އަގުބޮޑު ރިޔާސީ ގަނޑުވަރުން އުރުދުޣާން ބޭރުކުރުމަށް އިދިކޮޅު ފަރާތްތަކުން ކެތްމަދުވެފައި

ރައީސް ރަޖަބް ތައްޔިބު އުރުދުޣާން

ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ބަލިކުރުމަށްޓަކައި ހަތަރު ބޭފުޅަކު އޭނާއާ ވާދަކުރަން މިހާރުވަނީ ނިންމަވާފައެވެ.

ތުރުކީގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީން ބުނީ އުރުދުޣާން ވެރިކަމުގައި މާގިނަ ދުވަސްވެއްޖެ ކަމަށައި އުރުދުޣާން ބިނާކުރައްވާފައިވާ އަގު ބޮޑު ރިޔާސީ ގަނޑުވަރުން އޭނާ ނެރެންޖެހޭ ކަމުގައެވެ. އެ ހަތަރު ބޭފުޅުން ތިއްބެވީ ރިޔާސީ ގަނޑުވަރުން އުރުދުޣާން ނެރުމުގެ ވަރުގަދަ އަޒުމެއްގައި އަތުކުރި އޮޅާލައިގެން ކަމަށައި އެބޭފުޅުންގެ ފަހަތުގައި އިދިކޮޅު ހަތަރު ޕާޓީގެ މައްޗަށް އެކުލެވޭ ވަރުގަދަ ކޯލިޝަނެއް އޮންނާނެ ކަމަށްވެސް ރިޕަބްލިކަން ޕީޕަލްސް ޕާޓީން ބުނެފައިވެއެވެ.

އުރުދުޣާން އާ ވާދަކުރުމަށް ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ޒަޢާމަތުގައި އެކުލަވާލާފައިވާ ކޯލިޝަންގައި ހިމެނެނީ އެޕާޓީގެ އިތުރުން ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީއާއި އިއި ޕާޓީއާއި ސަޢާދާ ޕާޓީ އެވެ. މިހަތަރު ޕާޓީގެ ތެރެއިން ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ފަރާތުން ރިޔާސީ ރޭހަށް ކުރިމަތިލައްވަނީ މުހައްރަމް އިންޖް އެވެ. ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެޕާޓީގެ ކުރީގެ ރައީސް (މިހާރު ހައްޔަރުކޮށްފައިވާ) ސަލާހުއްދީން ދިމިރްތާޝް އެވެ. އިއި ޕާޓީގެ ފަރާތުން މިރާލް އެކްޝަންޒް އެވެ. ސަޢާދާ ޕާޓީގެ ފަރާތުން ގުއްރާ މަލާ އޮގްލޯ އެވެ.

އުރުދުޣާންގެ އިސްލާމީ ފިކުރުގެ ޕާޓީކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއާއި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ނެޝަނަލިސްޓް މޫމެންޓް ޕާޓީގެ ކެންޑިޑޭޓަކީ ރައީސް އުރުދުޣާން އެވެ. އުރުދުޣާން ތުރުކީގައި ވެރިކަން ކުރައްވާތާ މިހާރުވަނީ ސޯޅަ އަހަރު ވެފައެވެ. މީގެތެރެއިން ދިހަ އަހަރު އޭނާ ވެރިކަން ކުރެއްވީ ބޮޑުވަޒީރުގެ ގޮތުގައެވެ. އޭރު ތުރުކީއަކީ ބަރުލަމާނީ ނިޒާމުގެ ގައުމެއްކަމުން ވެރިކަމުގެ ހުރިހާ ތަންފީޒީ ބާރުތަކެއް އޮންނަނީ ބޮޑުވަޒީރު ގެ އަތްޕުޅުގައެވެ.

ޖަރުމަނުގެ ޗާންސެލަރ އާ ރިޔާސީ ގަނޑުވަރުގައި އުރުދުޣާން ބައްދަލު ކުރައްވަނީ

އެއަށްފަހު ތުރުކީގެ ރައީސްކަމަށް އުރުދުޣާން އިސްވެ ވަޑައިގަތުމުން އޭނާވަނީ ތުރުކީގެ ގާނޫނު އަސާސީ ބަދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ބާރުލިބޭގޮތަށް ތުރުކީގެ ވެރިކަން ރިޔާސީ ނިޒާމަކަށް ބަދަލުކުރައްވާފައެވެ. މިބަދަލު ގެނައީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ބާރުވެސް ލިބިގެންނެވެ.

އުރުދުޣާން ތުރުކީގައި ވެރިކަން ކުރައްވާތާ މިހާ ގިނަދުވަސްވެފައި ވީނަމަވެސް އޭނާގެ މައްޗަށް ކުރިހޯދޭ ވަރުގެ ރައްޔިތުންގެ ތާއީދުއޮތް ސިޔާސީ ލީޑަރަކު ތުރުކީވިލާތުގައި އަދިވެސް ނެތެވެ. އެހެންކަމުން އަންނަ ޖޫން މަހުގެ ސައުވީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުވެސް އުރުދުޣާން ކާމިޔާބު ކުރައްވާނެކަން އެއީ ގާތްގަނޑަކަށް ކަށަވަރު ކަމެކެވެ. ތުރުކީގެ ސިޔާސީ މަސްރަހުގައި އުރުދުޣާން އާއި އޭނާގެ އިސްލާމީ ފިކުރުގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަށް މިހާބޮޑު ތާއީދެއް ލިބި އެތާއީދު ދިގުދެމިގެންގޮސް އެހެން ޕާޓީތައް ބަލިކަށިވެފައިވަނީ އުރުދުޣާންގެ އިގްތިސާދީ އަދި ތަރައްގީގެ ސިޔާސަތު އާދަޔާ ޚިލާފަށް މޮޅުވެފައި ކާމިޔާބު ކަމުންނެވެ.

އުރުދުޣާންގެ ސޯޅަ އަހަރުގެ ވެރިކަމުގައި ތުރުކީ ވަނީ ކުރިން އެގައުމު ޙާސިލްކޮށްފައިވާ ތަރައްގީގެ ދެގުނަ ހާސިލްކޮށްފައެވެ. އަދި ތުރުކީވިލާތަށް ލިބޭ ގައުމީ އާމްދަނީ ޑަބަލްވެ ބޮލަކަށް ޖެހޭވަރު އާމްދަނީގެ މިންވަރު ފާއިތުވި ސޯޅަ އަހަރު ތެރޭގައިވަނީ ޑަބަލް ވެގެންގޮސްފައެވެ. ތުރުކީވިލާތުގެ އަހަރީ ގައުމީ އަމްދަނީ އަކީ އުރުދުޣާންގެ ކުރީގައި ގާތްގަނޑަކަށް ތިންސަތޭކަ ބިލިޔަން ޑޮލަރެވެ. ނަމަވެސް މިހާރު އެއާމްދަނީ ވަނީ ހަތްސަތޭކަ ބިލިޔަން ޑޮލަރަށް މައްޗަށް ގޮސްފައެވެ. އުރުދުޣާންގެ ވެރިކަމުގައި ތުރުކީގެ ސިނާއަތުވަނީ ތިން ގުނައަށްވުރެވެސް މައްޗަށް ޖައްސާލާފައެވެ. އެހެންކަމުން ތުރުކީގައި ބައިގިނަ ލާދީނީ އިލްމާނީ ފިކުރުގެ މީހުންގެ ތާއީދުވެސް އޮތީ އިލްމާނީ ފިކުރުގެ ލީޑަރުންނަކަށް ނޫނެވެ. އިސްލާމީ ފިކުރުގެ އުރުދުޣާން އަށެވެ.

ތުރުކީގައި ބައްވާ ރިޔާސީ އިންތިޚާބުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ބަލިކުރުމަށްޓަކައި ހަތަރު ބޭފުޅަކު އޭނާއާ ވާދަކުރަންވަން ނިންމެވި ނަމަވެސް އެބޭފުޅުންނަށް އުރުދުޣާން ބަލިކުރުމަކީ ގާތްގަނޑަކަށް ނުވާނެ ކަމެކެވެ. ތުރުކީގައި ރިޔާސީ އިންތިޚާބާއި ޕާލަމެންޓްރީ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ޖޫންކަމުގެ ސައުވީސްވަނަ ދުވަހުއެވެ. އެއީ އިންތިޚާބު ބާއްވަންޖެހޭ ތާރީޚަށްވުރެ އެއްއަހަރު އަވަސް ތާރީޚެކެވެ. އިންތިޚާބުތައް އަވަސްކުރުމަށް އުރުދުޣާން ނިންމެވީ އޭނާ ބޭނުންވެވަޑައިގަންނަވާ ސިޔާސީ ބޮޑެތި ނިންމުންތަކެއް ނިންމެވުމުގެ ކުރިން އޭނާއަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބެއްލެވުމުގެ ގޮތުންނެވެ.

އުރުދުޣާން ބިނާކުރެއްވި ރިޔާސީ ގަނޑުވަރު

އުރުދުޣާންގެ ވެރިކަމުގައި ތުރުކީވިލާތަށް ގެނަސްފައިވާ ތަރައްގީއާއެކު ގައުމުގެ އިގްތިސާދު ވަރުގަދަވެ ވިޔަފާރި ފުޅާވެ ފަތުރުވެރިކަން އިތުރުވެ ސިނާއަތާއި މަސައްކަތްތެރިކަމުގެ ދާއިރާތަކުގެ އާމްދަނީ ތިން ގުނައަށް މައްޗަށްގޮސް އާންމު ފަރުދުންގެ ތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އުރުދުޣާން ތަނަވަސް އަޣްލަބިއްޔަތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަން ޚިޔާލު ހޯދުމުގެ ހުރިހާ ސާވޭތަކުންވެސްވަނީ ހާމަވެފައެވެ.

އުރުދުޣާން އާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން ރޭވި ރޭވުންތައްވެސް ވަނީ ފަނަފުލުން ގޮސްފައެވެ. އުރުދުޣާންގެ ވެރިކަން ވައްޓާލުމަށްޓަކައި ސިފައިން އަޑީގައި ތިބެގެން ދެހާސް ސޯޅަ ވަނަ އަހަރު ގެންނަން މަސައްކަތްކުރި އަސްކަރީ އިންގިލާބުންވެސް އުރުދުޣާންވަނީ ހަނިގޮތަކަށް ސަލާމަތްވެޑައިގެންފައެވެ. އެ އިންގިލާބުގެ ފަހަތުގައި އެމެރިކާ ނުސީދާ ގޮތެއްގައި އޮތްކަން ވަނީ ހާމަވެފައެވެ. އަދި ޔޫރަޕްގެ ނުސީދާ ސަޕޯޓްވެސް އަސްކަރީ އިންގިލާބަށް އޮތްކަން ވަނީ ބޭޒާރުވެފައެވެ.

އިންގިލާބު ނާކާމިޔާބު ވުމާއެކު އުރުދުޣާންވަނީ ތުރުކީގެ ސިފައިންގެ ލަޝްކަރުތަކުގެ ސިޔާސީ ވިސްނުމުގެ ފިޔަގަނޑު ކޮށާލައްވާފައެވެ. މިކަމަށްޓަކައި އުރުދުޣާންވަނީ އިންގިލާބީ ވިސްނުމުގެ ހުރިހާ އިސް އޮފްސަރުންނާއި ޖެނެރަލުން މަގާމުން ވަކިކޮށް އެބޭފުޅުންގެ ބަދަލުގައި އުރުދުޣާންގެ ސިޔާސަތު ތަކަށް ތާއީދު ކުރައްވާ އަދި ސިޔާސީ ފިކުރުން އެއްކިބާވެފައިވާ ޒުވާން އޮފްސަރުން ތުރުކީ ސިފައިންގެ އިސް މަގާމުތަކަށް ލައްވާފައެވެ.

comment ކޮމެންޓް