ތިމަރަފުށީ ފްރެންޑްލީ ޕްލޭޔާސްއާއި އިނގުރައިދޫވެސް ތިންވަނަ ބުރަށް

ތިމަރަފުށީ ފްރެންޑްލީ ޕްލޭޔާސްއާއި އިނގުރައިދޫ ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާ ޝަމަޚް ޝަރީފް ---

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަން ތިންވަނަ ބުރަށް ތިމަރަފުށީ ފްރެންޑްލީ ޕްލޭޔާސް އެސްސީއާއި ޓީމު އިނގުރައިދޫވެސް ދަތުރުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރި 120 ޓީމުގެ ތެރެއިން ދެވަނަ ބުރަށް ދަތުރުކުރީ ފުރަތަމަ ބުރުގެ މެޗުތައް ކާމިޔާބުކުރި 60 ޓީމެވެ.

ދެވަނަ ބުރުގެ ހަތަރު މެޗު މިއަދު ހެނދުނުވެސް ވަނީ ކުޅެފައެވެ.

އެގޮތުން ޓީމު އިނގުރައިދުއިން، މ. ދިއްގަރުގެ ކްލަބު އޭކްސް ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޓީމް އިނގުރައިދޫގެ އިބްރާހީމް ސަފްރާޒް ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު ޖުމާނެވެ.

އޭކްސްގެ ގޯލްތައް ކާމިޔާބުކޮށްދިނީ ހަސަން ސައީދާއި އަލީ ހަމްޒަތު ހަމީދެވެ.

މިއަދު ހެނދުނު ކުޅުނު މެޗުގައި ތިމަރަފުށީ ފްރެންޑްލީ ޕްލޭޔާސްއިން އެފްސީ ރުމާލު އެކްސް ބަލިކުރީ 9-4ގެ ނަތީޖާއަކުންނެވެ.

ތިމަރަފުށީ ފްރެންޑްލީ ޕްލޭޔާސްގެ ޝަމަޚް ޝަރީފް ހަތަރު ގޯލް ޖެހި އިރު، އެޓީމުގެ މޫސާ ހަސަންފުޅާއި ޖުމައިލް ޖަމީލްވެސް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހައިފައެވެ. އެޓީމުގެ އަނެއް ގޯލް ޖެހީ އަހުމަދު ޔާމީނެވެ.

އެފްސީ ރުމާލު އެކްސްގެ ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް ޖަހައިދިނީ އަހުމަދު ނަދީމް މުހައްމަދެވެ. އަނެއް ދެ ގޯލް ޖަހައިދިނީ އަހުމަދު މަޚުތޫމް މުސްތަފާއާއި އަހުމަދު މުސްލިހެވެ.

މިއަދު ހެނދުނު ކުޅުނު އިތުރު މެޗުތަކަށް ބަލާ އިރު، ޓިނު އެފްސީގެ މައްޗަށް 4-2ގެ ނަތީޖާއަކުން ކުރި ހޯދައިގެން އެފްސީ ހަނދުވެސް ވަނީ ތިން ވަނަ ބުރަށް ދަތުރުކޮށްފައެވެ. އަދި ކްލަބު ގްރީން ސްޓްރީޓްސްއިން ވަނީ ޓީމް ބީވައިއެފްސީ 2-0ގެ ނަތީޖާއަކުން ބަލިކޮށް، ތިން ވަނަ ބުރަށް ދަތުރުކޮށްފައެވެ.

ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށް ދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މި އަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350,000 ރުފިޔާއެވެ.

comment ކޮމެންޓް