"ދިވެހި ކީޕަރުންނަށް އިތުބާރު ނުކުރަނީއެއް ނޫން، ބޭނުންވާ ވަރަށް މަސައްކަތް ނުފެންނަނީ"

ޓީސީގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) --- ސަން ފޮޓޯ/ ފަޔާޒް މުސާ

ދިވެހި ކީޕަރުންނަށް އިތުބާރު ނުކުރަނީ ނޫން ކަމަށާއި، ދިވެހި ކީޕަރުންގެ ބަދަލުގައި ބޭރު ކީޕަރުން ގެންނަން ޖެހޭ ސަބަބަކީ ދިވެހި ކީޕަރުންގެ ފަރާތުން ފެންނަން ބޭނުންވާ ކޮމިޓްމަންޓް ނުފެންނާތީ ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގެ ކުޅުން މިއަދު ފަށާ އިރު، ފުރަތަމަ މެޗުގައި ވާދަކުރަން ޖެހޭނީ ޓީސީއާއި ކްލަބު އީގަލްސްއެވެ.

މިއަހަރު މާލޭ ލީގުގެ ފުރަތަމަ ބުރު ޓީސީން ނިންމާލީ ދިވެހި ކީޕަރުން ފުރަތަމަ 11ގައި ކުޅުވައިގެންނެވެ. އާއްމުކޮށް މާލޭ ލީގުގައި ގިނަ ޓީމުތަކުން ފެނިގެންދަނީ ބިދޭސީ ކީޕަރުންނެވެ. ޓީސީއަށް ގެނައި ބެލަރޫސް ކީޕަރު، ޑިމިޓްރީ އަސްނިންއަށް ސީޒަންގެ ފުރަތަމަ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން މާލޭ ލީގުގެ ފުރަތަމަ ބުރުގައި އޭނާ ފެނިފައިނުވާ އިރު، ޓީސީގެ ފުރަތަމަ 11އިން އާއްމުކޮށް ފެންނަނީ އިބްރާހީމް ނަދީމެވެ. އަދި ބައެއް މެޗުތަކުގައި އިފްރާހް އަރީފްވެސް ފެނިފައިވެއެވެ.

"މިއީ ބުނަން ބޭނުންވެސް ނުވާ އެއްޗެއް. ތެދު ތެދަށް ބުނާ ކަމަށްވަންޏާ ބުނަން ޖެހޭނީ ދިވެހި ކީޕަރުންނަށް ކޮމިޓްމަންޓް ނުދެވެނީއޭ. މިއަދު ރާއްޖޭގައި އިމްރާން އަންގި ބާލައިގެން ހާސްވާކަށް ނުޖެހުނީސް އޭގެ ފަހަތުގައި، އަންޑާ 14، އަންޑާ 19 އިން ހަމައިން ކުޅެމުން އައި ކުޅުންތެރިން ފުރަތަމަ ޑިވިޝަނަށްވެސް ކުޅެ، ހުއްޓާ ނުލިނަމަ. މިއަދު ދަނޑުމަތިން އެ ކީޕަރުންގެ ބަދަލުގައި ބޭރުގެ ކީޕަރުން މި ފެންނަނީ އެ (ކޮމިޓްމަންޓް) ސަބަބާހެދިއޭ،" ދިވެހި ކީޕަރުންގެ މައްޗަށް އާއްމުކޮށް ޓީމުތަކުން ބަރޯސާ ނުވާ ސަބަބާ ގުޅޭގޮތުން ނިޒާމްބެ ބުންޏެވެ.

"ވަރަށް ގިނަ ކީޕަރުން ބުނާނެ ތިމަންނަމެން ދިވެހި ކީޕަރުންވީމަ އިތުބާރު ނުކުރަނީއޭ. ދިވެހި ކީޕަރުންވީމަ އިތުބާރު ނުކުރަނީކީއެއް ނޫން. (ކީޕަރުންގެ ފަރާތުން) އެ ކޮމިޓްމަންޓް ނުފެންނަނީ. މިއަދު އޭނާ ހުރެދާނެ ވަރަށް ރަނގަޅަށް މާދަމާ އޭނާ މެޗަށް އައިސްދާނެ ކޮންމެ ގޮތަކަށްވެސް. މި ޕޮޒިޝަނަކީ މިއީ ޓީމެއްގެ އެންމެ ކުރޫޝަލް އެއް ޕޮޒިޝަން. އެހާ ފަސޭހައެއް ނުވޭ އެ ރިސްކް އެނގިހުރެ ނަގާކަށް. ބޭރު ކީޕަރެއް ގެނައިމަ 100 ޕަސެންޓް ކޮމިޓްމަންޓް ލިބޭ. ޕްރެކްޓިސްއާ މެޗުތަކަށް ވާން ޖެހޭ ތައްޔާރުވުން. ދަނޑު ބޭރުގައިވެސް ބަހައްޓަން ޖެހޭ ޑިސިޕްލިނަރީ. މި ބުނަނީ ރާއްޖޭ ކީޕަރުން ވިޔާނުދާކޮށް، ގޯސްކޮށް އުޅުމުގެ ވާހަކައެއް ނޫން، ކުޅުމުގެ ޑިސިޕްލިންގެ ވާހަކަ،" ނިޒާމްބެ އިތުރަށް ބުންޏެވެ.

މިވަގުތު ޓީސީގައި ތިބި ދިވެހި ދެ ކީޕަރުންވެސް ކުރަމުން އަންނަ މަސައްކަތް ނިޒާމްބެ ވަނީ ފާހަގަކޮށްފައެވެ. ހާއްސަކޮށް މިހާރު ޓީސީގެ 11 އިން އާއްމުކޮށް ފެންނަ ނަދީމުގެ މަސައްކަތް ނިޒާމްބެ ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. ނިޒާމްބެ ބުނީ ޓީސީގައި ތިބި ދެ ކީޕަރުންގެ ފަރާތުންވެސް ވާދަވެރިކަން ފެންނަ ކަމަށާއި، ބޭރު ކީޕަރު ފިޓްކޮށް ހުރި ނަމަވެސް ނަދީމްގެ ފަރާތުން މައްސަލަތަކެއް ނުފެންނަ ނަމަ ބޭނުން ކުރާނީ ނަދީމް ކަމަށެވެ.

ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުވެސް އީގަލްސްއާ ދެކޮޅަށް ޖެހުމަކީ ރަނގަޅު ކަމެއް ކަމަށްވެސް މެޗާ ގުޅިގެން ނިޒާމްބެ ބުންޏެވެ

"މިވަގުތަށް މިއީ ވަރަށް ރަނގަޅު މެޗެއް. އެއީ ބްރޭކަށް ގޮއްސަ އައިސް ވަރަށް ރަނގަޅު މެޗަކަށް މި ނުކުންނަން ޖެހެނީ. އެއީ ވަރަށް ރަނގަޅު ކަމަކަށް މި ދެކެނީ، ވަރުގަދަ މެޗަކަށް ނުކުންނަން ޖެހުން،" ނިޒާމްބެ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުން 13 ޕޮއިންޓާއެކު ޓީސީ އޮތީ ތިންވަނައިގައެވެ. އީގަލްސް ފަސް ވަނައިގައި އޮތީ ހަތް މެޗުން 11 ޕޮއިންޓާއެކުގައެވެ.

"ޕޮއިންޓް ޓޭބަލަށް ބަލާ އިރުވެސް މިއީ މުހިއްމު މެޗެއް. މި ބުރުގައި ދެ މެޗު ނަގަން ޖެހޭނެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާ ކަމަށް ވަންޏާ. އެހެންވީމަ އެ ދެމެޗުން މިއީ ފުރަތަމަ މެޗަށް ހަދަން ވަރަށް މުހިއްމު،" ނިޒާމްބެ ފާހަގަކުރިއެވެ.

ޓީސީއާއި އީގަލްސް ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00ގައެވެ.

comment ކޮމެންޓް