ދެ ކޮރެއާ އެއް ޓައިމް ޒޯނަކަށް ބަދަލުވެއްޖެ

ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން އާއި އުތުރުގެ ލީޑަރު ކިމް ޖޮންގް އުން ޕީސް ހައުސްގައި -- ފޮޓޯ: އޭޕީ

ސޯލް (މޭ 5): އުތުރު ކޮރެއާއިން ދެކުނު ކޮރެއާގެ ޓައިމް ޒޯން ބޭނުން ކުރަން ފަށައިފިއެވެ.

އިއްޔެ އުތުރު ކޮރެއާގެ ގަޑިން 23:30ގައި އެގައުމުގެ ގަޑި ވަނީ 30 މިނިޓަށް އަވަސްކޮށްފައެވެ.

އުތުރުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އެއީ ދެކޮރެއާ ގުޅުވާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފުރަތަމަ ފިޔަވަޅެވެ.

މީގެ ކުރިން އުތުރު ކޮރެއާގެ ގަޑި ދެކުނު ކޮރެއާ އާއި ޖަޕާނުގެ ގަޑިއާ އަޅާ ބަލާއިރު 30 މިނިޓު ލަސް ވާނެއެވެ. އެގައުމުން 2015 ވަނަ އަހަރު ގަޑި ލަސްކުރީ "ޖަޕާނުގެ އިސްތިއުމާރާ ދެކޮޅު ހެދުމުގެ" ގޮތުންނެވެ. ސަބަބަކީ ޖަޕާނާ އެއްވަރަކަށް ކޮރެއާގެ ގަޑި ބަދަލުކުރީ، ކޮރެއާގައި ޖަޕާނުގެ ވެރިކަން އޮތް ދުވަސްވަރުގައެވެ.

މީގެ ކުރިން އުތުރު ކޮރެއާގެ ގަޑި ދެކުުނު ކޮރެއާއަށް ވުރެ 30 މިނިޓު ލަސް ވާނެ -- ފޮޓޯ: އީޕީއޭ

ނަވާރަސަތޭކަ ފަންސާހުގެ އަހަރުތަކުގައި ދެކުނު ކޮރެއާއިން ވެސް އެގައުމުގެ ގަޑި ބަދަލު ކުރިއެވެ. ނަމަވެސް 1960ގެ އަހަރުތަކުގައި އަނެއްކާވެސް ކުރިން އޮތް ގޮތަށް، ޖަޕާނާ އެއްހަމަ ކުރިއެވެ.

އުތުރު ކޮރެއާއިން އެބަދަލު ގެނައީ ދެ ކޮރެއާގެ ލީޑަރުން މިދިޔަ ހަފްތާގެ ހުކުރު ދުވަހު ބޭއްވި ބައްދަލުވުމަށް ފަހުގައެވެ. ދެ ކޮރެއާ ވަކިކޮށްދޭ ބޯޑަރުގައި އޮތް އެބައްދަލުވުމުގައި އުތުރުގެ ލީޑަރު ކިމް ޖޮންގް އުންއާއި ދެކުނުގެ ރައީސް މޫން ޖައެ އިން ވަނީ ކޮރެއާގެ ސުލްހައަށް މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ. (ބީބީސީ)

comment ކޮމެންޓް