އެމްއެމްއޭއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ 99 ޕަސެންޓް އިތުރުވެއްޖެ

އެމްއެމްއޭ

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ 2016 ވަނަ އަހަރާ އަޅާ ބަލާއިރު 99 ޕަސެންޓް އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާ ގޮތުން އެމްއެމްއޭއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 148،794،762 ރުފިޔާ ލިބިފައިވެއެވެ. އަދި އެއީ 2016 ވަނަ އަހަރު އެމްއެމްއޭއަށް ލިބުނު 74،655،479 ރުފިޔާ އަށްވުރެ 99 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭގެ ރިޕޯތްގައިވާ ގޮތުން މިދިޔަ އަހަރު އެމްއެމްއޭއަށް ބޭރު ފައިސާގެ މުއާމަލާތްތަކުން ލިބުނު ސާފު ފައިދާވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 163 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި 2016 ވަނަ އަހަރު ލިބިފައިވަނީ 77 މިލިއަން ރުފިޔާކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 17 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދަކަށް އެމްއެމްއޭގެ ލައިބިލިޓީތަކާއި އިކިއުޓީ ހުރިކަމަށް އެ ބޭންކުން ބުންޏެވެ. އަދި ބޭރު ފައިސާގެ މާލީ ލައިބިލިޓީގެ ޖުމްލަ 6.5 ބިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށް އެމްއެމްއޭއިން ބުންނެވެ.

އެމްއެމްއޭ ހިންގުމަށް މިދިޔަ އަހަރު 165،971،437 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި 2016 ވަނަ އަހަރު އެމްއެމްއޭގެ ހިންގުމުގެ ހަރަދުގެ ގިތުގައި ވަނީ 164،368،746 ރުފިޔާ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

comment ކޮމެންޓް