އަމާޒަކީ މި އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ކުޑަކުދިންނަށް ހާއްސަ އިންޓަވިއު ރޫމް ގާއިމްކުރުން: ޒެނީޝާ

ވިލިނގިލީގައި ގާއިމްކުރި ޗައިލްޑް ފްރެންޑްލީ އިންޓަވިއު ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޗައިލްޑް ފްރެންޑްލީ އިންޓަވިއު ރޫމް ގާއިމްކުރުން ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީން ގއ. ވިލިނގިއްޔާއި ގދ. ތިނަދޫގައި ގާއިމްކުރި ކުޑަކުދިންނާ ރަހްމަތްތެރި އިންޓަވިއު ރޫމްތަކުގެ ތެރެއިން ވިލިނގިލީގައި ގާއިމްކުރި ތަން ހުޅުއްވައި ދެއްވައި މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީއަށް އެންމެ ގިނައިން ރިޕޯޓްކުރަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައް ކަމަށެވެ.

އެހެންކަމުން ތަހުގީގުގެ މަރުހަލާގައި ކުޑަކުދިންނަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އިންޓަވިއު ރޫމްތައް ފަދަ ވަސީލަތްތައް ގާއިމްކުރެވިފައި ހުރުން މުހިއްމު ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ގއ. ވިލިނގިއްޔާއި ގދ. ތިނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު (އެފްސީއެސްސީ)ތަކުގައި ގާއިމްކުރި ދެ އިންޓަވިއު ރޫމްތަކުގެ ތެރެއިން ވިލިނގިލީގައި ހުރި ތަން މިނިސްޓަރު ޒެނީޝާ ހުޅުވައިދެއްވި އިރު، ތިނަދޫގައި ހުރި ތަން ހުޅުއްވައިދެއްވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މަރިޔަމް ޖަބީނެވެ.

ޔުނިސެފް މޯލްޑިވްސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާ އެކު ގާއިމްކުރަން އަންނަ ކުޑަކުދިންނަށް ހާއްސަ އިންޓަވިއު ރޫމްތަކުގެ މަގްސަދަކީ ހާނީއްކައާއި އިހުމާލު އަދި އަނިޔާގެ ޝިކާރައަށް ވެފައިވާ ކުދިންނާ މުއާމަލާތްކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދީ، ކުޑަކުދިންނާ ގުޅުންހުރި ތަހުގީގުތައް ހަރުދަނާ ކުރުމެވެ.

އެގޮތުން، ގ. ނިލަންދޫ އަދި ދ. ކުޑަހުވަދޫގައި އެފަދަ އިންޓަވިއު ރޫމްތަކެއް މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ ގާއިމްކޮށްފަ އެވެ.

comment ކޮމެންޓް