އެންމެ ގިނައިން މަތިންދާބޯޓު ދަތުރުކުރަނީ ކުއަލަ ލަމްޕޫރާ ސިންގަޕޫރާ ދެމެދު

މެލޭޝިއާ އެއާލައިންސްއާއި ސިންގަޕޯ އެއާލައިންސްގެ ދެ މަތިންދާބޯޓު -- ފޮޓޯ/ ގެޓީ

ދުނިޔޭގެ ވައިގެ ދަތުރުފަތުރުތަކުގެ ތެރެއިން އެންމެ ބިޒީ އެއާ ރޫޓަކީ މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރާއި ސިންގަޕޫރާ ދެމެދު އޮންނަ ރޫޓު ކަމަށް ހިސާބުތަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ އެއާ ޓްރެވަލް އިންޓެލިޖެންސް ކުންފުނި އޯއޭޖީ އޭވިއޭޝަނުން ބުނި ގޮތުގައި، މާޗު 2017 އިން ފެބްރުއަރީ 2018 އާ ދެމެދުގެ މުއްދަތުގައި، ކުއަލަ ލަމްޕޫރާއި ސިންގަޕޫރާ ދެމެދު 30،537 ފްލައިޓު ދަތުރުކޮށްފައިވެއެވެ.

ކުއަލަ ލަމްޕޫރާއި ސިންގަޕޫރާ ދެމެދު ދަތުރުކުރަނީ ހަތް އެއާލައިނެކެވެ. އެއީ މެލޭޝިއާގެ ގައުމީ އެއާލައިން މެލޭޝިއަން އެއާލައިންސްއާއި ސިންގަޕޫރުގެ ގައުމީ އެއާލައިން ސިންގަޕޯ އެއާލައިންސްއާއި ސިލްކް އެއާގެ އިތުރުން މަލިންޑޯ އެއާ، އެއާ އޭޝިއާ، ސްކޫޓު އަދި ޖެޓްސްޓާ ފަދަ ބަޖެޓު އެއާލައިންތަކެވެ.

މި އެއާލައިނުތަކުގެ ތެރެއިން މި ދެ މަންޒިލުގެ މެދުގައި އެންމެ ގިނަ ދަތުރުތައް ކޮށްފައިވަނީ މެލޭޝިއާގެ ބަޖެޓު އެއާލައިން އެއާ އޭޝިއާއެވެ. އެއީ އެ ރޫޓަށް ޚިދުމަތްދޭ އެންމެ ބޮޑު އެއާލައިންވެސް މެއެވެ.

ކުއަލަ ލަމްޕޫރާއި ސިންގަޕޫރާ ދެމެދު މަތިންދާ ބޯޓު މެދުވެރިކޮށް ދަތުރުކުރުމަށް ހޭދަވަނީ އެއް ގަޑިއިރެވެ. ދެ ސިޓީގެ ދެމެދުގައި ހައި ސްޕީޑު ރެއިލްވޭއެއް އެޅުމުގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ.

ދުނިޔޭގެ އެންމެ ބިޒީ ބައިނަލްއަގުވާމީ އެއާ ރޫޓުތަކުގެ ލިސްޓަށް ބަލާއިރު، އެންމެ ބިޒީ ހަތް ރޫޓަކީ އޭޝިއާގެ މަންޒިލުތަކުގެ ދެމެދުގައި އޮތް ރޫޓުތަކެކެވެ. އޭޝިއާއިން ބޭރުން އެންމެ ގިނަ ފްލައިޓު ދަތުރުކުރާ ރޫޓަކީ އެމެރިކާގެ ނިއުޔޯކުގެ ލަގާޑިއާ އެއާޕޯޓާއި ކެނެޑާގެ ޓޮރޮންޓޯ ޕިއާސަން އެއާޕޯޓާ ދެމެދު އޮންނަ ރޫޓެވެ. އެ ދެ މަންޒިލު ދެމެދުގައި އެ މުއްދަތު ތެރޭގައި 16،956 ފްލައިޓު ދަތުރުކުރިއެވެ.

comment ކޮމެންޓް