ނިކަމެތި ދެމަފިރިން ފަރުވާ ހޯދަން އެހީއެއްގެ އިންތިޒާރުގައި

އިބްރާހިމް މޫސާ އަދި އޭނާގެ އަނބިމީހާ--- ފޮޓޯ/ އާއިލާ

ދިރިއުޅުމުގައި ދިމާވާ ކަމަކުން ހިއްވަރު އެލުވާލައިގެން ނުވާނެއެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ. އެކި މީހުންނަށް ދިރިއުޅުން އިމްތިހާން ކުރާނީ އެކި ގޮތްގޮތަށެވެ. އަމިއްލަ ސިއްހަތު ތަން ނުދިން ކަމުގައި ވިޔަސް ދަރިންނާ އާއިލާގެ ހައްގުގައި މަސައްކަތް ކުރާ މީހުންވެސް މިއަދު މަދެއް ނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ ހާލުގައެވެ.

އުފެދުމުގައި ނޫނަސް ދިމާވާ ކުއްލި ހާލަތެއްގެ ސަބަބުން އެ މީހަކު ނުކުޅެދުންތެރިކަން ހުންނަ ހާލުގައި ދިރިއުޅުން ވޭތުކުރާ ފަހަރު ވެސް އާދެއެވެ.

ސ. ހިތަދޫ އުމުރުން 55 އަހަރުގެ އިބްރާހިމް މޫސާއަކީ މިއަދު ދެލޮލުގެ ފެނުން ވެސް ގެއްލިފައިވާ މީހެކެވެ. ބަލި އަނތްބަކާ ތިން ދަރިންގެ ކަންތައްތައް، ލޮލަށް ނުފެނުނު ނަމަވެސް އެންމެ ފުރިހަމަ އަށް އަދާ ކުރެވޭތޯ އިބްރާހިމް ބަލައެވެ.

އިބްރާހީމްގެ ބަލި ހާލަތާ ގުޅޭގޮތުން ސަން ކުލުނުއާ ވާހަކަ ދައްކަމުން އޭނާ ބުނީ ލޮލުގެ ފެނުން އެއްކޮށް ދިޔައީ 2008 ވަނަ އަހަރުގައި ކަމަށެވެ.

ނަވާރަސަތޭކަ އަށްޑިހަ ތިންވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް މާލޭގައި ޕިކަޕް ދުއްވަން އުޅުނު އިބްރާހިމްގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުނީ އޭނާގެ ވައަތު ލޮލުގައި ނެގި މަސްކޮޅެއްގެ ސަބަބުންނެވެ.

"އޭރު ވަރަށް އުނދަގޫވި ޕިކަޕް ދުއްވަން. ލޮލުގައި މަސްކޮޅު އިނީމަ. އަވި އެޅުނީމަ ހީވަނީ ހަމަ އެއްކޮށް ލޮލުގެ ދުވަސް ދާހެން،" އޭނާ ބުންޏެވެ.

ލޮލުގެ މަސްކޮޅު ކަހާލުމަށް ހޮސްޕިޓަލަށް ދިޔަ ކަމަށާއި އަދި ހޮސްޕިޓަލުން ލޮލަށް ލޭޒާ އަލި އެޅުވީ ކަމަށް ވެސް އޭނާ ބުންޏެވެ. "އެވަގުތު ހީވީ ހަމަ ލޯ އެނދިހެން،" ވައަތު ލޮލުގައި މަސްކޮޅު އިނީމަ އަލި އެޅުވި ނަމަވެސް ޑަކްޓަރު ކަނައަތު ލޮލަށް ވެސް ލޭޒާ އަލި އެޅުވި ކަމަށްވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނިން ޑަކްޓަރު ކައިރީގައި ވައަތު ލޮލުގައެއް ނޫންހޭ މަސްކޮޅު އިނީ. ކީއްކުރަންހޭ ކަނައަތު ލޮލަށް އަލި އަޅުވަނީ،" އިބްރާހިމް ބުންޏެވެ.

އޭގެ ފަހުން ލޮލުގެ ފެނުން އެއްކޮށް ގެއްލި ދިޔަ ކަމަށް އިބްރާހިމް ބުންޏެވެ. އަދި ލޮލަށް ފަރުވާ ހޯދުމަށް އޭރު އިންޑިއާއަށް ދިޔަ ކަމަށާއި އެކޮޅުން ބެއްލެވި ޑަކްޓަރު ބުނީ ނާރު އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. އަދި ބެންކޮކް ނޫނީ ޗައިނާ ހިސާބަށް ގޮސް ނާރު ބަދަލުކޮށްގެން ލޮލުގެ ފެނުން އަލުން ލިބިދާނެކަމުގެ އުންމީދު ޑަކްޓަރުން ދީފައިވާކަމަށް ވެސް އޭނާ ސަން ކުލުނުއަށް ބުންޏެވެ.

"ވަރަށް ދަތި ދަރިންގެ ކަންތައް ކުރަމުން އަދި އަނބިމީހާގެ ކަންތައް ކުރަން ވެސް. އަނބިމީހާއަކީ ވެސް މިއަދު ބަލި މީހެއް. އޭނާއަށް ވެސް މީގެ ހަ ވަރަކަށް މަސް ކުރިން ޖެހުނީ ސްޓްރޯކެއް. އޭގެ ފަހުން އަމިއްލަ ކަންތަކެއް ވެސް އޭނާ އަކަށް ކޮށްނުލެވޭ،" އޭނާ އަސަރާ އެކީ ބުންޏެވެ.

އަންހެނުންނަށް އެދުވަހު ފުރަތަމަ ވާހަކަވެސް ނުދެއްކުނު ކަމަށާއި ރަށުން ފަރުވާ ހޯދައިގެން ވާހަކަ ދެއްކުނު ނަމަވެސް އޭނާގެ އަމިއްލަ ކަންތައްތައް ނުކުރެވޭ ކަމަށް އިބްރާހިމް ބުންޏެވެ.

ތިން ދަރިންނަކީ ވެސް 18 އަހަރުން ދަށުގެ ތިން ކުދިން ކަމަށާއި ދަރިންގެ ހައްގުގައި ވެސް އަނބިމީހާ އަދި އިބްރާހިމްވެސް ރަނގަޅުވާން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

"އަންހެނުންނާ އަހަރެންނަށް ލިބެނީ 2،000 ރުފިޔާ. އެއިން ގިނަ ފަހަރު އޮންނަނީ އަނގަޔާ އަތާ ދިމާނުވެފައި. ދެކޮޅު ނުޖެހޭ ގިނަ ފަހަރަށް،" އޭނާ ބުންޏެވެ.

އިތުރު ފަރުވާއަށް ބޭރަށް ގޮސްގެން އަންހެނުންވެސް ރަނގަޅު ވާނެ ކަމުގެ އުންމީދު ޑަކްޓަރުން ދީފައިވާ ކަމަށާއި މިވަގުތު ބޭނުންވަނީ ދީލަތި އެހީ ކަމަށްވެސް އިބްރާހިމް ބުންޏެވެ.

"ތިން ކުދިންގެ ހައްގުގައި. ބޭނުން ކުދިންކޮޅަށް ރަނގަޅު ތައުލީމަކާ ރަނގަޅު މުސްތަގްބަލެއް ހޯދައިދޭން،" އޭނާ ބުންޏެވެ.

ބޭރަށް ގޮސް ފަރުވާ ހޯދުމަކީ މާލީ ގޮތުން އަދި އަޅުގަނޑުމެންނަށް ތަންދޭ ކަމެއް ނޫން. އެކޮޅުގައި ހޭދަވާނެ ދުވަސްތަކަކީ ގިނަ ހަރަދުތަކެއް ހިނގާނެ ދުވަސްވަރެކެވެ.

އިބްރާހިމް އެދެނީ އޭނާ އަށާއި އޭނާގެ އަނބިމީހާއަށް ތިޔަބޭފުޅުންގެ ކުޑަ ނަމަވެސް މާލީ އެހީތެރިކަމެއް ދިނުމަށެވެ.

އިބްރާހިމް މޫސާ އަދި ޝާދިޔާ ހަސަންއަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 7607740

ބީއެމްއެލް އެކައުންޓް ނަންބަރު: 7708387078101 (އިބްރާހިމް މޫސާާ އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް