ރިޝްވަތުގެ މައްސަލައެއްގައި ސިރިސޭނާގެ ޗީފް އޮފް ސްޓާފް ހައްޔަރުކޮށްފި

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޗީފް އޮފް ސްޓާފް ވަނީ ކޮރަޕްޝަނުގެ މައްސަލައެެއްގައި ހައްޔަރުކޮށްފައި -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (މޭ 4): ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޗީފް އޮފް ސްޓާފް ޑރ. އައިއެޗްކޭ މަހާނަމަ، ރިޝްވަތުގެ މައްސަލައެއްގައި ހައްޔަރުކޮށްފި ކަމަށް އެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

ލަންކާގެ ކޮމިޝަން ޓު އިންވެސްޓިގޭޓް އެލެގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސީއައިއޭބީއޯސީ)ން ބުނި ގޮތުގައި ޑރ. މަހާނަމައާ އެއްކޮށް އެކޮމިޝަނުން ވަނީ ސްޓޭޓް ޓިމްބާ ކޯޕަރޭޝަން (އެސްޓީސީ)ގެ ވެރިޔާ ޕިޔަދާސަ ދިސާނަޔަކަވެސް ހައްޔަރުކޮށްފައި ވެއެވެ.

"މަހާނަމައާއި ދިސާނަޔާކަ ހައްޔަރުކުރީ ރިޝްވަތުގެ ގޮތުގައި 20 މިލިއަން ރުޕީސް (126،863 ޑޮލަރު) ނަގަނިކޮށް،" ސީއައިއޭބީއޯސީގެ ޑިރެކްޓަރ ޖެނެރަލް ސަރަތު ޖަޔަމަންނަ ވިދާޅުވިއެވެ.

ޖަޔަމަންނަ ވިދާޅުވި ގޮތުގައި ޑރ. މަހާނަމަ ވަނީ ދައުލަތުގެ ކުންފުންޏެއްގެ ހިއްސާ ގަންނަން ބޭނުންވާ އިންޑިއާގެ އިންވެސްޓަރަކު ރިޝްވަތުގެ ގޮތުގައި 100 މިލިއަން ޑޮލަރު ދިނުމަށް އަންގާފައެވެ.

އަދި މަހާނަމައާއި ދިސާނަޔާކަ ހައްޔަރު ކުރީ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 20 މިލިއަން ރުޕީސް ނެގުމަށް ކޮލަމްބޯގެ ލަގްޒަރީ ހޮޓަލެއްގައި ތިއްބާ ކަމަށް ޖަޔަމަންނަ ވިދާޅުވިއެވެ.

އެމައްސަލައާ ގުޅިގެން ރައީސް ސިރިސޭނާގެ އޮފީހުން ވަނީ ޑރ. މަހާނަމައާއި ދިސާނަޔަކަ ސަސްޕެންޑުކޮށްފައި ވާކަން އިއުލާނުކޮށްފައެވެ.

ސިރިސޭނާގެ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ހައްޔަރު ކުރީ، އެސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ލަންކާގައި މިދިޔަ ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރު ހިންގާ ކޯލިޝަނަށް ކާމިޔާބީ ނުލިބުނީވެސް އެފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ބައެއް ރިޕޯޓުތަކުގައި ވެއެވެ.

(ރޮއިޓާސް)

comment ކޮމެންޓް