މާލޭ ކޮޅުން ބްރިޖުގެ ހުރިހާ ތަނބެއް ގުޅާލައިފި

މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ބްރިޖުގެ މައި ތަނބުތަކާ ހަމައަށް މާލޭކޮޅުން ހުރި ހުރިހާ ތަނބެއް ކޮންކްރީޓް ބްރިޖް ޑެކް އަޅާ، ގުޅުވާ ނިމިފައި --- ފޮޓޯ މިނިސްޓަރު މުއިއްޒު/ޓްވިޓާ

މާލެ އާއި ހުޅުލެ އާ ދެމެދު އަޅާ މޯލްޑިވްސް - ޗައިނާ ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތުގެ ތެރެއިން، މާލޭ ކޮޅުން ބްރިޖްގެ ހުރިހާ ތަނބެއް ގުޅާލައިފި އެވެ.

އެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ ޓްވިޓާގައި ބްރިޖުގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަޕްޑޭޓުތައް އާންމު ކުރައްވަމުންނެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ބްރިޖުގެ މައި ތަނބުތަކާ ހަމައަށް މާލޭކޮޅުން ހުރި ހުރިހާ ތަނބެއް ކޮންކްރީޓް ބްރިޖް ޑެކް އަޅާ، ގުޅުވާ ނިމިފައިވާ ކަމަށެވެ.

ގުޅުވާލެވިފައި ވަނީ މާލޭ ކޮޅުން 540 މީޓަރުގެ ދިގުމިނުގެ ރާސްތާއެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ބްރިޖުގެ މަސައްކަތަށް ބަލާއިރު މިހާރު ކުރިއަށްދަނީ ބްރިޖުގެ މައިތަނބުތަކާ ގުޅާލާ ސްޓީލް ބޮކްސް ގާޑާތައް ހަރުކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް މާޗް މަހު ފަށާފައިވާ އިރު ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު އޭރު ވަނީ ވިދާޅުވެފަ އެވެ.

އެ މަސައްކަތް ނިމުމުން ބްރިޖުގައި ތާރުއެޅުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ބްރިޖް މަތިން މީހުން ދަތުރު ކުރަން ފަށާނެ ކަމަށެވެ.

ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4626 މިލިއަން ރުފިޔާ) ޚަރަދުވެ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާ އިން ދޭނީ ލޯނު އެހީގެ ގޮތުގަ އެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯ މީޓަރު، އަދި ބުރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ އެވެ. ބްރިޖުގައި ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާފައިދާ މީހުންނަށް ވަކި ލޭނެއް ވެސް އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ބްރިޖާ ގުޅިގެން ހަދަން ޖެހޭ މަގުތައް ހެދުމުގެ މަސައްކަތް މާލެ އާއި ހުޅުލެ އަދި ހުޅުމާލޭ ކޮޅުން ވެސް ބާރަށް ކުރިއަށްދާއިރު ބްރިޖުގެ މަތިން ދަތުރުކުރާ މީހުންނަށް ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލް އިން އަންނަނީ ތައްޔާރު ވަމުންނެވެ.

comment ކޮމެންޓް