް ދެން ހުރި ގިންތި ތަކުން ކުރިމަތި ލުމުގެ ފުރުޞަތު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅީފަޅު އަދި ގާކޮށިން ފްލެޓް ލިބުނު މީހުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކ. ގުޅީފަޅުން ފުލެޓް ގަތުމަށް ފައިސާ ދެއްކި ނަމަވެސް ފުލެޓް ނުލިބުނު މީހުންނާއި ގާކޮށި އަރަބިއްޔާގައި ހުރި ޓާޓާ ފުލެޓްތައް ލިބި، ނަމަވެސް އެތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މާލީ ތަނަވަސްކަން ނެތް މީހުން ހިމެނޭ ގޮތަށް 300 ފުލެޓް ދިނުމަށް ހަމަޖެހިފައިވާއިރު މިނިސްޓަރު މުއިއްޒު ވިދާޅުވީ އެފަދަ ފަރާތްތަކުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިވިލް ސާވިސް ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން އެ ފޯމު ކެންސަލް ކުރުމަށްފަހު، މިފަހަރު ފްލެޓު ދޫކުރާ ކެޓަގަރީ ތަކުގެ ތެރެއިން ކެޓަގަރީ އަކަށް ފޯމު ލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން އަލަތު ކައިވެންޏަށް ދޭ ފްލެޓު ދޭނީ 2013 ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ކަމަށެވެ.

މާފަންނު ހުޅަނގުގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ޚާއްސަކޮށްގެން 256 ފުލެޓް ދިނުމަށް ނިންމާފައިވާއިރު މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދު ހުސްކުރަނީ ހާއްސަ ޕްލޭނެއް ސަރުކާރުން އެ ސަރަހައްދުގައި ގެންގުޅޭތީ ކަމަށެވެ.

ފޯމް ފުރުން އަދި ހުށަހެޅުންވެސް ފަސޭހަވާނެ

މިނިސްޓަރު ވިދާޅުވީ ފޯމު ހުށަހަޅަން ނަންބަރު ނަގަންޖެހޭނެ ގޮތް ފަހުން އިއުލާނު ކުރާނެ ކަމަށާއި ކިއު ގައި ނުޖެހި ފޯމު ލެވޭނެ ގޮތް ހަދަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ މިފަހަރުގެ ފޯމް ފުރަން ވަރަށް ފަސޭހަވާނެ ކަމަށާއި ދަރުބާރުގޭގައި ކުރިއަށްދާ އެކްސްޕޯގެ ތެރެއިންނާއި އޮންލައިންކޮށްވެސް ފޯމް ލިބެން ހުންނާނެ ކަމަށެވެ.

ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީީޚަކީ ޖުލައި މަހުގެ 31

"ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީީޚަކީ ޖުލައި މަހުގެ 31 ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އެދުވަހާއި ހަމައަށްވެސް ފޯމް ދޫކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޖޫން މަހުގެ ތިން ވަނަ ދުވަހުން ފަށައިގެން ފޯމް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނެ ކަަމަށެވެ.

އާބާދީގެ ބޮޑު އިންސައްތައަކަށް ފްލެޓް ލިބޭނެ

ހިޔާ މަޝްރުއު މެކުހަށް ޖަހާފައިވާއިރު މިނިސްޓަރު މުުއިއްޒު ވިދާޅުވީ މިފަހަރު ޔަގީންވެގެންދާނެ އެންމެ ބޮޑު އެއް ކަމަކީ އާބާދީގެ ބޮޑު ބަޔަކަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވެގެންދިޔުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގިންތި ތަކަށް ބަލާއިރު މި ކަމުގައި އަތޮޅު ތެރޭ މީހުންނެއް އަދި މާލޭ ރަށްވެހިންނެެއް ތަފާތު ކޮށްފައި ނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ފަހަރު ފްލެޓް ގިނަ ބަޔަކަށް ލިބޭނެ ކަމުގެ ޔަގީންކަން އޮތް އިރު ކޮންމެ އާއިލާއެއްގެ ކޮންމެވެސް އެކަކަށް އެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މި މަޝްރުއު ނޫނަސް މި މައްސަލަ ހައްލު ކުރުމަށް ރައީސް ޔާމީން މުހިންމު ޕްލޭންތައް ގެންގުޅުއްވާ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ރާއްޖޭގެ އިތުރު ހަތް ރަށެއްގައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން އެޅި 1500 ފްލެޓް ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ހުޅުމާލޭގައި އެޅި ފްލެޓްތައް ހުންނަ ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ފްލެޓްތަކާ ހަވާލުވެލެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު---ސަން ފޮޓޯ: މުހައްމަދު އަފްރާހް

އިންސާފުވެރިވާނެ، އަގުހެޔޮވާނެ!

މީގެ ކުރީގެ ހައުސިން މަޝްރުއުތަކޭ އެއްގޮތަށް ހިޔާ މަޝްރޫއުންވެސް ފެލްޓް ދޭއިރު އިންސާފުވެރިކަމާއިއެކު ފްލެޓް ދިނުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ފްލެޓް ލިބިގެންދާނީ ސަތޭކަ އިންސައްތަ ހައްގުވާ ފަރާތްތަކަށް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ވިދާޅުވީ އެންމެންނަކީވެސް އިންސާނުން ކަމުން އުނި ކަންކަން ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަންކަމުން ފިލާވަޅު ލިބި ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިފަހަރުގެ ފޯމްތަކާ އެކު ހާލަތު ބަޔާން ކުރަން ހާއްސަ ބައެއް ހިމަނާފައިވާ ކަމަށާއި އެބައިގައި ތަފްސީލުކޮށް ދިރިއުޅުމުގެ ހާލަތު ލިޔުމުގެ ފުރުޞާތުކޮންމެ މީހަކަށްވެސް ލިބިގެންދާނެ ކަމަށެވެ.

ފްލެޓްތަކުގެ އަގުތަކާ ގުޅޭގޮތުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ފްލެޓްތައް ދޭނެ އަގު ފަހުން އިއުލާން ކުރައްވާނެ ކަަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ދިން ފްލެޓް ތަކަކީ ތިންކޮޓަރީގެ އެޕާޓްމަންޓަކަށްވާއިރު އެ ފްލެޓްތައްވެސް ދީފައިވަނީ އަގުހެޔޮކޮށް ކަމަށެވެ. އެހެން ކަމުން މިފަހަރު މިދޭ ދެ ކޮޓަރީގެ އެޕާޓްމަންޓް ތަކަކީވެސް ލިބޭ މުސާރައިން ފަރުޖައްސާލެވޭ ގޮތަށް ކުލި ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަަމަށެވެ.

comment ކޮމެންޓް